Wednesday, January 29, 2014

ހުމާއި އަރިދަފުސް ރޯގާއެއް ފެތުރެމުން ދާތީ އާންމުން ސަމާލުވުމަށް އިހަވަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސްކޮށްފި.

މިދުވަސްވަރު އިހަވަންދޫގައި ހުމާއި އަރިދަފުސް ރޯގާއެއް ވަރަށް ބޮޑަށް ފެތުރެމުން ދާތީ ސަމާލު ވުމަށް އިހަވަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ.

މިގޮތުން ހުން އައިސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން މިދުވަސްވަރު އިތުރުވަމުން ދާކަން ފާހަގަ ކުރެވިފައިވާކަމަށާއި، މިރޯގާ ޖެހިއްޖެނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމާއި، މިގޮތުން ހުމުގެ ރޯގާ ފެތުރުން ހުއްޓުވުމަށްޓަކައި ކައިބޯތަކެތި ތާޒާކޮން ބޭނުންކުރުމާއި ތަރުކާރީއާއި މޭވާ ދޮވެ ސާފުކޮށްގެން ބޭނުން ކުރުމާއި، ކައިބޯތަކެތި ތައްޔާރު ކުރުމާއި ކެއުމުގެ ކުރިން ރަނގަޅަށް އަތް ދޮވުމާއި ގޯތި ގެދޮރާއި ނަފުސުގެ ތާހިރުކަމާއި ދިރިއުޅޭ ވެށީގެ ސާފުކަން ދެމެހެއްޓުމަށް މިދުވަސްވަރު ޚާއްޞަ ސަމާލު ކަމެއް ދެއްވުމާއި ފެން އެއްވެ ހަރުލާއި، ވެށީގެ ރައްކާތެރިކަން ގެއްލި މަދިރި ފެތުރޭފަދަ ވަސީލަތްތައް ނައްތާލުމަށްވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް މިދުވަސްވަރު ދެއްވުމަކީ ރައްކައުތެރިކަމަށްޓަކައި ވަރަށް މުހިއްމު ކަމެއްކަމުގައި އެމަރުކަޒުން ވަނީ ހާމަކުރައްވާފައެވެ. އަދި، މިދުވަސްވަރަކީ، ހޫނުގަދަވުމުގެ ސަބަބުން ހިރަފުސްބޯ ދުވަސް ވަރަކަށްވާތީ މުހިއްމު އިމަރޖެންސީއަކާއި ނުލާ ބޭކާރުގޮތުގައި ވެހިކަލް ދުއްވުމާއި އާދަޔާ ޚިލާފަށް ބާރަށްދުއްވުމަކީވެސް ރޯގާ ފެތުރުމަށް މަގުފަހިވާނެ ކަމެއްކަމުގައިވާތީ އެކަމާއި މެދުވެސް ސަމާލުކަން ދެއްވުމަށް އެ މަރުކަޒުން ކޮށްފައިވާ އިޢްލާނުގައި ވެއެވެ.
އަދި އުޅުމާއި ގުޅުމުގައި، ކެއުމާއި ބުއިމުގައި ބަލި ފެތުރޭ ކަންތައްތަކުން ދުރުހެލިވުމަކީ ވަރަށް މުހިއްމު ކަމަކަށް ވާތީ އެންމެހާ ރައްޔިތުންވެސްއެގޮތަށް ޢަމަލު ކުރެއްވުމަށްވެސް އެމަރުކަޒުން އެދިލައްވައެވެ.
އިހަވަންދޫ ސިއްޙީ މަރުކަޒުގެ ސީނިއަރ ކޮމިޔުނިޓީ ހެލްތް އޮފިސަރ އަޙްމަދު ރަޝީދު ވިދާޅުވީ، އެ މަރުކަޒުން ކޮށްފައިވާ އިޢްލާނުގައިވާ ގޮތުގެ މަތިން ރައްޔިތުން ޢަމަލުކުރު ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި މިފަދަ ރޯގާތައް އަވަހަށް ކޮންޓްރޯލް ކުރުމަށްޓަކައި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކުރިއެކޭވެސް އެއްގޮތަށް ލިބިގެން ދާނެކަމުގައި އުންމީދުކުރާކަމުގައެވެ.
''ރޯގާއާއި ގުޅިގެން މަޝްވަރާއާއި މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އިހަވަންދޫ ހެލްތް ސެންޓަރުގެ ޕަބްލިކް ހެލްތް ޔުނިޓުގެ ކަމާބެހޭ ފަރާތްތަކާއި ގުޅުއްވަމުން ގެންދެވުން އެދެން! ރަސްމީ ގަޑިތަކުގައި ގުޅުއްވާނީ އިހަވަންދޫ ސިއްހީ މަރުކަޒުގެ ނަންބަރު 6500501 އަށް އަދި އެހެނިހެން ގަޑިތަކުގައި 7941755 (އަޙްމަދު ރަޝީދު) އަށް '' އިތުރަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

މިގޮތުން މި ޖެނުއަރީމަހުގެ ތެރޭގައި އެކަނިވެސް 148 ބަލިމީހުން ހުންއައިސް އަރިދަފުސް ރޯގާޖެހިގެން އިހަވަންދޫ ސިއްޙީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމުގައި އެ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ