Tuesday, June 24, 2014

އިހަވަންދޫ ސިއްޙީ މަރުކަޒުން ޢާއިލީ ޑޮކްޓަރަށް ރަޖިސްޓްރީކުރަން ފަށައިފި.

ޢާއިލީ ޑޮކްޓަރަށް ރަޖިސްޓްރީކުރުން އިހަވަންދޫ ސިއްޙީ މަރުކަޒުގައި ކުރިއަށް ދަނީ
ފެމެލީ ޑޮކްޓަރުގެ ޚިދުމަތް އިހަވަންދޫ ޞިއްޙީ މަރުކަޒުގައި ފެށުމަށްޓަކައި، ފެމެލީ ޑޮކްޓަރަށް މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް، 23 ޖޫން 2014 ވީ ހޯމަދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:00 އަށް އެ މަރުކަޒުގައި ކުރިއަށް ގެންދާކަމުގައި އިހަވަންދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

އަދި އެމަރުކަޒުން މަޢުލޫމާތު ދެއްވާ ގޮތުގައި ސަރުކާރުގެ ސޯޝަލް އިންޝިއުރެންސް ނިޒާމު [އާސަންދަ] ގެ ދަށުން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން ޞިއްޙީ ޚިދުމަތް ހޯދުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތަކު މި ނިޒާމަށް ރަޖިސްޓްރީ ވާންޖެހެއެވެ.
''ރަޖިސްޓްރޭޝަންގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް. އެހެންކަމުން ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި މިރެޖިސްޓްރޭޝަންގެ އެންމެހައި ކަންކަން ނިންމުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ. ކޮންމެ ބޭފުޅަކުވެސް 03 ޖުލައި 2014 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން އައިޑީކާޑާއެކު މަރުކަޒަށް ދުރުވެ، ފޯމު ނެންގެވުމަށްފަހު ފޯމުފުރުއްވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަން ޖެހޭނެ.'' މިވަގުތު އިހަވަންދޫ ސިއްޙީ މަރުކަޒު ހަވާލުވެ ހުންނެވި އަޙްމަދު ޢުބައިދުﷲ ވިދާޅުވިއެވެ.
ޢާއިލީ ޑޮކްޓަރުންގެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވަށާޖެހޭ ޞިއްޙީ ޚިދުމަތް ވީހާވެސް ރައްޔިތުންނާއި ގާތުން  އަދި ވަކިވަކި ފަރުދުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ތައާރަފްކުރެވޭ ޚިދުމަތެކެވެ. މިނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނީ ޢާއިލީ ޑޮކްޓަރެއްގެ ގޮތުގައި ކަނޑައަޅާ މެޑިކަލް އޮފިސަރެއްގެ އިތުރުން ދެ ނަރުހުންނާއި އިތުރު ޞިއްޙީ ޚިދުމަތްތެރިއެއް އެކުލެވޭ ޓީމަކުންނެވެ. މި ޚިދުމަކީ ސަރުކާރުން ދެމުންގެންދާ "އާސަންދަ" އިންޝިއުރެންސް ނިޒާމުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރުވާއެއް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރެވޭ ޚިދުމަތެކެވެ.
އާއިލީ ޑޮކްޓަރެއްގެ މައިގަނޑު ޒިންމާއަކީ ކޮންމެ ދިވެހި ރައްޔިތަކަށް ނުވަތަ ކޮންމެ ދިވެހި ޢާއިލާއަކަށް ބޭނުންވާ އަސާސީ ޞިއްޙީ ފަރުވާ ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައް ކުރުމެވެ.
މިގޮތުން ޢާއިލީ ޑޮކްޓަރު ދެއްވާ ޚިދުމަތްތަކުގެ ތެރޭގައި:
·        ބަލިދެނެގަތުމާއި ބަލިބައްޔަށް ފަރުވާކުރުން ( އާންމުކޮށް ބަލިމީހުން ބެލުން)
·        އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް އެފަރުވާ ދިނުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންތައްތައް އިންތިޒާމުކުރުން.
·        ކަނޑައެޅޭ ވަކި އުސޫލެއްގެ މަތިން ގޭގެއަށް ޒިޔާރަތްކޮށް ބަލިމީހުންނަށް ދޭންޖެހޭ ފަރުވާ ދިނުން.
·        ތަފާތު އެކިބަލިބަލީގެ ސަބަބުން ދާއިމީކޮށް ފަރުވާ ހޯދަމުން ގެންދާ ފަރާތްތަކަށް އެ ބަލިބައްޔާއި ބެހޭގޮތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުން.
·        ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތާވަލްކޮށްގެން ޒިޔާރަތްކޮށް ދޭންޖެހޭ ފަރުވާ ދިނުން.
·        ބަލިމީހުންގެ ރިކޯޑްތައް ފުރިހަމަކޮށް ދުވަހުން ދުވަހަށްބެލެހެއްޓުމާއި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.

އަދި މިނޫނަސް ޢާއިލީ ޑޮކްޓަރުގެ ޚިދުމަތަށް ރަޖިސްޓްރީކުރުމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި އިހަވަންދޫ ސިއްޙީ މަރުކަޒުގެ ނަންބަރު 6500501 އާ ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ނުވަތަ، ރަސްމީ ގަޑީގައި އެމަރުކަޒަށް ދުރުވެ އެމަޢުލޫމާތެއް ސާފުކުރެއްވުމަށް އިހަވަންދޫ ޞިއްޙީ މަރުކަޒުން އެދިލައްވައެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ