Wednesday, September 11, 2013

އުސްތާޛުލް ޖީލް އައްޝައިޚުލް އުސްތާޛުލް މުޙައްމަދު ޖަމީލު ދީދީ

ޖަމީލް ދީދީއުސްތާޛުލް ޖީލް އައްޝައިޚުލް އުސްތާޛުލް މުޙައްމަދު ޖަމީލު ދީދީއަކީ މާފަންނު ދަރަވަންދޫގޭ ޢަބްދުﷲ ދީދީއަށާއި މާލޭ ފެންފޯއްގަނޑުވަރު އައިމިނަތު ދީދީއެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 16 ޖުމާދިލްއައްވަލް 1333 ހ. (1 މެއި 1915 މ.) ވީ ހޮނިލިރު ދުވަހު އިރުއެރުމާ ދާދި ކަރިވެފައި ވަނިކޮށް މާފަންނު ދަރަވަންދޫ ގޭގައެވެ.

ދިރިއުޅުއްވުން.
އައްޝައިޚުލް އުސްތާޛުލްމަރުޙޫމް މުޙައްމަދު ޖަމީލު ދީދީއަކީ ވަރަށް ސާދާ ދިރިއުޅުއްވުމެއް އުޅުއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ މުރާލިކަމުގެ ރީތި ނަމޫނާއެކެވެ. ވަގުތަށް ކަމޭހިތްތެވުމުގެ މިސާލެކެވެ. މިހެންގޮސް ވަޢުދެއް ކޮށްފިނަމަ އެވަޢުދެއް ފުއްދައި، އަމާނާތަށް ޚިޔާނާތެރިނުވެ ތެދުބުނުން ފަދަ ރީތި ސިފަތަކުގެ ނިމޫނާއެކެވެ. އަދި ތަރުތީބު ބޭފުޅެކެވެ. މުޙައްމަދު ޖަމީލު ދީދީއަކީ ދީނަށް ހުރުމަތްތެރިކޮށް ހިތްތެރިވުމުގެ އިތުރުން އިންސާނީ ރީތި ސިފަތަކަކީ ޙަޔާތުގެ ޝިޢާރުކަމުގައި ހެއްދެވި ބޭފުޅެކެވެ.
ޢިލްމު އުނގެނުން.
މަރުޙޫމް މުޙައްމަދު ޖަމީލު ދީދީއަކީ ޢިލްމަށް ލޯބިކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ޢިލްމު ޙާސިލްކުރެއްވީ އެމަނިކުފާނުގެ ލޮބުވެތި މާމަ ދަރަވަންދޫގޭ ތުތްތުމަނިކެއާއި ބައްޕަ ދަރަވަންދޫގޭ ޢަބްދުﷲ ދީދީގެ އަރިލުންނެވެ. ދެން ވަޑައިގަތީ ބޮޑުބޭބެ ޙުސެއިން ޞަލާހުއްދީނުގެ އަރިހަށެވެ. ދޮންބޭބެ އައްޝައިޙް މުޙައްމަދު ސަޢީދު ދީދީ އަލްއަޒުހަރީގެ އަރިހުންނާއި، އަލްމަދަރުސަތުލް ސަލާޚިއްޔާ ނުވަތަ އަލްމަދަރުސަތުލް ސަނިއްޔާ ( ފަހުން އަލްމަދަރުސަތުލް މަޖީދިއްޔާ ) އިންނެވެ. އޭގެ ފަހުން މިޞްރުގެ އިބްތިދާއީ މަދަރުސާއެއް ކަމަށްވާ މަދަރުސަތުލް މުޙައްމަދު ޢަލީ އަލްޙައިރިއްޔާއިންނާއި އަދި އަޒުހަރު ޔުނިވާސިޓީންނެވެ.
ޤައުމީ ޚިދުމަތުގައި.
އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީއަކީ ޤައުމީ ޚިދުމަތުގައި އެފަދަ ދެވަނައެއްނެތް ފުންނާބު އުސްބޭފުޅެކެވެ. އެމަނިކުފާނު ދިވެހި ޤައުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ދިވެހިރާއްޖޭގެ އުދަރެހުން ދުވަހަކުވެސް ފިލައިގެން ނުދާފަދަ ޚިދުމަތްތަކެކެވެ. ސަރުކާރުގެ ތަފާތު ސާޅީހަކަށް ވަޒީފާ ފުރުއްވިއިރު ކަތީބު ކަމާއި ސެކްރެޓަރީކަމުގެ މަޤާމުން ފެށިގެންގޮސް ޤައުމުގެ އެންމެ ޤަދަރު ބޮޑު، މަސްޢޫލިއްޔަތު ބޮޑު މަޤާމުތައް ވަނީ ފުރުއްވައިފައެވެ. އޭގެތެރެއިން އުއްތަމަ ފަނޑުޔާރުކަމާއި މުނިސިޕަލްޓީގެ ރައީސްކަމާއި ބަންޑާރަ ނައިބުކަމަކީ ފާހަނގަ ކޮށްލެވޭފަދަ ޚިދުމަތްތަކެވެ. މުޙައްމަދު ޖަމީލު ދީދީ ޚިދުމަތްކުރެއްވުމުގައި ފާހަނގަ ކޮށްލެވެނީ ހަމައެކަނި މިރޮނގުތަކަކުންނެއް ނޫނެނެވެ. ދިވެހިބަހާއި، ތާރީޚަށާއި ޘަޤާފަތަށްވެސް ޚިދުމަތްކުރެއްވިއެވެ. ޖަމީލު ދީދީގެ ކޮންމެ ލިޔުއްވުމަކީވެސް އަދި ކޮންމެ ނަސޭހަތަކީވެސް ޤައުމަށްޓަކައި ކުރެއްވި ޚިދުމަތެކެވެ. އެމަނިކުފާނުގެ ޚިދުމަތްތައް ދިވެހި ޤައުމަށް ނުލިބޭ އެއްވެސް ރޮނގެއް ނެތެވެ. އެހެންކަމުން މައުމޫނު ޢަބްދުލް ޤައްޔޫމު ވަނީ މުޙައްމަދު ޖަމީލު ދީދީގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން  އެމަނިކުފާނަށް “ދިވެހި ރާއްޖޭގެ އުސްތާޛުލް ޖީލު” ގެ ލަޤަބު އަރުވާފައެވެ.
ދީނީ ރޮނގުގައި ކުރެއްވި ޚިދުމަތްތައް.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި މަރުޙޫމް ޖަމީލު ދީދީއަށް އެންމެ ބޮޑު ޤަދަރާކާއި ޢިއްޒަތެއް ދެވިފައިވަނީ އެމަނިކުފާނު ދީނީ ރޮނގުގައި ކުރެއްވި ޚިދުމަތްތަކާ ގުޅިގެންނެވެ.  އެމަނިކުފާނު ވަނީ ތަފާތު އެތައް މަޖައްލާއެއްގެ އެޑިޓަރުކަމާއި މިނޫންވެސް މަޤާމުތައް ފުރުއްވާފައެވެ. ދީނީ ރޮނގުން އެންމެ ގިނައަދަދަކަށް ދީނީ ފޮތް އެކުލަވައިލެއްވި ބޭފުޅެއްކަމުގައި އަޅުގަނޑު ދެކެނީ މުޙައްމަދު ޖަމީލު ދީދީއެވެ. ދީނިއްޔާތާއި، ތަޢުލީމުއްދިޔާނާގެ ފޮތްތަކާއި، ދުރޫސުލްއަޚްލާޤާއި، އިރުޝާދުލްއަނާމާއި އަދި އަލްއިސްލާމްފަދަ ފޮތްތަކަކީ މިއަދުވެސް ދިވެހިންގެ ތެރޭގައި ބޭނުންކުރެވެމުންދާ ފޮތްތަކެކެވެ. މީގެއިތުރުންވެސް އެމަނިކުފާނުވަނީ “އައްޝުޢުލާ” ގެނަމުގައި ދީނީ މަޖައްލާއެއްގެ މުޙައްރިރުކަންވެސް ކުރައްވާފައެވެ. އަދި ކީރިތި ޤުރުއާނުގެ ވަރަށް ގިނަ ސޫރަތްތަކުގެ މާނަވެސް އެމަނިކުފާނު ލިޔުއްވިއެވެ.
މިހާރު ދިވެހި ރާއްޖޭގައި ނެރެވެމުންދާ “ދީނުގެމަގު” ނޫހަކީވެސް އެމަނިކުފާނުގެ ޚިޔާލުފުޅާ އެއްގޮތަށް ލިޔެވިފައިވާ ނޫހެކެވެ. ޓީވީން ފޮނުވި އެންމެ ސީދާ ތެދުމަގު ފަދަ ޕްރޮގްރާމްތަކަކީ އެމަނިކުފާނުގެ ނަޞޭޙަތާއި ވަޢުޟު ގިނައަދަދަކަށް އެކުލެވިގެންވާ ޕްރޮގްރާމްތަކެކެވެ. އެމަނިކުފާނު ދީނީ ރޮނގުން ކުރައްވައިފައިވާ ޚިދުމަތްތަށް ފާހަނގަކުރައްވައި އެމަނިކުފާނަށްވަނީ      ”އުޖާލާވި ރަންތަރި” ގެ ޝަރަފުދެއްވާފައެވެ.
ދަރުމަވަންތަ މިސްކިތުގައި ހުކުރު ކުރްން ފެށުނު ދުވަސް. ޖްމީލް ދީދީ މެދުގައި. މިއީމާލޭގައި ފުރަތަމަ ފަހަރަށް ދެމިސްކިތެއްގައި ހުކުރުކުރަން ފެށުނު ދުވަސް . މިއީ 5 ޑިސެމްބަރު 1958
ބަހަށް ކުރެއްވި ޚިދުމަތްތައް.
އައްޝައިޚުލް އުސްތާޛުލް މަރުޙޫމް މުޙައްމަދު ޖަމީލު ދީދީއަކީ ދިވެހިބަހަށް އެންމެ ގިނަ ޚިދުމަތްކޮށްދެއްވި އުސްތާޛޭވެސް ދެންނެވިދާނެއެވެ. މިސަބަބާހުރެ އެމަނިކުފާނަށްވަނީ ބަހަށް ޚިދުމަތްކުރެއްވުމުގެ ޤައުމީ ޝަރަފު ލިބިވަޑައިގެންފައެވެ. ކުޑަކުދިން ދިވެހި ބަހަށް ފާގަތިކުރުމުގެ ގޮތުން ކުޑަކުދިންގެ ބަގީޗާ 1 އާއި 2 އަދި ދިވެހިކިޔުން 1 އާއި 2 ވަނީ އެމަނިކުފާނު ނެރުއްވާފައެވެ. ހަމައެފަދައިން ދިވެހިބަހުގެ ޤަވައިދު ބަޔާން ކުރައްވާ އެމަނިކުފާނުވަނީ ފޮތެއް އެކުލަވައިލައްވާފައެވެ. ދިވެހިބަސް ރީތި ގޮތުގައި ބޭނުންކުރެއްވުމަށް މުޙައްމަދު ޖަމީލު އަބަދުވެސް ބާރުއެޅުއްވިއެވެ.
ލިޔުންތެރިކަމުގެ ރޮނގުގައި.
މަރުޙޫމް މުޙައްމަދު ޖަމީލަކީ ލިޔުންތެރިންގެ “ރޫޙީ ބައްޕަ” ކަމުގައި އަލްއުސްތާޛު ޢަބްދުﷲ ޙަމީދުވަނީ ވިދާޅުވެފައެވެ. އަޅުގަނޑު ދެކޭގޮތުގައި އެމަނިކުފާނަކީ އެންމެ ކުޅަދާނަ ލިޔުންވުންތެރިޔާއެވެ. އެމަނިކުފާނުގެ ލިޔުންތެރިކަމުގެ ޤާބިލިޔަތު ހާމަވެގެންދާ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އެންމެ ފުރަތަމަ ޢިބާރާތުގެ ސާދާކަމާއި ކުރުކަމެވެ. ކިޔާލަން ފަސޭހަކަމެވެ. ބަހުގެ ބަލާޢާތެރިކަމާއި ޝައުގުވެރިކަން އުފެދޭގޮތަށް ބަސް ގެނައުމަކީވެސް އެމަނިކުފާނުގެ ލިޔުންތަކުންފެނިގެންދާ ކަމެކެވެ. ތެދުތެދަށް ދަންނަވާނަމަ ޖަމީލު ދީދީގެ ލިޔުންތައް އަމާޒުނުވާ އެއްދާއިރާއެއްވެސްނެތެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުންތަކުގެ ލޮނުހެޔޮވަރުކަމާއި، ސާދާކަމާއި، އޮއްޓަރާއި ބަސްމޮށުންތެރިކަމައި އެކުވެފައިވާ ‘ފަސްމީރު’ ލިޔުންތަކެއް އެމަނިކުފާނު ވަނީ އަޅުގަނޑުމެންނަށް ދޫކުރައްވާފައެވެ.

މުޙައްމަދު ޖަމީލު ދީދީ ލިޔުއްވި ބައެއް ފޮތްތައް.
·        މަދަރުސާ ކުދިންނަށް ކިޔަވައި ދެއްވުމަށް “ކުޑަކުދިންގެ ބަގީޗާ
·        ދިވެހިބަހުގެ ޤަވައިދު ކިޔަވައިދެއްވުމަށްޓަކައި “ފިޔަވަޅު
·        އިސްލާމީ ތަރުބިއްޔަތު ކިޔަވައިދެއްވުމަށްޓަކައި “ތައުލީމުއް ދިޔާނާ” އަދި “ދީނިއްޔާތު
·        އަޚްލާޤީ ސިފަތަށް ކިޔަވައިދެއްވުމަށްޓަކައި “ދުރޫސުލް އަޚްލާގު
·        އިރުޝާދުލް އަނާމް” އަދި “އަލްއިސްލާމް
·        ހުސްނީ ނުވަތަ ކެހިވެރި ލޯބީގެ ނަމުގައި ނާވިލެއް ލިޔުއްވުން
·        ޑުރާމާ ލިޔުއްވުން
·        ތަމްސީލު ލިޔުއްވުން
·        ދަތުރުނާމާ ލިޔުއްވުން
·        މާލެދާން ކެލަޔަށް (މިދަތުރުނާމާ އަކީ އަދަބީ ލިޔުމަށް ވާގޮތަށް ލިޔުއްވައިފައިވާ ދަތުރުނާމާއެކެވެ.)
·        ތިލަދުންމަތީ ދަތުރުގެ ހަނދާން
ސަމާސާ އަދަބުގެ ފަންނުގައި.
ސަމާސާ އަދަބަކީ ދުނިޔޭގެ ލިޔުންތެރިކަމުގެ ރޮނގުން އެންމެ ތަރުޙީބު ލިބޭ އެއްފަންނެވެ. މަރުޚޫމް ޖަމީލު ދީދީއަކީ ލިޔުއްވުމުގައިވެސް ވާހަކަ ދެއްކެވުމުގައިވެސް އަދި ސަމާސާ އަދަބުގެވެސް މާހިރެކެވެ. ރަބީޢުލްއައްވަލު  މަހުގެ ހަނދާންތައް އައުކުރައްވާފައިވާ ގޮތާއި، ދޮންބިހުގެ ދުވަހެއް ފާހަނގަ ކުރުމާއި، މުރުޣީކާކާނާ – ގޮހޮޅާއި ޗިޅިޔާގެ ވާހަކައާ، ޑިމޮކްރަސީ، ކަހަލަ “ސީ” އަކަށް އަރާވަޑައި ނުގަތުން ފަދަ ކިތައްމެ ކަމެއް ޖަމީލުގެ ސަމާސާ އަދަބު ޒީނަތްތެރިކޮށްދީފައި ވެއެވެ. “މަސްހުނި ރުނބައެއް” ގެ ނަމުގައި ލިޔުއްވާފައިވާ މަޒުމޫނާއި “ތުނބުޅިއާއި މަތިމަސް” ގެ ނަމުގައި ލިޔުއްވި މަޒުމޫނުގެ ފެށުން މިގޮތުން ފާހަގަކޮށްލަމެވެ.
އަވަހާރަވުން.
އަލްއުސްތާޛުލް މަރުޙޫމް މުޙައްމަދު ޖަމީލު ދީދީ އަވަހާރަވީ 7 ޝަޢުބާން 1409 ހ. (15 މާރޗް 1989 މ.) ވީ ބުދަވިލޭރޭ ފަތިހު 3:45 ގައެވެ. ފަސްދާނު ލެވިފައިވަނީ ގަލޮޅު ސަހަރާގައި ރަސްމީ އިއްޒަތުގައެވެ. އަވަހާރަވީއިރު އެމަނިކުފާނުގެ އުމުރު ފުޅަކީ 73 އަހަރާއި 10 މަހާ 14 ދުވަހެވެ. އެމަނިކުފާނުގެ ގަލަންކޮޅުންނާއި ދޫފުޅުގެ ވާހަކަފުޅުންނާއި ޢަމަލުން ކުރެއްވި މަސައްކަތްޕުޅަށް  މާތް ﷲ ހެޔޮ ޖަޒާ ދެއްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން!

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ