Thursday, May 01, 2014

ފާނަބަސަންދު

ތަޢްރީފް
ފާނަބަސަންދު (ޗިކަން ޕޮކްސް) އަކީ ވައިރަހެއްގެ ޒަރީއާއިން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި ޖައްސާ ވައިރަހަކީ ހާރޕީޒް ވައިރަހުގެ 8 ވައްތަރުގެ ތެރެއިން ވެރިސެލާ ޒޮސްޓަރ ކިޔާ ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުން ޝިންގްލްސް (ހާރޕީޒް ޒޮސްޓަރ) ކިޔާ ބައްޔެއްވެސް ޖެހެއެވެ.

އާންމުކޮށް ފާނަބަސަންދު ޖެހެނީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލިޖެހެއެވެ. އަދި ހޫނުގަދަ ޤައުމުތަކުގައި މިބަލި ފެތުރޭ މިންވަރު އިތުރުކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ކޮންމެ އަހަރެއްގެ މާރޗް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މި ބަލި ފެތުރޭ މިންވަރު ގިނަކަންވެސް ފާހަގަކުރެވެއެވެ.
ފާނަބަސަންދު ފެތުރޭގޮތް

ފާނަބަސަންދަކީ ވަރަށް ފަސޭހައިން ފެތުރޭ ނުރައްކައުތެރި ބައްޔެކެވެ. މި ބަލި އާންމުކޮށް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ. ބަލި ޖެހިފައިވާ މީހާ ކެއްސާ ކިނބިހި އެޅުމުގެ ސަބަބުން ނޭވާލާ ނިޒާމުގައިވާ ލޮނދި ފަށަލައިގައި ހުންނަ ޖަރާސީމުތައް އެހެން މީހުންގެ ހަށިގަނޑަށް ވާޞިލުވެއެވެ. އަދި ހަމަ އެހެންމެ މިބަލި ޖެހިފައި ތިބޭ މީހުންގެ ހަމުގައި ހުންނަ ބްލިސްޓަރސް (ޕޮކްސް) ތަކުން އަންނަ ދިޔަ އެހެން މީހުންގެ ގައިގައި ޖެހި އެތެރެހަށްޓަށް ވައިރަސް ފޯރުމުންވެސް މިބަލި ޖެހެއެވެ. މި ބްލިސްޓަރސްތައް ފެނުމުގެ އެކެއް ނުވަތަ ދޭއް ދުވަސް ކުރިންނާއި ބްލިސްޓަރސްތައް ރަނގަޅުވެ ކުރަމަގާލި ލައި ނެތިދާ ފަހުންވެސް ބަލި ޖެހިފައިވާމީހާގެ ފަރާތުން ބަލި ފެތުރެއެވެ. މިގޮތުން ބަލިމީހާ ގެންގުޅޭ ތަކެއްޗާއި ނިދާތަނުގައި މިވައިރަސް ހުންނާނެތީ، މިކަމަކީ އެހެންމީހުންނަށް މިބަލި ފެތުރޭނެ މަގަކަށް ވާތީ ވީހާވެސްބޮޑަށް އެކަމަށް ސަމާލުވެ ރައްކާތެރިވުން މުހިންމެވެ.
ފާނަބަސަންދު ޖެހުމުން ފެންނާނެ ޢަލާމަތްތައް
ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ 14 ނުވަތަ 16 ދުވަސް ފަހުން ބަލީގެ އަލާމާތައް ފެންނަން ފަށައެވެ. ނަމަވެސް ދިފާއީ ބާރު ދަށް މީހުންނަށް މި އަލާމާތްތައް ފެންނަން ފަށަނީ 10 ދުވަހާއި 21 ދުވަހާ ދޭތެރޭގައެވެ. މި އަލާމާތްތަކުގެ ތެރޭގައި:
1.      ވަރުބަލިކަން އިހްސާސްކުރެވުން
2.      ހުންއައުން: 38°C (100.4F) އިން 39.4°C (103F) ގެ މިންވަރަކަށް ހުމުގެ އަސަރު ހުރުން
3.      ކާހިތްނުވުން
4.      ބޮލުގައި ރިއްސުން
5.      ކެއްސުން
6.      ކަރަށް ތަދުވުން
7.      ބަނޑުގައި ރިއްސުން
8.      ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން: ފުރަތަމަ ހަންގަނޑު ހިރުވުމަށްފަހު ހަންގަނޑުގައި ރޭޝަސް އުފެދެއެވެ. ފަހުން މި ރޭޝަސްތައް ބްލިސްޓަރސް (ފެންއަރާފައި ހުން ބިހި) ތަކަކަށް ބަދަލުވެއެވެ. ދޮންމީހުންގެ ގައިގައި މި ބިހިތައް ހުންނާނީ ރަތްކޮށެވެ. އާދައިގެ ކުއްޖެއްގެ ގައިން 250 އާއި 500 އާ ދެމެދުގެ އަދަދަކަށް މިޒާތުގެ ބިހި ފެނެއެވެ.
މިދެންނެވި އަލާމާތްތައް ކުޑަކުދިންގައި ފެންނަލެއް ކުޑަވާނެއެވެ. ނަމަވެސް ފުރާވަރުކުދިންނާއި ބޮޑެތި މީހުންގެ ކިބައިން އެ އަލާމާތްތައް ފެންނަލެއް ބޮޑުވާނެއެވެ. ވެކްސިން ޖަހާފައި ތިބޭ ކުދިންނަށްވެސް މިބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ވަރަށް ކުޑަކޮށެވެ. ބިހިތައްވެސް ފެންނާނީ ވަރަށް މަދު އަދަދަކަށެވެ. ގާތްގަނޑަކަށް 30 އަކަށް ބިއްސަށްވުރެވެސް މަދުންނެވެ. މިފަދަ ކުދިންގެ ކިބައިންވެސް އެހެން މީހުންނަށް މި ބަލި ފެތުރޭނެއެވެ. މިބަލި ޖެހޭތާ 5 ދުވަހާއި 7 ދުވަހާ ދޭތެރޭ ކޮންމެ ދުވަހެއްގައި އައު ބިހިތަކެއް ފެންނާނެއެވެ.
ފާނަބަސަންދުގެ ނުރައްކައުތެރިކަން
މި ބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑީ ތުއްތު ކުދިންނަށާއި ފުރާވަރު ކުދިންނާއި މާބަނޑު މީހުންނަށެވެ. އަދި މީގެ އިތުރުން ދިފާއީ ނިޒާމު ދަށް މީހުންނަށް މިބަލީގެ ނުރައްކައުތެރިކަން ވަކިން ބޮޑެވެ. މިބަލި ޖެހުމަށްފަހު ހަށިގަނޑުގައި މި ބަލީގެ ދިފާއީ ނިޒާމު އުފެދުނެއްކަމަކު ހަށިގަނޑުގައި މި ބަލިޖައްސާ ޖަރާސީމު އުޅެއެވެ. އެހެންކަމުން އުމުރުގެ ފަހުކޮޅުގައި ޝިންގްލްސް ކިޔާ ބައްޔެއް ޖެހުމަށް މަގުފަހިވެއެވެ. މާބަނޑު މީހުންނަށް މި ބަލީގެ ނުރައްކައުތެރިކަން ވަކިން ބޮޑެވެ.
1.      މާބަނޑު ވާތާ ކުރީކޮޅު މިބަލި ޖެހިއްޖެނަމަ، ދުވަސް ނުފުރާ ވިހެއުމާއި ބައިގެންދިއުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
2.      މާބަނޑު ދުވަސްވަރުގެ ފަހުކޮޅު މި ބަލި ޖެހިއްޖެނަމަ، ނިއުމޯނިޔާ ޖެހުމަށް މަގުފަހި ވެއެވެ. ނިއުމޯނިޔާ އަކީ ސިއްޙަތު ރަނގަޅު މާބަނޑު އަންހެނުންނަށް ޖެހިއްޖެނަމަ، ފުރާނައަށް ވެސް ނުރައްކާވާ ބައްޔެކެވެ.
3.      މާބަނޑު އަންހެނަކަށް ފުރަތަމަ 20 ހަފްތާގައި ފާނަބަސަންދު ޖެހިއްޖެނަމަ، ލިބޭ ދަރިފުޅަށް ކޮންޖިނެޓަލް ވެރިސެލާ ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އަދި ހަމަ އެހެންމެ އަންނަނިވި ކަންކަން ކުއްޖާގެ ކިބައިން ފެނިގެން ދިޔުމުގެ ފުރުޞަތު ވެސް ބޮޑެވެ.
·        ކުއްޖާ އައިބު ވުން.
·        ވިހާއިރު ބަރުދަން ލުއިވުން
·        ފިޓްޖެހުން
·        ވިސްނުންކޮށިވުން
·        ޝިންގްލްސް ޖެހުން (ފާނަބަސަންދު ޖައްސާ ވައިރަހުން ޖެހޭ ހަންގަނޑު ކުރަކިވެ ތަދުވާ ބައްޔެއް)
·        މަރުވުން (ކޮންޖިނެޓަލް ވެރިސެލާ ޖެހިގެން ކޮންމެ 100 އަކުން 7 ކުދިން މަރުވެއެވެ.)
4.      ވިހަން ކައިރިވެފައި ވަނިކޮށް މައިމީހާއަށް ފާނަބަސަންދު ޖެހިއްޖެނަމަ، ވިހާ ދަރިފުޅަށް އެ ބަލިޖެހި، އެބަލީގެ ނުރައްކާ ދަރިފުޅަށް ވަރަށް ބޮޑުވެއެވެ.
ބަލީގެ ފަރުވާ
ފާނަބަސަންދަކީ ހަންގަނޑުގައި ރޭޝެސް އުފެދި ހިރުވާ ބައްޔަކަށް ވުމާއެކު އެފަދަ ތަންތަން ނުހިރުވައި ވޭތޯ ބަލަންވާނެއެވެ.
ފާނަބަސަންދަކީ ބައެއް ހާލަތްތަކުގައި ވަރަށް ނުރައްކައުތެރި ބައްޔަކަށްވާތީ، ބަލީގެ ކުރީކޮޅު ޑޮކްޓަރަކަށް ދައްކައިގެން ޤަވާއިދުން ފަރުވާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މި ބަލީގެ ގޮތުން އެހެން މީހުންގެ ގަޔަށް ބަލިފެތުރުނަ ނުދިނުމަށްޓަކައި ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންޖެހޭނެއެވެ.
ބަލިޖެހުމުގެ ކުރިން ފާނަބަސަންދުން ރައްކާތެރިވުމަށްޓަކައި ކަނޑައަޅާފައިވާ ވެކްސިން ދިނުމަކީވެސް މިބަލިން ރައްކާތެރިވުމަށްޓަކައި އެޅިދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ