Sunday, January 13, 2013

ޤައުމީ ދުވަހާއި ޤައުމިއްޔަތު

 
އަބްދުއްލަތީފް
މިއަދަކީ އަޅުގަނޑުމެންގެ ޤައުމީ ދުވަހެވެ. އެދުވަހަކަށްޓަކައި އަޅުގަނޑުމެން އުފާވެ ފަޚުރުވެރިވާ ޤައުމީ ދުވަހެވެ. ރާއްޖެ ދެމިއޮތްހައި ދުވަހަކު ދިވެހިން ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާނެއެވެ. އުފާވެރިކަމާ ފަޚުރުވެރިކަމާއެކުގައެވެ.
ޤައުމީ ދުވަސް އަޅުގަނޑުމެން ނިޞްބަތް ކުރަނީ އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނަށެވެ. އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ނަސަބުގެގޮތުން ނަމަ ތިލަދުންމަތި އުތުރުބުރި އުތީމު ކަޅުއަލީތަކުރުފާނުގެ ޙުސައިން ޚަޠީބުތަކުރުފާނުގެ ދަރިކަލެކެވެ. މަންމާ ފުޅަކީ އާމިނަތު ދިޔޯ އެވެ.

އަޅުގަނޑުމެންގެ ޤައުމީ ދުވަސް އުތީމު މަހާރަދުންނަށް ނިޞްބަތްކުރަނީ އެމަނިކުފާނުގެ ނަންފުޅަކީ ވަކި ނަންފުޅަކަށް ވެގެނެއް ނޫނެވެ. އެމަނިކުފާނު އިސްވެ ހުންނަވައި އިސްލާމް ދީނާއި ޤައުމަށްޓަކައި ކޮށްދެއްވި ޖިހާދުގެ މަތިވެރިކަމުންނެވެ. އެ ޖިހާދުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މާތްﷲ މިންވަރު ކުރެއްވެވި ނަޞްޜާއި ކާމިޔާބީގެ ސަބަބުންނެވެ.
ރާއްޖެ އާއި ހަނގުރާމަކޮށް ރާއްޖޭގެ ވެރިކަމުގައި ހުންނެވި އަލިރަސްގެފާނު ޝަހީދުކޮށް ރާއްޖޭގެ ވެރިކަމަށް އަރައިގަނެ، ރާއްޖޭގެ ރައްޔިތުން އަޅުވެތިކޮށް ބޮޑެތި އަނިޔާތައް ކުރަމުން ގެންދިއަ، އޭރު ދުނިޔޭގެ އެންމެ ގަދަ ފަދަ އެއްބާރު، ޚާއްޞަކޮށް ކަނޑުފޭރުމުގައި މިހާރު ސޯމާލިޔާ އަދާކުރަމުންދާ ދައުރު އަދާކުރި ޕޯޗުގީޒުންނާއި ދެކޮޅަށް ހަނގުރާމަކުރައްވައި ދިނާއި ޤައުމަށް ހޯއްދަވައިދެއްވި މަތިވެރި ކާމިޔާބީގެ ހަނދާނުގައެވެ.
މިކަމުގެ ވާހަކަތައް ތަފާތު ފޮތްތަކުން ފެންނަން އެބަހުއްޓެވެ. އެހެންކަމުން އަޅުގަނޑު ބަލާލަން ބޭނުންވަނީ މިކަމުގައި ދިވެހިންނަށް ލިބުނު އިބުރަތްތަކަށެވެ.
ފެންނަން އޮތް ރާޖޭގެ ތާރީޚަށް ބަލާއިރު ފުރަތަމަ ފަހަރަށް ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިއައީ ޕޯޗުގީޒުން ރާއްޖޭގެ މިނިވަންކަން އަތުލައިގަތުމުންނެވެ.
ތާރީޚު ބުނާގޮތުން ހިޖުރައިން ،965 މީލާދީން 1557 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އިސްކުރެވުނު އައްސުލްޠާން ޢަލީ (ހަވަނަ) ސިރީއައުދަސިއާކަ ކައްތިރި މަހާރަދުން ތަޚުތުގައި އިށީނދެވަޑައިގެންނެވިތާ ދެ މަހާއި ފޮއި ދުވަސް ވީތަނާ ޕޯޗުގީޒުން ގިނަ އަދަދެއްގެ ގުރާބުތަކެއްގައި ބަރުހަތިޔާރާއެކު އައިސް ހަނގުރާމަކޮށް އަލި ރަސްގެފާނު ޝަހީދުކުރުމަށްފަހު ރާއްޖޭގެ މައްޗަށް ޕޯޗުގީޒުން ގަދަވެގަތީއެވެ.
ޕޯޗުގީޒުން ރާއްޖޭގައި ވެރިކަން ކުރަމުންގެންދިއަގޮތުގެ ވާހަކަތައްވެސް ތާރީޚުން ފެންނަން އެބަހުއްޓެވެ. ހިތަށް އެރި މީހަކު މަރައި ބޭނުންވި އަންހެނެއްގެ އިއްފަތް މަގުމަތީގައި ފޭރުމަކީވެސް އެމީހުންގެ އެންމެ ޢާއްމު ކަންކަމެވެ.
އެވަރުން ފުދުނީއެއް ނޫނެވެ. އެމީހުންގެ އެންމެ ބޮޑު މަޤްޞަދަކަށްވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ޞަލީބީ ދީނަށް ވެއްދުމެވެ. ގަދަބާރުންނެވެ. ރާއްޖޭގެ އެންމެހާ ރައްޔިތުންނަކީ ބަނގުރާ ބޯ ބައަކަށް ހެދުމެވެ. އެންމެފަހުން އިއުލާނުކުރީ އަމިއްލައަށް ނުބޯނެ ނަމަ ގަދަކަމުން ކަރަށް އަޅާނެ ކަމަށެވެ.
މިހިސާބުން އަޅުގަނޑުމެން ބަލައިލަންވީ މި ނިކަމެތި ހާލަތު ދިވެހިންނަށް ކުރިމަތިވާން މެދުވެރިވި ސަބަބަށެވެ. އެ ސަބަބުވެސް ވަރަށް ސާފުކޮށް ތާރީޚުން ފެންނަން އެބައޮތެވެ.
ހިޖުރައިން 1556 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އިސްވެވަޑައިގެންނެވި އައްސުލްތާން މުޙައްމަދު ސިރީސިންގާ  ބަވަނަ މަހާރަދުން ރާއްޖޭގެ ވެރިކަން ކުރައްވާތާ ދެ އަހަރާއި ހަތަރު މަސް ދުވަސް ވީތަނާ މިރަދުންގެ އެއްބަނޑު އެއްބަފާ ކޮއްކޮ، މަޝްހޫރު ނަމުންނަމަ މުރުތައްދު ހަސަނު މިރަދުން ޤަތުލުކޮށް ރާއްޖޭގެ ވެރިކަމަށް އެރިއެވެ.
ހިޖުރައިން 957 ވަނަ އަހަރު މުރުތައްދު ހަސަނު، އައްސުލްތާން ޙަސަން (9 ވަނަ) ސިރީދިރިކުސަލޯކަ މަހާރަދުންގެ ނަމުގައި ރާއްޖޭގެ ވެރިކަން ކުރަންފެށިއެވެ. ވެރިކަމުގައި ދެ އަހަރާއި ފަސް މަސްދުވަހު ހުރުމަށްފަހު މުރުތައްދުވެ އެކަން ފާޅުކުރިއެވެވެ. އަދި ފުރައިގެން އިންޑިއާގެ ކޮޗިންއަށް ގޮސް ކޮޗިންގެ ފައްޅިއެއްގައި ސަލީބީން ދީނަށް ވަދެ އެކަން އިއުލާނު ކުރިއެވެ.
ކޮޗިންގައި ދެ އަހަރެއްހައި ދުވަހު ހުރުމަށްފަހު މުރުތައްދު ހަސަނު ދިއައީ ގޯވާ އަށެވެ. ގޯވާއަށް ގޮސް ސަލީބީންގެ ޤަދަރުވެރި އަންހެނަކާއި ކައިވެނި ކުރިއެވެ.
އެވަރަކުން ވެސް މުރުތައްދު ހަސަނުގެ ހިތް ހަމަޖެހޭނެ ގޮތެއް ނުވިއެވެ. މުރުތައްދު ހަސަނު ބޭނުންވީ ރާއްޖޭގެ އެންމެހާ ރައްޔިތުންވެސް އޭނާ ފަދައިން މުރުތައްދު ކުރުވާށެވެ. ސަލީބީ ދީނަށް ވެއްދުމަށެވެ.
އެކަމުގެ ދަހިވެތިކަމުގާ ރާއްޖެއިން ލިބޭ އާމްދަނީން ބޮޑުބައެއް ދިނުމަށް ވަދުވެ، ރާއްޖޭގެ ހުރިހާ ވަޒީރުން ހިފާ ހައްޔަރުކޮށްގެން ކޮޗިންއަށް ގެނައުމަށް ގުރާބެއް ފޮނުވިއެވެ. މާތްﷲ އިރާދަފުޅާއެކު އެ ޤުރާބަށް އެއްވެސް ކާމިޔާބީއެއް ނުލިބެއެވެ. ދިވެހިން އެ ގުރާބާއި ހަނގުރާމަކޮށް ގުރާބާއި އޭގައި ތިބި މީހުން އަތުލައިގަތީއެވެ.
” .. ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނަށް އޮތް ވަރުގަދަ ލޯތްބަކީ ފަސޭހައިން ގުޑުވާ ލެވޭ ވަރުގެ އެއްޗަކަށް ނުވިއެވެ. ދިވެހިރާއްޖޭގެ ރައްޔިތުން، އިބްރާހީމް  ފާށަނާކިލެގެގެ ދަރިކަލުން އަބޫބަކުރާއި އަލްވަޒީރު އަބްދުއްރަޙްމާން ޢަލީ އާއި ދެކަލުންގެ ވެރިކަމުގެދަށުގައި ޕޯޗުގީޒުންނާއި ދިމާކޮށްލީ ޖޯޝާއި ފޯރިއާއި އެކުގައެވެ. ހިތްވަރާއި ފަންވަރާއި އެކުގައެވެ. ނަތީޖާއެއް ކަމުގައިވީ ޕޯޗުގީޒުންގެ ގުރާބު، ދިވެހިން އަތުލައިގަތުމާއި، އެގުރާބުގައިވާ އެންމެން ހިފައި ހައްޔަރުކޮށް ނުވަތަ މަރާލުމެވެ. .. މުޙައްމަދު އަމީން”
މިވަރަކުން މުރުތައްދު ހަސަނުގެ ހިތްހަމަ ޖެހޭގޮތެއް ނުވިއެވެ. ގުރާބަކަށްފަހު ގުރާބެއް ފޮނުވައި ރާއްޖެ އާއި ހަނގުރާމަކުރަމުން ގެންދިއައެވެ. ފޮނުވާ ގުރާބުތަކާއި ހަނގުރާމަވެރިންގެ އަދަދު އިތުރުކުރަމުން ގޮސް އެންމެފަހުން ކާމިޔާބު ހޯދީއެވެ. އަލިރަސްގެފާނު ޝަހީދުކޮށް ރާއްޖޭގެ ވެރިކަމަށް ވެރިވެގަތީއެވެ.
ރާއްޖޭގެ ރަށްތަކަށް ޕޯޗުގީޒުން ފޮނުވައި ރަށްތަކަށްވެސް ވެރިވެގަތީއެވެ. މިކަންކަމުން ސަލާމަތްވެ ތިބެވުނީ އެކިއެކި ސަބަބުތަކާހުރެ އެމީހުންނަށް ނޭރުނު މަދު ރަށްރަށުގެ މީހުންނަށެވެ.
ޕޯޗުގީޒުން ރާއްޖޭގައި ވެރިކަންކުރި އަނިޔާވެރިގޮތުގެ ވާހަކަތައް އެއީ ލިޔެ ކޮޅުންލާނެ ލިޔުންތަކެއް ނޫންކަމުން އެބައިވެސް މިހިސާބުން ކުރުކޮށްލާނަމެވެ. އަޅުގަނޑުމެން މިއަދު ހާޞިލުކުރަންވީ އިބްރަތާއި ދިމާއަށް ފުރޮޅިލާނަމެވެ.
ދިވެހިންނަށް މިހާލު ޖެއްސުވީ ކާކުތޯއެވެ؟ ދިވެއްސެކެވެ. މުރުތައްދު ހަސަނެވެ. ޕޯޗުގީޒުންގެ ވެރިކަން ރާއްޖޭގައި ދެމިއޮތެވެ. 17 އަހަރަށްވުރެ ގިނަ ދުވަހުއެވެ.
މިހާދިގު މުއްދަތެއްގާ ޕޯޗުގީޒުން ރާއްޖޭގެ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނައްތާލަން ކުރި ބުރަ މަސައްކަތް ދިވެހިން ވަނީ ބަލައި ނުގެންފައެވެ. ތަފާތު ބޮޑެތި އަނިޔާތައް ކުރަމުން ގެންދިއައިރުވެސް ދިވެހިން ވަނީ ދިވެހިން ތިބި މާތްވެގެންވާ އިސްލާމް ދީން ދުލެއް ނުކުރެއެވެ. މުރުތައްދެއް ނުވެއެވެ. ޕޯޗުގީޒުންނާ ބައިވެރިއެއް ނުވެއެވެ. ދިވެހިން ވަނީ ދިވެހިން ދެމިތިބޭނީ އިސްލާމް ދީނުގައިކަން ފުރިހަމައަށް ސާބިތުކޮށްދީފައެވެ. އެކަން އަމަލުން ދައްކައިދީފައެވެ.
އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލުމަހުގެ ފުރަތަމަ ދުވަހެވެ. މިއަދަކީ 1432 ވަނަ އަހަރުގެ ރަބީއުލްއައްވަލުމަހުގެ ފުރަތަމަ ދުވަހެވެ.
އޭގެ އެތައް އަހަރެއްފަހުން މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމީ ދުވަހާއި ކުރިމަތިލާއިރު އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަން އޮތް ހާލަތާއިމެދު މިފަދަ ޤައުމީ ދުވަހެއްގައި ވިސްނައިލުމަކީ ޤައުމީ ވާޖިބެއްކަމަށް ހެދުމާމެދު ވިސްނުން ކީއްތޯއެވެ؟ އެއްފަހަރަށްވުރެ ގިނަފަހަރު ވިސްނުން ކީއްތޯއެވެ؟
ޤައުމީ ދުވަހަކީ އުފާވެރި ދުވަހެއް ކަމަށާ ” ދެ ހާޖީންނާއި ދަންޑެހެލު ގޮވައިގެން އޭގެ ތިން ބަޠޮލުން ކުރެއްވެވި ޖިހާދުގެ މަތިވެރިކަމުގެ ވާހަކަ “ހަމައެކަނި ދުލުން ދައްކަން ތިބެގެން މިއަދު ފުއްދައިލެވެން އެބައޮތްތޯއެވެ! ސަލީބީ ހަނގުރާމައިގެ ޝިކާރައަކަށް އަޅުގަނޑުމެން މިއަދު ވެފައިވާ މިންވަރާއިމެދު ފަށްފަށުން ވިސްނެވުން ކީއްތޯއެވެ!
އަޅުގަނޑުމެންގެ ކާބަފައިންގެ ހިތްތަކުގައި ޤައުމާއި އިސްލާމް ދީނަށް އޮތް މަތިވެރި ލޯތްބާއި އިޙްތިރާމާއި ޤަދަރުގެ މަތިވެރިކަމާމެދު ވިސްނާލުމުން އިޙްޞާޞްކުރެވޭ އުފަލާއި ހިތްހަމަޖެހުން މިއަދު އަޅުގަނޑުމެންނަށް ފުރިހަމަަ އިބްރަތަކަށްވާކަން އެއީ ޤަބޫލުކުރަންޖެހޭނެ ހަޤީޤަތެކެވެ. ދެބަސްވެ ބަހުސް ކުރެވެން ނެތް ކަމެކެވެ.
ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަ ބައެއް މަންޒަރު ވަރަށް ތަފާތެވެ. ހިތާމަވެރިއެވެ. އަލްޣާޒީ މުޙައްމަދު ތަކުރުފާނާއި ހަސަން ތަކުރުފާނާއި ޢަލީ ތަކުރުފާނާއި އެ 3 ބެއިންނާއިއެކު އެ މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދެ ހާޖޖީންނާއި ދަންޑެހެލުގެ ވާހަކަ ދެކެވުނު ނަމަވެސް ބައެއް ފަހަރު އިވޭ އަޑަކީ ހަމަ އެކަނި ޝައްކެއްގެ މައްޗަށް ބިނާކޮށް ދައްކާ ކޮންމެވެސް ނުރަނގަޅު ވާހަކައެކެވެ. އައިބު ވާހަކަ އެކެވެ. އެބޭކަލުން ކުރެއްވެވި މަތިވެރި ޖިހާދާއި އެކަމުން ޤައުމަށް ލިބުނު ފައިދާގެ ހަޤީޤަތް އޮންނަނީ އެއް ފަރާތް ކުރެވިފައެވެ.
މިފަދަ ކަންކަން ކުރަނީ އަޅުގަނޑުމެންގެ ހިތްތަކުން ޤައުމީ ލޯބި ފޮހެލުމުގެ ބޭނުމުގައެވެ. ޤައުމީ ބަތޮލުން ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަގެ ހަޤީޤަތް އޮޅުވާލައި ޤައުމިއްޔަތާ ދުރަށް ގެންދިއުމަށެވެ. އިސްލާމް ދީނާއި ދުރަށް ޖައްސުވައި ސެކިޔިލަރ ވިސްނުން އިތުރު ކުރުވުމަށެވެ.
މި ސިފަތައް އަޅުގަނޑުމެންގެ ކިބައިން ފެންނަން ފެށީ ދާދި ފަހުންނެވެ. ފާއިތުވީ ފަންސަވީހަކަށް އަހަރުގެ ތެރޭގައެވެ. ވެރިކަމުގެ ބޮޑުން ނޫން އެހެން މީހުންނަކީ އެއްވެސް ބައެއް ނޫންކަން ރައްޔިތުންނަށް ވިސްނައިދީ ޤައުމުގެ މާޒީ ފޮހެލުމުގެ ރޫޙުގައެވެ.
މިސާލަކަށް ދަންނަވާނަމަ ޤައުމަށްޓަކައި ހަނގުރާމަކުރައްވައި ޝަހީދުވި އަލިރަސްގެފާނުގެ ވާހަކަ ދެކެވޭނަމަ ބައެއް ފަހަރު ދެކެވެނީ ތާރީޚީ ވާހަކައެއްގެ ގޮތުގައި ދޫދޫ މަތިން ކިޔާއުޅުމުގައި، އަޑުއަހާމީހުންގެ ސަމާލުކަން ހޯދުމަށް ވާހަކަ ކިޔުންތެރިން އެއްކޮށްފައި ހުރި ބައެއް ކަންކަމުގެ ވާހަކައެވެ. އަލީ ރަސްގެފާނު ޤައުމަސްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ވާހަކަ އޮންނަނީ އެއްކިބާ ކުރެވިފައެވެ.
ހަމަ އެފަދައިން ބައެއް ފަހަރު މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އަގުހުރި ޚިދުމަތްތައް ކޮށްދެއްވި ބަތޮލުންގެ ވާހަކަ ދެކެވޭއިރު އެ ބަތޮލުންގެ ނިޔަތް އެނގޭކަމަށް ހަދައިގެން ވާހަކަ ދެކެވެއެވެ. ބޭކަލުން ކަންކަން ކުރެއްވި ނިޔަތާއި މެދު މިއަދު އަޅުގަނޑުމެން ބަހުސްކުރުމަށް އޮތީ ކޮން ހައްޤެއްތޯއެވެ؟ އެކަންކަމުގެ ތާޜީޚް ލިޔެވުނީވެސް އެތައް ސަތޭކަ އަހަރެއް ފަހުން ކަމަށްވާއިރު އެކަންކަން ހިނގައި ދިއަގޮތާއިމެދު ސުވާލު އުފެއްދުމަކީ ކިހިނަކުން ކުރެވެން އޮތް ކަމެއްތޯއެވެ!
އަލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގެ ތަރީޚު ސްކޫލްތަކުގައި އޭރުގެ ފެންވަރުން ވަރަށް ރަނގަޅަސް ކިޔަވައިދެވުނެވެ. އެއަށްފަހު ޖެހިގެން އައި ވެލާނާގޭ އިބްރާހީމް ނާޞިރުގެ ވެރިކަމުގައިވެސް ކިޔަވައިދެވުނެވެ. ނަމަވެސް ނިމިގެންދިއަ ވެރިކަމުގައި މާޒީގެ ވާހަކަ ދެއްކުމާއި ތާރީޚުގެ ވާހަކަ ދެއްކުން ވެގެން އައީ ހަމަ އެކަނި ޖަލްސާތަކުގައި އަހަރަކު އެއްފަހަރު ދެކެވޭ ވާހަކަތަކަކަށެވެ. މިހާރުގެ ސަރުކާރުން މިކަމަށް ދޭ ސަމާލުކަން ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާކަން މަގުމަތިންނާއި ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކުން ދަނީ ފެންނަމުންނެވެ.
ވީމާ ޤައުމީ ދުވަހުގެ ވާހަކަ އަޅުގަނޑުމެން މިއަދު ދައްކާއިރު މިދެންނެވި ކަންކަމުގެ މަތީން ވިސްނައި ފިކުރު ނުކުރާނަމަ ޤައުމީ ދުވަސް ފާހަގަކުރުމުގެ މަޤްޞަދެއް އޮތްކަމާމެދު ސުވާލުކުރެވެއެވެ.
އަޅުގަނޑުމެންނަކީ ތައުލީމީ ބައަކަށް ވެވިދާނެއެވެ. ފުދުންތެރި މަހުޖަނުން ކަމަށްވެސް ވެވިދާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަމާއި ޤައުމީ ރޫޙު ދަމަހައްޓަން ބޭނުންނަމަ މިދެންނެވި ކަންކަމަށް ވިސްނައި އިޞްލާޙުވުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ދެކެމެވެ.
ޤައުމެއް ދިރޭނީ ޤައުމުގައި ޤައުމު ދިރުވުމުގެ ރޫޙު ހުރެގެންނެވެ. ޤައުމީ ރޫޙު އުފެއްދުމަށް ބޭނުންވަނީ ޤައުމީ ލޯތްބެވެ. އެ ލޯބި އުފެދޭނީ ޤައުމުގެ ހަޤީޤަތް އެނގި ޤަބޫލުކުރެވިގެންނެވެ. ޤައުމުގެ މާޒީ އާއިމެދު ވިސްނައި ފިކުރުކުރުމުގެ ޝައުޤުވެރިކަން އުފެއްދިގެންނެވެ.
ޤައުމެއްގެ ޤައުމިއްޔަތު ކުރިއަރައިދާނީ އެބައެއްގެ ކަންކަން ބައްޓަންކުރާ ގޮތަކަށެވެ. ގުޅުންބަދަހިކޮށް ބަލައިގަންނަ ޤައުމުތަކުގެ ދައުރަކީ ވެސް މުހިއްމު ކަންކަމެވެ. ގްލޯބަލައިޒްޑް ވުމުގެ ނަމުގައި ޔޫރަޕްގެ ފިނި ހިސާބުތަކުގައި އަބަދު ލާ ކޯޓުތައް ލައިގެން އެ ޘަޤާފަތް ދައްކައިގެން މުޅިރާއްޖޭގައި ރަތްދައްކާ އަވީގައި އެންމެން ހަރަކާތްތެރިވުމަކީ އަޅުގަނޑުމެންގެ ޤައުމީ ރޫޙު އާލާކުރެވޭނެ ކަމެއް ނޫނެވެ.
ޕޯޗުގީޒުންގެ ވެރިކަމުގައި ރާއްޖޭގގައި ވެރިއަކަށް ހުރީ އަނދިރިއަނދިރިންނެވެ. ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި ޤައުމިއްޔަތު ނައްތާލަން މަސައްކަތްކުރުމުގައި އިސްވެ ހުރީ މިދެންނެވި އަނދިރިއަނދިރިންނެވެ.
މިއަދު މިޤައުމުގައި ތިބީ ކިތައް އަނދިރިއަނދިރިން ކަން އެނގެނީ ކިހިނަކުންތޯއެވެ؟ އެއިރު އަނދިރިއަނދިރިން ވަކިކުރަން އެނގުނެވެ. މިއަދު ތިބި އަނދިރިއަނދިރިން ވަކިކުރެވިދާނެތޯއެވެ؟
ބައެއް އަނދިރިއަނދިރިންނަކީ އަޅުގަނޑުމެންގެތެރެއިން އުފެދިފައިތިބި ރާއްޖޭގެ ރައްޔިތުންނެވެ. ބޭރުން އައިސް އުޅޭނަމަ އުޅޭނީ ހިލޭސާބަހަށް މަސައްކަތްކުރާ ވޮލަންޓިއަރަކަށް ހެދިގެންނެވެ. ނުވަތަ ރާއްޖެއަށް ކޮންމެވެސް ކަމެއް ކޮށްދޭން އުޅޭ މީހަކަށް ހެދިގެންނެވެ.
ޕޯޗުގީޒުން ރާއްޖެ ހިފައި ރާއްޖޭގެ ކަންކަން އެމީހުން ބޭނުންވާ ގޮތްތަކަށް ބަދަލުކުރުމަށްޓަކައި ރާއްޖޭގެ ވެރިކަމަށް އަނދިރިއަނދިރިން އިސްކުރުމަށްފަހު އަނދިރިއަނދިރިންގެ އެންމެ އިސް އެހީތެރިއަކަށް އައްޔަނުކުރީ ވިޔަޒޯރެވެ. މިއަދު ވިޔަޒޯރު ފެންނާނީ އެހެން ސިފައެއްގައެވެ.
ޕޯޗުގީޒުންގެ ވިޔަޒޯރު އެދުވަހު އަދާކުރި ދައުރު މިއަދު އަދާކުރާ ވިޔަޒޯރުން ވަރަށް ގިނައެވެ. ކޮންމެ ގެއެއްގައިވެސް ވިޔަޒޯރުތަކެވެ. ކޮންމެ މީހެއްގެ މުށުތެރޭގައިވެސް ވިޔަޒޯރެކެވެ. މިދަންނަވަނީ އިންޓަރނެޓް ކަނެކްޝަންތަކުގެ ވާހަކައެވެ.
އަޅުގަނޑުމެންގެ ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ނުވަތަ ޤައުމިއްޔަތު ދިރުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ސިޔާސީ ފިތުނަވެރިކަމެވެ. އެހެން ޤައުމުތަކުން ފެންނަނީ ސިޔާސީ ވާދަވެރިކަމެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އަދިވެސް މިފެންނަނީ ސިޔާސީ ފިތުނަވެރިކަމެވެ.
އެކަމުގެ ނޭދެވޭ އަސަރު ދަނީ މުޅި މުޖުތަމައަށް ކުރަމުންނެވެ. އަނބި ފިރިވަންތަކަން ރޫޅެމުން ދަނީއެވެ. ދަރިވަންތަކަން ގެއްލެމުންދަނީއެވެ. ކޮންމެވެސް ސިޔާސީ ޕާޓީއަކަށް ތާއީދުކުރަން ހަދައިގެންނެވެ. ކޮންމެ ވެސް މީހެއްގެ ސިޔާސީ ފިކުރު ވިއްކަން މަސައްކަތްކުރަން ހަދައިގެންނެވެ.
ޤައުމުގެ ޤައުމިއްޔަތު ދިރުވައި އާލާކުރަން މަސައްކަތްކުރަން ވިސްނާއިރު މިދެންނެވި ކަންކަމުން ސަލާމަތްވުމަށްވެސް ވިސްނައި އަމަލުކުރަން އެބަޖެހެއެވެ. ތިމާގެ ދީނީ، ޢާއިލީ، އިޖުތިމާޢީ މަސްއޫލިއްޔަތު ތަކުގެ ކުރިއަށް ސިޔާސީ ކޯޅުން ނެރެ ދެބަސްވުންތަކުން އަޅުގަނޑުމެންނަށް ސަލާމަތް ވެވިގެން ނޫނީ އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫހު އިތުރުކުރުވައި ޤައުމީ ލޯބި ޖެއްސުވުމުގެ ގޮތުން ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރެވުނީ ހިޖުރައިން 1365 ވަނަ އަހަރު އެވެ. އޭރު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ހުންނެވި އަލްއަމީރު މުޙައްމަދު އަމީނުގެ އިސްނެންގެވުމުންނެވެ. ޤައުމީ ދުވަހަކީ ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަން ކުރެވުނު ދުވަސްކަމަށްވާ 1 ރަބީއުލްޢައްވަލު ކަމުގައި ކަނޑައެޅުއްވީ އަލްއަމީރު މުޙައްމަދު އަމީން އެވެ. އެހެންކަމުން ޤައުމީ ދުވަހުގެ ވާހަކަ ދައްކާނަމަ އަލްއަމީރު މުޙައްމަދު އަމީންގެ މަތިން ހަނދުމަކުރުމަކީވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ޤަބޫލުކުރަމެވެ.
(މިލިޔުމުގައި ތާޜީޚުތައް ބަލާފައި އެވަނީ ރާއްޖޭގެ ތާރީޚަށާއި ތައުލީމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އަލްއަމީރު މުޙައްމަދު އަމީން ގެ ލިޔުއްވުންތަކުންނެވެ. އެހެން ބައެއް ބޭކަލުންގެ ލިޔުއްވުންތަކުގައި ތަފާތެއް ހުރުމަކީ އެކަށީގެންވާކަމެކެވެ.)

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ