Tuesday, September 17, 2013

ހަކުރުބައްޔަކީ ނުރައްކާތެރި ބައްޔެއް

މީހެއްގެ ގައިގައި ހަކުރު ބަލި ހުރިކަމަށް ބެލެވޭނީ އޭނާގެ ލޭގައި ހަކުރު (ގުލްކޯޒް) ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައިވާނަމައެވެ.
މިބަލި ޖެހެނީ ހަށިގަނޑުގައި އިންސިއުލިން ކިޔާ ތާސީރެއް މަދުވުމުން ނުވަތަ އެ މަސައްކަތް ނުކުރާ ގޮތްވުމުންނެވެ. އިންސިއުލިން އުފައްދަނީ ޕެންކްރިއާސް ކިޔާ  ގުނަވަނަކުންނެވެ. ހަކުރުބަލި ހުރި މީހެއްގެ ހަށިގަނޑުން ބޭނުންވާ ވަރަށް އިންސިއުލިން އުފައްދައިނުދޭނެއެވެ. އިންސިއުލިން ހަށިގަނޑުން އުފައްދައި ނުދިނުމުގެ ސަބަބުން ލޭގައި ހުންނަންވީ ވަރަށް ހަކުރު ކޮންޓްރޯލް ކުރެވިފައި ނުބެހެއްޓެއެވެ. އެހެންކަމުން މިފަދަ މީހުންނަކީ ހަކުރުބަލި ހުންނަ މީހުންނެވެ.

ހަކުރުބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. އެހެންނަމަވެސް މިބަލި މުޅިން ރަގަޅު ކުރުމަށް އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައެއްނުވެއެވެ. ނަމަވެސް މިބައްޔަކީ ރަނގަޅަށް މަސައްކަތްކުރެވިއްޖެނަމަ، ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ހަދާ ދިރާސާތަކުން ވެސް، ހަކުރުބަލި ޖެހޭ ވަކިސަބަބެއް ހޯދިފައި ނެތް ނަމަވެސް މިބަލި ޖެހޭ ގިނަމީހުންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ޢާއިލާގައި މިބަލި ޖެހިފައިވާ މީހުން އުޅޭ ޢާއިލާތަކުގެ މީހުންނަށާއި، މާބޮޑަށް ބަރު ފަލަމީހުންނަށާއި، ލޭމައްޗަށްދާ ގޮތް ހުންނަ މީހުންނަށާއި، އަވަހަށް ފިކުރު ބޮޑުވެ ހާސްކަން އިޙްސާސްކުރެވޭ މީހުންނަށެވެ.

ހަކުރުބަލީގެ ބާވަތްތައް
ހަކުރުބަލީގެ މައިގަނޑު 2 ބާވަތެއް ވެއެވެ. އެއީ ޓައިޕް 1 ( އިންސިއުލިން ޑިޕެންޑެންޓް) އަދި ޓައިޕް 2 ( ނޮން އިންސިއުލިން ޑިޕެންޑެންޓް) އެވެ.
ޓައިޕް 1 އަކީ ހަށިގަނޑަށް އިތުރު އިންސިއުލިން ކޮންމެހެން ބޭނުންވާ ވައްތަރެވެ. މި ވައްތަރުގެ ހަކުރުބަލި އާއްމުކޮށް ޖެހެނީ ކުޑަކުދިންނަށާއި ޒުވާނުންނަށެވެ. މިފަދަ މީހުންގެ ޕެންކްރިއާސްއިން އިންސިއުލިން އުފައްދައިދެނީ ވަރަށް މަދުން ނުވަތަ އެއްގޮތަކަށްވެސް އުފައްދައި ނުދެއެވެ. މީގެ އަލާމާތްތަކަކީ:
·        ގިނައިން ކަރުހިއްކައި ފެންބޮވައިގަތުން
·        އަވަސް އަވަހަށް ކުޑަކަމު ދެވުން
·        އާދަޔާ ޚިލާފަށް ބަނޑުހައިވުން
·        ބަރުދަން ލުއިވުން
·        ހިތްހަމަ ނުޖެހުން
·        ވަރުބަލިވުން އަދި ވަރުނެތުން
·        ހޮޑުލެވުން
ޓައިޕް 2 އަކީ ކޮންމެހެން އިންސިއުލިން ބޭނުން ނުވާ ވައްތަރެވެ. މިފަދަ މީހުންގެ ހަށިގަނޑުން އިންސިއުލިން އުފައްދައި ދޭނެއެވެ. ނަމަވެސް އެ އިންސިއުލިން ހަށިގަނޑުގައި މަސައްކަތް ނުކުރެވެނީއެވެ. މީގެ އަލާމާތްތަކަކީ:
·        މާބޮޑަށް ބަރުދަން އިތުރުވުން
·        ލޮލުގެ ފެނުމަށް ދަތިވުން
·        އަތްފައި އައްސިވުން
·        ފައިގައި ފާރުގަނޑު ހެދި ފަސޭހަ ނުވުން
·        ހަމުގެ ބަލިތައް ޖެހުން
·        އަބަދު ނިދި އަންނަ ގޮތްވުން ނުވަތަ ރަގަޅަށް ހޭނުލެވުން
ހަކުރުބަލި ހުރި ކަމުގައިވީނަމަވެސް، ފުރިހަމަ ކާމިޔާބު ދިރިއުޅުމެއް ކޮންމެ މީހަކަށްވެސް އުޅެވިދާނެއެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ކޮންމެހެން ބަދަލު ގެންނާކަށް ނުޖެހުނު ނަމަވެސް ދިރިއުޅުމުގެ އާދަކާދައާއި ކެއުމަށް ގެންނަންޖެހޭ ވަރަށް ބޮޑެތި ބަދަލު ހުންނާނެއެވެ.

ހަކުރު ބަލި މީހުންގެ ކެއުން
ހަކުރު ބަލި މީހުން ޤަވާއިދުން ގަޑިން ގަޑިއަށް ކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދުވާލެއްގެ މައްޗަށް މައިގަނޑު 3 ކެއުމާއި 3 ލުއި ކެއުން ހިމެނޭ ގޮތަށް ދުވާލަކު މަދުވެގެން 6 ފަހަރު ކާންވާނެއެވެ. މިއިން އެއްވެސް ކެއުމަކަށް ފަރުވާ ކުޑަކޮށް ހަނދާން ނައްތާ ނުލާށެވެ. ސަބަބަކީ ކެއުން މަދުކޮށްފިނަމަ ނުވަތަ ކެއުމުގެ ވަގުތުތައް ލަސްކޮށް، ކެވިއްޖެނަމަ ލޭގައި ހުންނަ ހަކުރު ދަށްވެދާނެއެވެ. އަދި ހަމަ އެއްފަހަރާ ގިނައިން ކެވިއްޖެނަމަ ލޭގައި ހުންނަ ހަކުރު މަތިވެދާނެއެވެ. މި ދެގޮތުންވެސް މީހާގެ ބަލި އިތުރަށް ބޮޑުވާނެއެވެ.
ހަކުރުބަލި މީހުން ފޮނި އެއްޗެހި ކައިގެން ނުވާނެއެވެ. މިސާލަކަށް (މާމުތް، މެޓާ، ހަކުރު) އަދި މާގިނައިން ތެޔޮ އަޅާފައި ހުންނަ ތަކެތި (ތެޔޮ).
ހަކުރު ބަލިމީހުން ކެއުމަށް އެންމެ ރަނގަޅީ ފައިބަރު (ނަރު ހިމެނޭ ތަރުކާރީ) ކެރެޓް، ކެބެޖް، ޓޮމާޓޯ، ބަށި އަދި މިނޫނަސް މިފަދަ ވައްތަރުތަކެވެ. އަދި މީގެއިތުރުން މުށިކުލައިގެ ހަނޑުލުގައި ވަރަށް ގިނަ ފައިބަރު ހިމެނެއެވެ. ވީމާ، ހުދު ހަނޑުލަށްވުރެ ހަކުރު ބަލި މީހުން ކެއުމަށް މުށިކުލައިގެ ހަނޑޫ މާރަނގަޅެވެ. ނަމަވެސް މި ދެވައްތަރުގެ ހަނޑޫވެސް ކެވިދާނެއެވެ.
ކެވޭ ބާވަތްތަކުގެ ހުރިހާ ވައްތަރެއް އެކުލެވޭ ރަނގަޅު ކެއުމެއް ކެއުމުގައި ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އަދި މި ބަލީގެ މީހުން ކާންވާނީވެސް މި ގޮތަށެވެ.
ހަކުރު ބަލި މީހުން ޤަވާއިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ނިދާ ހޭލުމަށްފަހު ޙަރަކާތްތެރިވުމުގެ ކުރިން ކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ހަކުރު ކޮންޓްރޯލް ކުރެވޭނަމަ، ބަލީގެ ނިޝާންތައް ފެނުން ލަސްކޮށްދެއެވެ. އަދި ހަކުރު ބަލީގައި ދިމާވާ އުނދަގޫތަކުން ދުރުކޮށްދެއެވެ.

ހަކުރު ބަލިމީހުން ކާންނުވާނެ ތަކެތި
¯    ހަކުރު
¯    މެޓާ
¯    ސިރަޕް
¯    އައިސް ކްރީމް
¯    މައިލޯ
¯    ޖޭމް
¯    ކަދުރު
¯    ސޮޑާ
¯    ފޮނި ހެދިކާ
¯    ގެރިކިރު (ދިޔާ)
¯    ރުކުރާ
¯    މާމުތް
¯    ފޮނި ބިސްކޯދު
¯    ލުއި ބުއިންތައް
¯    ކޭކު / ޕެކެޓް ކޭކު
¯    ދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާ
¯    ދަޅުގައި ނުވަތަ ފުޅީގައި ބަންދުކޮށްފައި ހުންނަ ލުއި ބުއިންތައް

ހަކުރު ބަލި މީހެއްގެ ކެއުމެއް ހުންނަންވީގޮތުގެ ނަމޫނާއެއް
ތިރީގައި އެވާ ކެއުމަކީ ނަމޫނާ ކެއުމެކެވެ. ކާންވީ ވައްތަރުތަކާއި އަދި ޢަދަދު ސާފު ކުރުމަށްޓަކައި ކާނާއާއި ބެހޭ މާހިރެއް ނުވަތަ ހެލްތް ވޯކަރެއްގެ މަޝްވަރާ ހޯއްދަވާށެވެ!
v    ހެނދުނު މާއިރާ (ތަންކޮޅެއް ކުރިން)
ü     1 ތަށި ކިރު ހަކުރު ނާޅާ (ހިކި ކިރުން ހަދާފައިވާ)
v    ހެނދުނު ސައި
ü     1-2 ރޮށި
ü     ތަރުކާރީ ރިހަ / މަސްރިހަ / ގަރުދިޔަ
ü     1-2 ޖޯޑު ސައިފަތު ފެން
ü     ފެހި ފަތް / ތަރުކާރީ ކޮޅެއް
v    ނުވަގަޑި
ü     1 ތަށި ޖޫސް (2 ސައި ސަމުސާ ސަންކުއިކް) 1 ތަށި ފެނަށް އަޅައިގެން، ނުވަތަ ސައިފަތުފެން
ü     2 ކްރީމް ކޭކަރ ބިސްކޯދު
v    މެންދުރު ކެއުން
ü     1 ޖޯޑު ބަތް / 2 ރޮށި
ü     ރިހައެއް ނުވަތަ ގަރުދިޔަ
ü     މަސް، ފަތުސަޓަނި (ނުވަތަ މި ބާވަތުގެ އެހެން އެއްޗެއް)
v    ހަވީރު ސައި
ü     1 ތަށި ޖޫސް (ކުރީގައި ބުނެވުނު ފަދައިން) / ސައި
ü     ފަތުފެން
ü     3 ހެދިކާ ލޮނު
ü     1 ބިސްކޯދު (ބޭނުންނަމަ)
v    ރޭގަނޑު ކެއުން
ü     2-3 ރޮށި ނުވަތަ 1 ޖޯޑު ބަތް
ü     ގަރުދިޔަ، މަސް / ރިހައެއް
ü     ފެހިކުލަ ގަދަ ފަތްމުށެއް
v    ނިދާ ގަޑީގައި
ü     1 ފޮތި ފަޅޯ / ބައި އޮރެންޖް / ކުޑަ އެއްވަށް ދޮންކެޔޮ
ü     ދެތަށި ފެން / 1 ތަށި ކިރު (ހިކި ކިރުން ހަދާފައިވާ

ހަކުރުބަލީގެ މީހުންނަށް ކުރެވިދާނެ ފަރުވާތައް:
ހަކުރުބަލި ހުރިކަން އެނގުނުހާ އަވަހަކަށް މިކަން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ވާނެއެވެ. ފަރުވާ ކުރުމުގެ މަޤްސަދަކީ ލޭގައި ހަކުރު ހުންނަންވީ  ވަރަށް ބެހެއްޓުމެވެ. ހަކުރު ބަލީގައި 2 ވައްތަރެއްގެ ފަރުވާ ވެއެވެ. އެއީ ބޭސްކެއުން އަދި ކަސްރަތު ކުރުމެވެ.
ޓައިޕް 1 ޑައިބެޓިކްސްގެ ހަމައެކަނި ފަރުވާއަކީ އިންޖެކްޝަން އިންސިއުލިންއެވެ. ގުޅަ ބޭސް ބޭނުން ކުރަނީ ޓައިޕް 2 ނުވަތަ ނޮން އިންސިއުލިން ޑިޕެންޑެންޓް މީހުންނެވެ. ކެއުމުގައި ބޭނުން ކުރަންވާނީ ސަރުބީ މަދު ކާނާއެވެ. ދުވުން، ފެތުން އަދި ހިނގުން ފަދަ ކަސްރަތެއް ދުވާލަކު މަދުވެގެން 30 މިނުޓް ވަންދެން ކުރަންވާނެއެވެ.
ހަކުރުބަލި ޖެހިފައިވާ މީހެއްނަމަ، ޤަވާއިދުން ޑޮކްޓަރަށް ދައްކުމާއެކު، މަދުވެގެން މަހަކު 1 ފަހަރު ހަށިގަނޑުގައި ހުންނަ މިންވަރު ޗެކުކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ.
ހަކުރު ބައްޔަށް އެކަށީގެންވާ ރަނގަޅު ފަރުވާ ނުކުރެވިއްޖެނަމަ ވަރަށް ބޮޑެތި ގެއްލުންތަކާއި މީހާ ކުރިމަތިލާންޖެހެއެވެ. އޭގެ ތެރޭގައި ފެނުމުގެ މައްސަލަތަކާއި، ހިތުގެ ބަލިތަކާއި، ގުދާރުގެ މައްސަލަތަކާއި، ނާރުތައް ހަލާކުވެ އިންސާނާގެ އިޙްސާސްތައް ކުޑަވުން އަދި ދަތުގެ މައްސަލަތައް ވެސް ކުރިމަތިވާކައުމުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ.

ހަކުރުބަލި ޖެހުމުން ސަލާމަތްވެ ތިބުމަށް ކުރެވިދާނޭ ބައެއް ކަންތައްތައް:
·        ގިނައިން ފެންބުއިމަށް އާދަކޮށް، ތެލާއި ލޮނުގެ ބާވަތްތައް ބޭނުން ކުރުން މަދުކުރުން
·        ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުން ނުވަތަ މަދުކުރުން
·        ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް މަސައްކަތްކުރުން
·        ހަށިގަނޑުގެ ބަރުދަން އެއްމިންގަނޑެއްގައި ބެހެއްޓުން (23-18 BMI)
·        ބަރުދަން ލުއިކޮށް ސަރުބީ އެކުލެވޭ ކާނާ ކެއުން މަދުކޮށް ފައިބަރ އެކުލެވޭ ކާނާ ކެއުމަށް އާދަކުރުން.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ