Sunday, September 09, 2012

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ދިވެހިރާއްޖޭގައި އުފެއްދުނު ދިވެހި އަދީބުންގެ ތެރެއިން ލާމަސީލު އަދީބެކެވެ. މުޙައްމަދު އަމީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޙިޖުރައިން 1328 ވަނަ އަހަރު ރަޖަބުމަހުގެ 13 ވީ ބުރާސްފަތި (20 ޖުލައި 1910މ) ދުވަހުއެވެ. އެމަނިކުފާނުގެ ބައްޕާފުޅަކީ ސުމުއްވުލް އަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނެވެ. މަންމާފުޅަކީ ރޯނުގޭ ޢާއިޝާދީދީ އެވެ. ތަނަކީ މާލޭ އަތިރީގެއާގެއެވެ.
އަލް އަމީރު މުޙައްމަދު އަމީންދީދީއަކީ ދިވެހިރާއްޖޭގެ ރަސްމަތިކޮޅުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އާދެ! ހުރަވީ ދަރިކޮޅުގެ ބޭފުޅެކެވެ. އެއީ ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނުގެ އިބްރާހީމް އެދުރުތަކުރުފާނުގެ ޢަލީ ބޮޑުމުރީދުތަކުރުފާނުގެ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ (ދޮން އަޙްމަދު) ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދޮށީ ދަރިކަލުން އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

މުޙައްމަދު ޢަމީނުގެ އިތުރުން އެ ޢާއިލާގައި ދެން ތިއްބެވީ ތިން އަންހެން ބޭފުޅުންނެވެ. އެމަނިކުފާނަކީ އެ ޢާއިލާގެ ހަމައެކަނި ފިރިހެން ބޭފުޅާކަމުން އެމަތިވެރި ޚާންދާނުގެ އެންމެންގެ ހިތްތަކުގައި އެމަނިކުފާނަށްޓަކައި ޚާއްޞަ ކުލުނަކާއި ލޯތްބެއް އުފެދިފައި ވެއެވެ. އެމަނިކުފާނު ވެގެންދިޔައީ މި ޚާންދާނުގައި އުފެދުނު އެންމެފަހު ސިޔާސީ ބޭފުޅާކަމުގައެވެ. އެމަނިކުފާނުގެ ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަކުރެއްވީ އެމަނިކުފާނުގެ ޢިއްޒަތްތެރި ބައްޕާފުޅުގެ އަރިހުގައެވެ.
އެމަނިކުފާނު ތަޢުލީމީ ޙަޔާތް ތިން އިސްކޫލެއްގައި ހޭދަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ކިޔަވައި ވިދާޅުވި ދެ އިސްކޫލަކީ ސިލޯނުގެ ސެންޓްޖޯސޮފްސް ކޮލެޖުންނާއި ސެންޓްޖޯންސް ކޮލެޖުންނެވެ. މިދެކޮލެޖަކީ ޢީސާއީ ދީނުގެ ބިންގަލެއްގެ މައްޗަށް އެތާނގެ ތަޢުލީމު ބިނާކޮށްފައިވާ ދެ ކޮލެޖެވެ. އެބޭފުޅާ މިދެކޮލެޖުގައި ވަރަށް ގިނަ ދުވަސްތައް ހޭދަކުރެއްވިއެވެ. ސިލޯނުގައި ގާތްގަނޑަކަށް 9 އަހަރުދުވަހު ތަޢުލީމި ހާސިލު ކުރައްވާފައިވެއެވެ.
އެއަށްފަހު މަތީ ތަޢުލީމި ހާސިލުކުރެއްވުމުގެ ބޭނުންފުޅުގައި ދެން ވަޑައިގަތީ އިންޑިޔާއަށެވެ. އާދެ! އެތަނުގެ މަޝްހޫރު ޢަލީގަޅު ޔުނިވާސިޓީއަށެވެ. މި ޔުނިވާސިޓީއަށް ވަދެވަޑައިގަތީ ޙިޖުރައިން 1347 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އަމީންގެ އުމުރުފުޅަކީ 19 އަހަރުފުޅެވެ.
ކިޔެވުމުގެ ދައުރު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތީ ޤައުމީ ޚިދުމަތަށް އެމަނިކުފާނު ބެނުންފުޅު ވެގެންނެވެ. އެއީ ޙިޖުރައިން 1348 ވަނަ އަހަރުގެ ޖުމާދުލްޢޫލާމަހުގެ 11 ވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ 20 އަހަރުފުޅެވެ.
އަމީންގެ މިޒާޖުފުޅު
މުޙައްމަދު އަމީން، އަޅުގަނޑުމެންނަށް ސިފަވެގެން އަންނަނީ އެތައް ޖާޒުބީ ބާރުތަކެއް ލިބިގެންވާ ވަރުގަދަ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. އާދެ! ތޫނުފިލި މޫނުފުޅެކެވެ. އުޖާލާ ލޯފުޅެކެވެ. ތަނަވަސް ނިތްކުރިފުޅެކެވެ. ހަށިކޮޅާއި ރޫފަޔާގުޅޭ ހެދިހުރި ހަށިކޮޅެކެވެ. ކުރުކޮށް ބުނަނީނަމަ ހިތްތަކުގެ އެންމެ ހިމަ ނާރާށް އަސަރުކުރުވާ ޖާޒުބީ ހަށިގަނޑެކެވެ.
މުރާލިކަމުން ސިފަ ލިބިވަޑައިގެން ހުންނެވި ޝާހީ ވެރިއެކެވެ. ހެދުންކޮޅު ޗާލެވެ. ނާނޭފުޅު ފިއްލަވައިގެން ވަޑައިގަންނަވާއިރު ހީވަނީ މުޅިގޭތެރެއަށް [އެއާފްރެޝްނާ] ޖަހާފައި ހުރިހެންނެވެ. މިހާރުގެ ފިރިހެނުންގެ ޖަހާ [ޗެސްޓިޓީ] ސެންޓުގެ ލުއިލުއި މީރުވަހަށްވުރެ މާ އަރާމު ހިތްގައިމު ވަހެކެވެ.
މުޙައްމަދު އަމީން ދަރިވަރުންނަށް ކިޔަވައިދެއްވަނީ އެންމެގާތް ރަޙްމަތްތެރިއެއްގެ ހައިސިއްޔަތުންނެވެ. ކުދިންނަށް ވިސްނާދެއްވަނީ ހެޔޮއެދޭ ބައްޕައެއްގެ ހައިސިއްޔަތުންނެވެ. ކުދިންގެ ސުވާލުތަކަށް ޖަވާބުދާރީވަނީ އިރުޝާދުދޭ މުރުޝިދެއްގެ ހައިސިއްޔަތުންނެވެ.
އެބޭފުޅާގެ ދަރިވަރުން، ތަމްސީލުތައް ފަރިތަކުރެއްވުމަށްޓަކައި ގެއަށް ގެންގޮސް ހައްދަވައެވެ. ކުދިން ސަކަރާތްޖަހަމުން ގެންދާއިރު، ރުޅިވެރިކަމުގެ ބަސްތަކުން އެއްކިބާވެ ހުންނަވައެވެ. އަދި ކީއްތޯއެވެ؟ އެ މަޖަލުގައި އެންމެފުރިހަމައަށް ބައިވެރިވެވަޑައިގަންނަވައެވެ. ކުދިންނާ މުޚާތަބުކުރައްވަނީ އަހުރަވެތިކަމާއެކު ހަރުދަނާ ބަސްފުޅުތަކުންނެވެ. ކިޔަވާދެއްވާއިރު ދަރިވަރުންނަށް ފޫހިކަން ކުރިމަތިނުވަނީ އެމަނިކުފާނުގެ ސަމާސާ މިޒާޖުފުޅުގެ ސަބަބުންނެވެ.
ދިވެހިރާއްޖޭގެ މަޝްހޫރު ޅެންވެރިއެއްކަމަށްވާ އަލްފާޟިލާ އާމިނަތު ފާއިޒާ ލިޔުއްވާފައިވާ ގޮތުގައި، [މުޙައްމަދު އަމީނަކީ، ސަމާސާ ވަގުތުގައި އެންމެންގެ ހިތްތައް އުފާކޮށްދޭ ވެރިއެއްގެ މަޤާމުގައި އެންމެން ޖެހިލުންވެ ކިޔަމަންވާ ޒަޢީމެކެވެ.] އަދި ލިޔުއްވާފައިވެއެވެ. [ތިމާގެ ލެއަށް ފެންބޮވައިގެންފައި ތިބޭކަން ކަނޑައެޅިގެން އެނގޭ ދުޝްމަނުންނާމެދުވެސް ހެޔޮކޮންހިތާގެން އިޞްލާޙު ވޭތޯ، ބެލުމަކީ އަޅުގަނޑުގެ ބަޠަލާގެ މާތް އަނެއް ސިފައެވެ.]
މުޙައްމަދު އަމީނަކީ އަމިއްލަ ނަފުސަށް އިތުބާރުކުރައްވާ ޝަޚްޞިއްޔަތެކެވެ. ޢަޒުމު ވަރުގަދަ ހިންގުންތެރިއެކެވެ. ޖެހިލުންކުޑަ އިންސާފުވެރި ކަމަށް ކަމޭހިތާ ހިންގުންތެރިއެކެވެ. ވަގުތަށް ކަމޭހިތްތަވާ، މުވައްޒަފުންނަށް ވަގުތުގެ މުޙިއްމުކަން އަންގައިދޭ ލާމަސީލު ޒަޢީމެކެވެ. [ޔަޤީންކަމެއް އޮތިއްޔާ މަގެއް ފެންނާނެއެވެ.] މިއީ މިބޭފުޅާގެ ހިތުގެ ޢަޒުމެވެ. ހިނިވެސް ފަރުބަދަ ކަނޑައޭ ބުނާ ބީދައިންނެވެ.
ތަޢުލީމި ލިބިހުންނެވި އުސްތާޛެކެވެ. ލަޔާޤަތާ ޤާބިލިއްޔަތު ހުރި [އަނެކަކަށްޓަކައި ވެވޭ ކޮންމެ ޤުރުބާނީއަކީ ލިބޭ އުފަލެއްކަން] ބަހާއި ޢަމަލުން ސާބިތުކޮށްދިން މުމައްސިލެކެވެ.
ތިމާ ކުރިއަސް، އަނެއްކާ ކުރިކަމުގައި ވިޔަސް ކުށެއްވާނީ ކުށެއްކަމަށް ޤަބޫލުކުރައްވައި ތެދުވެރި އީމާންތެރިއެކެވެ. ޚިޔާލު ތަފާތުވެ، ދެބަސްވާންޖެހޭ ވަގުތުތަކުގައި، ސިކުންތުކޮޅެއްގެ ތެރޭގައި މައްސަލަ ޙައްލުކުރައްވަން ދަންނަ ތަޖުރިބާކާރެކެވެ. އެކަމުން ނިކުންނާނެ ނަތީޖާ ވިސްނާދެމުންނެވެ.
އެއީ ދީންވެރި ޤައުމުދެކެ ލޯބިވަ އުޚުތެކެވެ. އެއީ މުރުއްވަތްތެރި އަބުޠާލެކެވެ. ބަނިޔާދަންކަންހުރި ސުލޫކީ ނަމޫނާއެކެވެ.

ޤައުމީ ޚިދުމަތުގައި މުޙައްމަދު އަމީން
މުޙައްމަދު އަމީން އުފަންވެވަޑައިގަތީ ވެރިކަމުގެ ޢާއިލާއެއްގެ ތެރެއަށެވެ. ބޮޑުފުޅުވަމުން ވަޑައިގަތީ ވެރިކަމުގެ ޢާއިލާއެއްގެ ތެރެއަށެވެ. ބޭރުން ތަޢުލީމު ހާސިލުކުރައްވައިގެން ވަޑައިގެންނެވުނީ ވެރިކަމުގެ ތެރެއަށެވެ.
މުޙައްމަދު އަމީނަކީ އުމުރުފުޅުން ކިތައްމެ ހަގު ބޭފުޅެއްކަމުގައިވިޔަސް ސަރުކާރަށް ވަދެވަޑައިގެން ޤައުމީ ޚިދުމަތުގައި ކުރިއަށް ވަޑައިގަތީ ނުގުޑާފަދަ ޢަޒުމަކާގެންނެވެ. ދިވެހި ދަޢުލަތަށް ޚިދުމަތްކުރަން ފެށީ ޙިޖުރައިން 1348 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1 މެއި 1930 އެވެ. އުމުރުފުޅުން 20 އަހަރުފުޅުގައެވެ.
އެބޭފުޅާގެ ފުރަތަމަ ވަޒީފާއެއްކަމުގައި ހަމަޖެހިގެން ދިޔައީ ޕޯސްޓް މާސްޓަރުގެ ނާއިބުކަމާއި ކަސްޓަމުގެ ވެރިޔާގެ ނާއިބުކަމާއި ރަދުންގެ ކާތިބުއްސިއްރުގެ ނާއިބުކަމެވެ. މިދުވަސްވަރު އެބޭފުޅާ މަސައްކަތްކުރައްވަމުން ގެންދެވީ ލޯބިވާ ބައްޕާފުޅުގެ ދަށުންނެވެ. ސަބަބަކަށްވެފައިވަނީ އޭރު މިތަންތަނުގެ ވެރިޔާގެ މަޤާމު ފުރުއްވަމުން ގެންދަވަނީ އަޙްމަދު ދޮށިމޭނާ ކިލެގެފާނުކަމެވެ. އެމަނިކުފާނު ފުރުއްވި މަޤާމުތައް ގިނަގުނައެވެ. ސިޔާސީ ރޮނގުން މުޅި ޤައުމު ހިންގެވި އެންމެ އިސްވެރިޔާގެ މަޤާމުގައި ހުންނެވިއިރުވެސް އެމަނިކުފާނުގެ އަދަބީ ޚިދުމަތަށް ކުޑަނަމަވެސް ފަނޑުކަމެއް ލިބިގެންނެއްނުދެއެވެ.
ފުރަތަމަ ފަށައިގަތް އޮފީހަކީ ބަނޑޭރިގޭގައި އޭރު ހުންނަ ފަރުމޭޓެވެ.
މުޙައްމަދު އަމީންދީދީ އަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އެމަނިކުފާނަކީ ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤައުމުގެ ޒަޢީމެކެވެ. އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ މީލާދީން 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި، ސަރުކާރު އެތައް ވުޒާރާއެއްގެ ވަޒީރުކަމާއި ރާއްޖޭގެ ވަޒީރުލް އަޢުޡަމް ކަމާއި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަން ފާހަގަކޮށްލެވެއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދިއްޔަތާއި ސަޤާފަތާއި ދިވެހިބަހާއި އަދަބިއްޔާތަށް، އަދި ތަޢުލީމި ކުރިއެރުއްވުމަށް ނުހަނު ބުރަކޮށް މަސައްކަތްޕުޅު ކުރެއްވިއެވެ. ދިވެހި އަންހެނުންނަށް އިހުގައި ނުލިބޭފަދަ މިނިވަންކަން ހޯއްދަވައިދެއްވިއެވެ. މުޖުތަމަޢުގެ އެކިއެކި ޙަރަކާތްތަކުގައި އެންމެ ފުރިހަމައަށް، ބައިވެރިވުމުގެ މިނިވަންކަން އެމީހުންނަށް ހޯއްދަވައިދެއްވިއެވެ. އެގޮތުން އެމީހުންނަށްޓަކައި ތަޢުލީމުގެ ވޮށް ދިއްލަވައިދެއްވީ ޚުދު މުޙައްމަދު އަމީނެވެ. ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ހައިހޫނުކަމުގެ ދުވަސްވަރާ އެމަނިކުފާނަށް ކުރިމަތިލާން ޖެހިވަޑައިގަތެވެ. ނަމަވެސް ނުހަނު ބުރަ މަސައްކަތުން ކުރީގެ ހާލަތަށް ޤައުމު ގެންދިޔުމަށްޓަކައި އަތުކުރި އޮޅާލެއްވީ ހިތްވަރާއި ޢަޒުމާ އެކުގައެވެ. މިފަދަ ދަތި ހާލުގެ ދުވަސްވަރުގައިވެސް އެމަނިކުފާނު ޚިދުމަތް ކުރައްވާފައިވަނީ ރައްޔިތުންގެ ޙައްޤުގައި ޤުރުބާންވާފަދަ މަތީ ދަރަޖައަކަށެވެ.
މުޙައްމަދު އަމީން ރާއްޖެއަށް ކުރައްވާފައިވާ ބައެއް ޚިދުމަތްތައް:
·        ރާއްޖެއިން ބޭރުން ސިއްޙީ ތަޖުރިބަކާރުން ރާއްޖެ ގެންނެވުން.
·        ދިވެހީންނަށް ސްކޯލާޝިޕް ލިބޭނޭމަގު ފަހިކޮށްދެއްވުން.
·        ދިވެހި ބަހާއި ތާރީޚާ ބެހޭ ހޯދުންތައް ހޯދޭނެ ކޮމެޓީއެއް އެކުލަވާލައްވައި އަދި މި ދާއިރާތަކާބެހޭ ބައެއް ފޮތް ލިޔުއްވުން
·        ދިވެހި ދަޢުލަތުގެ ނިޝާން އުފެއްދެވުން.
·        ރަބީޢުލްއައްވަލް މަހުގެ 1، ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި އެންމެ ފުރަތަމަ ފާހަގަކުރެއްވުން.
·        ރާއްޖެއަށް ތެލެފޯނުގެ ޚިދުމަތް ތަޢާރުފު ކޮށްދެއްވައި އެހެން ޤައުމުތަކަށް މެސެޖު ފޮނުއްވުމަށްޓަކައި މާލޭގައި ވަޔާލެސް އޮފީހެއް އުފެއްދެވުން.
·        މަސްވެރިކަން ކުރިއެރުއްވުމަށްޓަކައި ކޮމެޓީއެއް އުފެއްދެވުން.
·        ކަރުދާހު ފައިސާ ރާއްޖޭގައި ބޭނުންކުރަން ފެށުން.
·        މާލޭގައި ހަތަރު ބޯޅަދަނޑު އުފެއްދެވުން.

ޤައުމެއް ދިރޭނީ ޤައުމުގައި ހުރެގެންނެ ރޫޙެއް ހަމަދިރޭ،
އަޢުދާނަ ޤައުމީ ލޯބި  ހިތްތަކުގައި  އުފެދިގެންނޭ  ދިރޭ
ލޯބީގެ އެކިއެކި ފަންނުގައި  މަތިވެރި އަރާހުރި ލޯތްބަކީ،
ލޯބީގެ ތެރެއިންވާ  މުޤައްދަސް އޭ   އަރާހުރި  ޖައުހަރޭ
ޝަޚްޞިއްޔަތެއްހުރި ލޯތްބަކީ އަދި އާރުލާވެސް ލޯތްބަކީ،
ފަޚްރާއި ޝަރަފުވެރި ބާރަކީ ޙުއްބުލް ވަޠަންކަން ދަސްކުރޭ.
- މުޙައްމަދު އަމީން -
މުޙައްމަދު އަމީން، ދިވެހިރާއްޖޭގެ ތަޢުލީމަށް އިންޤިލާބެއް ގެންނެވި
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ. [މަދަރުސާގެ ނާޒިރަކަށް އެހެން ބޭފުޅަކު ހުންނެވިކަމުގައި ވިޔަސް ޙަޤީޤަތުގައި މަދަރުސާގެ ހުރިހާކަމެއްގެ އެންމެ ބޮޑު ރޭވުންތެރިއަކީ ޚުދު އެނާއެވެ. އެކި ދުވަސްދުވަހު މަދަރުސާކުދިންނަށް އޭނާ ދެއްވި އަގުހުރި ތަޤުރީރުތައް އަޅުގަނޑުމެން އެހީ ނުހަނު ޝައުޤުވެރިކަމާއެކުގައެވެ.]
މުޙައްމަދު އަމީނަކީ ދިވެހި ތަޢުލީމަށް ޚިދުމަތްތަކެއް ކޮށްދެއްވި ވެރިއެއްކަމުގައި ދިވެހި ތާރީޚް ފާހަގަކުރާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ދިވެހި ޢިލްމުގެ ނިވެމުންދިޔަ ހުޅުކޮޅު ދަންމަރެއްކަމުގައި ހެއްދެވުމަށް މަސައްކަތްކުރެއްވިއެވެ. ޚާއްޞަކޮށް [ޖިންސުއްލަޠީފު ނައުމް ހޭލައްވާ މިޤައުމު ޒިންދާކުރެވި އަގުހުރި މުޙައްރިރެކެވެ.
މުޙައްމަދު އަމީނަކީ ތަޢުލީމީގޮތުން އަރާހުންނެވި އުސްތާޛެކެވެ. އެމަނިކުފާނުގެ ކިޔެވުމުގެ ޙަޔާތްޕުޅުގެ ގިނަ އަހަރުތަކުގައި [ޑަބަލް ޕްރޮމޯޝަން] ލިބިވަޑައިގަތެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުކުރެއްވީ އެ ލިބިލެއްވި ތަޢުލީމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ.
އާދެ! 1953 ވަނަ އަހަރު އެމަނިކުފާނު އެޑިޔުކޭޝަން މިނިސްޓަރުކަމުގައި ވެވަޑައިގަތެވެ. މިއީ ތަޢުލީމު ކުރިއެރުއްވުމަށްޓަކައި ލިބުނު ވަރަށްބޮޑު ފުރުޞަތެކެވެ. އޭގެ ދުވސްކޮޅެއްފަހުން ދިވެހި ދަޢުލަތުގެ ވެރިކަން ލިބިވަޑައިގަތެވެ. އެމަނިކުފާނުގެ ވެރިކަމުގައި މުޅިރާއްޖެއަށް ތަޢުލީމު ފެތުރުއްވުމަށް ވަރަށް ހިތްވަރާއެކު މަސައްކަތްޕުޅު ފެތުރުއްވިއެވެ. އެދުވަސްވަރަކީ އެންމެ ފުރަތަމަ މިޒަމާނުގެ ތަޢުލީމީ އަސަރު ފެންނަށްފެށި ދުވަސްވަރެވެ. ދިވެހި ދަރިން އަޅުވެތިކަމާއި ނޭނގުމުގެ ތެރޭގައި ތިއްބައި ތަޢުލީމު ލިބޭނެގޮތް ހަމަޖައްސަވައި މިނިވަންކަން ހޯއްދަވައިދެއްވުމަށް މުޙައްމަދު އަމީން ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅު ފާހަގަކުރެވެއެވެ. މިއީ އަޅުގަނޑުމެންގެ ހިތުން ފޮހެލާގެންނުވާނެ ހަނދާންތަކެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައިހުރި އެދުރުގެތައް މަދަރުސާތަކަށް ބަދަލުކުރެއްވިއެވެ. އަދި މިތަނުގައި ޤުރްއާން ކިޔަވައިދިނުމުގެ އިތުރުން ހިސާބު އަދި ތަޢުލީމު ދިޔާނާފަދަ މާއްދާތައް ކިޔަވައިދިނުމުގެ މަގު ތަނަވަސް ކޮށްދެއްވިއެވެ.
ރާއްޖޭގެ އަތޮޅުތަކުން ފިރިހެންކުދިން ގެންނަވައި ދާރުލް އިޤާމުގައި ތިބެވޭނޭގިތް ހަމަޖައްސަވައިދެއވިއެވެ. އަދި އަންހެންކުދިން ގެންނަވައި މާލޭގެ ފޯރުންތެރި ޢާއިލާތަކުގެ ޙިމާޔަތުގައި ބޭތިއްބެވިއެވެ. އަދި މަދަރުސާތަކުން ތަޢުލީމު ދެއްވަމުން ގެންދެވިއެވެ. ރާއްޖޭގެ އަންހެންދަރިންނަށް ތަޢުލީމުދެއްވަން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުގެ އެންމެ އުޖާލާ އެއް ދަލީލަކީ އަމީނަށް ނިސްބަތްވާ އަމީނިއްޔާ ސުކޫލެވެ. އާދެ! އެންމެ ފުރަތަމަ [މަދަރުސަތުލް އަމީނިއްޔާ] މިނަން ހަމަ މާލޭގެ [މަދަރުސަ ސަނިއްޔާ] މިނަން ހަމަ ކޮންމެހެން ބޭނުންފުޅުވެގެން [މަދަރުސަތުލް އަމީރު އަމީން] ގެ ނަން ދެއްވާފައިވާ އަމީނިއްޔާ ސުކޫލެވެ. ކޮމެޓީތައް އުފައްދަވައި އެ ކޮމެޓީގެ ބެލުމުގެ ދަށުން ރަށުތެރޭގައި އުޅޭ ބަލަހައްޓާނެ މީހަކުނެތް ފަޤީރުކުދިން ހޯއްދެވިއެވެ. އަދި އެކުދިން ރަށުގައި ތިބި ރަނގަޅު މީހުންނާ ހަވާލުކުރެއްވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ރަށުގައި އުޅޭ ވިޔަޔަނުދާ ކުދިންގެ ޢަދަދު މަދުވުމެވެ. މިއީ މިފަދަ ކަމެއް އިޞްލާޙް ކުރެއްވުމަށް ދިވެހި ޤައުމުގެ ވެރިއަކު އެޅުއްވި ފުރަތަމަ ފިޔަވަޅެވެ.
ތަޢުލީމުގެ އިތުރުން ކުޅިވަރުގެ ޙަރަކާތްތަކަށްވެސް އެމަނިކުފާނު އިސްކަން ދެއްވިއެވެ. އާދޭހެވެ! ސުމުއްވުލް އަމީރު މުޙައްމަދު އަމީން، ރައްޔިތުންގެ މެދުގައި ޢިޖުތިމާއީ ގުޅުން ބަދަހިކުރައްވައި އެކަންކަމުގެ މަޝްވަރާ ހޯއްދެވުމަށް ކުލަބުތަކާއި ޖަމިއްޔާތައް، އަދި ޕާޓީތަކާއި ކޮމެޓީތައް އުފެއްދެވިއެވެ. ކުޅިވަރުގެ ރޫޙާ އެއްގޮތަށް ޤަވާޢިދުތައް ހެއްދެވިއެވެ. ރާއްޖޭގައި ކުޅިވަރުތައް ކުޅިވަރުތައް ކުޅެވެންފެށުމުގެ ދުވަސްވަރަކީ މުޙައްމަދު އަމީންގެ ދުވަސްވަރެވެ. ކުލަބުތަކުގެ މެދުގައި ފުޓްބޯޅަ، ހޮކީ، ކުރިކެޓް މުބާރަތްތައް ބޭއްވުނެވެ. އަދި ހަމަ އެހެންމެ މަދަރުސާތަކުގެ މެދުގައި ބަށި، ޓީ ޓީ މުބާރާތްތައް ބެއްވުނެވެ.
ކޮންމެ ނަޒަރަކުން ބެލިކަމުގައިވިޔަސް މުޙައްމަދު އަމީންގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ތަޢުލީމަށް އިންޤިލާބެއް ގެންނެވިއެވެ. އާދެ! މުޙައްމަދު އަމީނަކީ ދިވެހިރާއްޖޭގެ ތަޢުލީމުގެ ބާނީއެވެ. ތަޢުލީމުގެ ބައްޕައެވެ.
އަދަބިއްޔާތުގެ ތެރެއިން މުޙައްމަދު އަމީން
މުޙައްމަދު އަމީނު ދިވެހި ބަހަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ގުނާ ފާހަގަ ކޮށްދެއްވުމަށްވުރެ އުޑުގައި ހުރި ތަރިތައް ގުނާ ފާހަގަ ކޮށްދެއްވުންވެސް މާފަސޭހަވާނެއެވެ. އެމަނިކުފާނުންގެ ޚިދްމަތްތައް އެހާވެސް ގިނަގުނައެވެ. ޒަމާންތައް އެނބުރެމުން، ބަދަލުވަމުން ދިޔުމުގައި އެކި މީހުން ވަކިވަކިން ޚިދުމަތްކުރާ ސިފަ ނެތިފައި އެތައްބަޔަކު އެއްވެގެން ޚިދުމަތްކުރާ ސިފަ އައެވެ. އެ ސިފަ އައީ ސުމުއްވުލް އަމީރު އަލް ޙާއްޖަ އަލް މަރުޙޫމު މުޙައްމަދު އަމީންގެ ދުވަސްވަރުގައެވެ.
އަލް އަމީރު މުޙައްމަދު އަމީން ދިވެހި އަދަބީ ދުނިޔޭގައި ހަރަކާތްތެރިވެ ވަޑައިގަތް ދުވަސްވަރަކީ ފަޟީލަތުއް ޝައިޙުލް މަރްޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވި [އައް ސީރަތުއް ނަބަވިއްޔާ، އައް ދުއްރަތުލް ބަހިއްޔާ] ފަދަ ލިޔުއްވުންތައް ތަޢާރުފުވި ދުވަސްވަރެވެ. މުޙައްމަދު އަމީން ހިންގެވި އަދަބީ ގަލަންކޮޅުގެ އަސަރު ވެގެންދިޔައީ ދިވެހި އަދަބިއްޔާތުގެ ފެށުންކަމުގައެވެ. އާދެ! އަލް އަމީރު މުޙައްމަދު އަމީން ދިވެހި އަދަބީ ދުނިޔެއަށް ތާޢާރުފުވެގެން ދިޔައީ ބަސްބޮށުންތެރިކަމާއި ބަހުގެ ހަމަތަކަށާއި ބަހުގެ ޤަވާއިދަށް ފުރިހަމަ އިންޤިލާބެއް އައި ދުވަސްވަރުއެވެ. އެމަނިކުފާނު އުފެއްދެވި ވާހަކަ ކޮމެޓީގެ ހަރަކާތްތަކާއި އައްރަފީޤް އަދި ބަސް ކޮމެޓީ މީގެ ދަލީލަކަށް ފުދެއެވެ.
[ދިވެހި ބަހަކީ ހިސާބަކަށް ތިޔާގި، އަސަރު ގަދަ ތަނަވަސް ބަހެކެވެ.] މި ދެންނެވި ޖުމުލައަކީ ދިވެހިބަހުގެ ހަރުދަނާ މުރުޝިދެއްގެ ބަސްފުޅެވެ. ބަހުގެ ފޮނިކަމާއި ތިޔާގިކަމާއި އަސަރުގަދަކަމާއި އަދި ތަނަވަސްކަން މޮޅަށް ދެނެވަޑައި ގަންނަވާ، އަޅުގަނޑުމެން ޤަބޫލުކުރާ ދިވެހިބަހުގެ އެންމެ ވިދާ ލިޔުންތެރިޔާގެ އިބާރާތެކެވެ. އެބޭފުޅާ ވިދާޅުވާ ގޮތުގައި [ދިވެހި ބަހަކީ ވަރަށްވެސް ތަނަވަސް ޤަވާޢިދުތަކެއްގެ މައްޗަށް ބިނާވެފައިވާ ބަހެކެވެ.] މީގެ ހެތްކަކަށް ދައްކާފައިވަނީ އިސްވެ ގޮސްފައިވާ ޒަމާންތަކުގައި ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ. ޚާއްޞަކޮށް އެދުރު އުމަރު މާފަތްކަލޭގެފާނާއި ބަނޑޭރި ހަސަން މަނިކުފާނުގެ ލިޔުއްވުންތަކެވެ.
އެމަނިކުފާނު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުގެ ފޮތްތަކާއި ބަހުގެ ހަމަތަކާއި ރީތި ނަމޫނާތަކާއި އަސަރުގަދަ ލޯބީގެ ވާހަކަތައް ހިމެނެއެވެ. މީގެ އިތުރުންވެސް ޢިބުރަތްތެރި އެތައް ތަމްސީލުތަކާއި ކެއްކުމުގެ ފޮތްތައްވެސް ހިމެނިގެން ވެއެވެ. ތާރީޚާ ބެހޭ ފޮތްފޮތާއި ދިވެހިބަހުގެ ޤަވާއިދާއި ދިވެހިބޭސްވެރިކަމާ ބެހޭ ފޮތްތައްވެސް ހިމެނެއެވެ. އަދި މުޙައްމަދު އަމީންގެ އަމިއްލަފުޅު ޙަޔާތުގެ ހަނދާންތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތަކާއި މަޒުމޫނު ފޮތްތަކެއް ހިމެނެއެވެ. އަދި މީގެއިތުރުން އަދަބީ ދުނިޔޭގައި އ.ގ.އ، މ.އ އަދި އޯކިޑުގެ ނަމުގައި މަޝްހޫރުވެވަޑައިގެންފައި ވެއެވެ. މީގެތެރެއިން ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރުވެފައިވަނީ [އޯކިޑު] ގެ ނަމުގައެވެ.
ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ ކޮމެޓީ އުފެދުނީ މީލާދީން 1979 ވަނަ އަހަރުގައެވެ. މި ކޮމެޓީގެ ވެރިޔަކީ މުޙައްމަދު އަމީނެވެ. އަދި މިއާއެކު މަޙުކަމަތުލް ދާޚިލިއްޔާގެ ފަރާތުން ވާހަކަ ކޮމެޓީ ނެރެވުނެވެ. މާލެގައި ގެންގުޅުނު ވާހަކަތައް ކިޔައި ފާސްކުރުމީ މި ކޮމެޓީގެ އެއް މަސައްކަތެވެ. [އައްރަފީޤް] މި މަޖައްލާއަކީ ވާހަކަ ކޮމެޓީން ނެރެވުނު ފުރަތަމަ މަޖައްލާއެވެ. މި ކޮމެޓީގެ ފަރާތުން އެކި މައުޟޫޢުތަކަށް ބަހުސް ކުރުން ކުރިއަށް ގެންދެވުނެވެ. އެގޮތުން އެންމެ ފޯރީގައި ކުރެވުނު ބަހުސަކީ [ދިވެހި އަންހެނުން ލާން ބޮޑަށް އެކަށީގެންވާ ހެދުމަކީ ދިވެހިހެދުން، ބޯވަޅު އެޅި ލިބާސް، ފޭލި، ރުމާހެދުންތޯ؟، ފާސްކުރިނަންބަރު ހެދުންތޯ؟] އެވެ.އަދި މިއާއެކު ބަސްކޮމެޓީގެ މަސައްކަތް ފެށިގެން ދިޔައެވެ. ދިވެހި ބަސްފޮތް ލިޔުމާއި ދިވެހިބަހުގެ އެކިއެކި ރަދީފުތައް ލިޔުއްވަން ފެއްޓެވިއެވެ. މިއީ އަދަބީ ޚިދުމަތުގެ ރަންޒަމާނެވެ. އަދަބީ ދަނޑުތަކަށް ފެހިކަން ގެންނެވި ދުވަސްވަރެވެ.
ދެން ފާހަގަކޮށްލެވެނީ ދަޢުލަތުގެ މަޢާރިފުގެ ވެރިއެއްގެ ގޮތުން މަދަރުސީ ފެންވަރުގައި ކުރެއްވި ޚިދުމަތްތަކެވެ. މަދަރުސަތުލް މަޖީދިއްޔާގެ ފަރާތުން އުފެއްދި، އަދަބީ ޖަމިއްޔާގެ ފަރާތުން [އައް ރާބިތާ] ނެރުއްވުމަށް އެހީތެރިވެދެއްވިއެވެ. މަދަރުސަތުއް ސަނިއްޔާގައިވެސް ޖަމިއްޔާއެއް އުފެއްދެވިއެވެ. އަދި އޭގެފަހުން ޤައުމުގެ އަންހެންދަރިޔާގެ ނަމުގައި އަތުންލިޔެގެން މަޖައްލާއެއް ނެރުމަށް އެހީތެރިވެދެއްވިއެވެ.
ދިވެހި ދަރިންނަށް ތަޢުލީމު ދެއްވައި މުޖުތަމަޢު ހޭލުންތެރިކުރެއްވުމަށް ނުހަނު ހިތްވަރާއެކު މަސައްކަތް ކުރެއްވިއެވެ. މި މަސައްކަތްތަކަކީ އަމީންދީދީގެ ހަރުދަނަކަމާއި އަދަބުދެކެ ލޯބިވާކަމުގެ ހެތްކެކެވެ. އެއީ އެދުވަސްވަރު ޢިލްމީ ބަހުސްތައް ފޯރިއާއެކު ކުރައްވަމުންގެންދެވި ރިހި ދޫފުޅުގެ ވެރިޔާއެވެ. ނަސޭހަތުގެ ބަސްފުޅުތައް ލިޔުއްވަމުންގެންދެވި އަގުހުރި ގަލަންކޮޅުގެ ވެރިޔާއެވެ.
އާދޭހެވެ! ހަމައެކަނި ދިވެހިބަހުގެ އަދީބެއްނޫނެވެ. ބޭރުގެ ބަސްތައް މޮޅަށް ދެނެވަޑައިގަންނަވައެވެ. އަރަބި އަދަބުގައި ނަމަ، މުސްޠަފާ ލުޠުފީ، އަލް މަންފުރޫތީ ފަދަ ބޭބޭފުޅުންގެ މަޤާމު ދިނުން ޙައްޤެވެ. އުރުދޫ އަދަބުގައި ނަމަ، މަޢުލާނާ އަބުލްކަލާމު، އާޒާދުގެ މަތިވެރި ދަރަޖައެވެ. ކުޅަދާނަ ޢިބާރާތްކުރުން ތެރިއެކެވެ. ފަސޭހަ ދޫފުޅެއްގެ ވެރި މުޤައްރިރެކެވެ. އަދަބީ ލިޔުއްވުންތައް ލިޔުއްވަމުން ގެންދަވަނީ އޮފީހުގެ މަސައްކަތްޕުޅުތައް ފަރުވާތެރިކަމާއެކު ކުރައްވަމުންނެވެ. އޮފީހުގެ މަސައްކަތާހުރެ ވިދާޅުވަމުންގެންދަވާ ޢިބާރާތަކަށް މެދުކެނޑުމެއް ނާދެއެވެ. އެމަނިކުފާނު އަދަބިއްޔާތަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ބަޔާންކުރުމެކޭ މެންދުރުގެ އަލިކަން ހާމަކޮށްދޭން މަސައްކަތްކުރުމެކޭ ތަފާތެއްނެތެވެ.

މުޙައްމަދު އަމީންގެ ބައެއް އަދަބީ ޚިދުމަތްތައް:
·        ހަސީނާގެ ހިތާމަ
·        ހަމްދަރުދީ
·        ޖޫލިޔަޓުގެ ހުވަފެން
·        ހިތާއި ސިކުނޑީގެ ލޯބި
·        ޤާނޫނު އަސާސީގެ ޙަޔާތް
·        ދިވެހިރާއްޖޭގެ ތާރީޙުގެ ތަންތަންކޮޅު
·        ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި
·        އަޅުގަނޑުގެ ހަނދާންތައް
·        މިޒަމާނުގެ ދިވެހިރާއްޖޭގެ ޙަޤީޤީ ބައްޕަ
·        ދިވެހިރާއްޖޭގެ ޖޯގްރަފީއަށް ތަޢާރަފުކުރުމެއް
·        ކަރުނަޔާ ނުލާ ކެއްކުން
·        ދިވެހި ރުއްތަކަށް ތާޒާކަމެއް
·        އެ މައުޟޫޢު އާއި މި މަޢުޟޫޢު
·        ކުރިޔަށް ދިވެހި ޤައުމު
·        ހަރުދަނާ އަޚުލާގެއް ލިބިގަންނާނީ ކިހިނަކުންތަ؟
·        އިންސާނާގެ ޞިއްޙަތު
·        ދިވެހި ބޭހުގެ އަތްގާތް ކޮށްދިނުން
·        ދިވެހި ބަސް ދަރިވަރުންގެ އެހީތެރިޔާ
·        ލޯބި އެންމެ ލޯބި ކަރުނައިގެ ތެރޭގައި
·        ކުޅިވަރުގެ ރޫޙު
·        ކަނޑުން އުދުހެމުން ވައިން ފިރުކެމުން
·        ފުރިފައިވި އެއްޗެއް ގުޑުގުޑެއް ނާޅާނެ
·        މަދަރުސީ ބެޖު
·        މިދެވެނީކޮންތަނަކަށްތަ؟
·        ދިވެހި ރާއްޖޭގެ އެހާރާއި މިހާރާއި މުސްތަޤުބަލު
·        ދިވެހި އަންހެނުންގެ އައު ރޫޙު
·        ހިތުގެ ލޯބިން ޤުރުބާންވުން
·        ޙަޔާތުގެ ނިމުން
·        ޔާސީން ސޫރަތުގެ މާނަ-(ޝަރަޙައާއެކު)
·        ބައެއް އާޔަތާއި ޙަދީސްގެ މާނަ 
·        އަމީންގެ މަޒުމޫނުތައް
·        ސައްޔާޙެއްގެ ޔައުމިއްޔާގެ ގަނޑެއް

މުޙައްމަދު އަމީންގެ ވާހަކަދެއްކުންތެރިކަން
އަޅުގަނޑުމެންގެ ރާއްޖޭގައި ޚާއްސަ ފަންނެއްގެ ގޮތުގައި ވާހަކަދެއްކުންތެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވަނީ މުޙައްމަދު އަމީންގެ ދުވަސްވަރުގައެވެ.
މުޙައްމަދު އަމީންދީދީ އަކީ އެންމެ ކުޑައިރުންސުރެ ފެށިގެން ވެސް، އަދި ކިޔަވައި ވިދާޅުވި ދުވަސްވަރުގައި ވެސް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އެމަނިކުފާނު އަލީގަޅު އުނިވާސިޓީގައި ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރު އެތާނގެ ސިޔާސީ މުޙައްރިރުންނާ ތަޤުރީރުކުރެއްވިއެވެ. އެބޭފުޅުންގެ ތެރެއިން މަހާތަމާ ގާންދީ ފާހަގަކޮށްލެވެއެވެ.
އަލީގަޅު ޔުނިވާސިޓީގައި ވާހަކަދެއްކުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފަޚުރު މުޙައްމަދު އަމީނަށް ލިބިވަޑައިގަތެވެ. އަދި އެމުބަރާތުން އެ ޔުނިވާސިޓީ 1 ވަނައަށް ދިޔައެވެ. މިއީ އަމީންގެ ވާހަކަދެއްކުންތެރިކަން ހާމަވާ ހެއްކެކެވެ. ދިވެހިބަހެކޭ އެއްފަދައިން އިނގިރޭސި ބަހުންވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.
އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުންވެސް މިކަން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. ރާއްޖެއަށް ކުރިމަތިވި އުތުރު ގަޑުބަޑު ހާދިސާ ހަމަޖެއްސެވީ ވަރަށް ފުރިހަމައަށެވެ.ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ބަނޑުހައިހޫނުކަމުގައި ތިއްބައި އެމަނިކުފާނު ދެއްވި އިރުޝާދުގެ ބަސްފުޅުތަކުން އަދި ކުރެއްވި  އިލްތިމާސްތަކުން އެމީހުންގެ ތެރޭގައި އުފެދުނު ޤައުމީ ރޫޙެއް ފުރިހަމައަށް ވަޒަންކުރެވޭނީ އެ މަންޒަރު ލޮލުންދެކި އަތުން ހިފައިގެންނެވެ.
އާދެ! އަމީންދީދީ އަކީ ދިވެހިރާއްޖޭގައި ވާހަކަދެއްކުންތެރިކަން އަށަގެންނެވުމަށާއި މީހުންނަށް އެ ހުނަރު ދަސްކޮށްދެއްވި ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އެމަނިކުފާނަކީ ރާއްޖޭގައި އުފެދުނު ދިވެހި ބަހުގެ ބަލާޣާތްތެރި މުޣައްރިރެކެވެ. ދޫފުޅު ފަސޭހަ ބަސްމޮށުންތެރިއެކެވެ.
ޅެންވެރިކަމުގެ ތެރެއިން މުޙައްމަދު އަމީން
އާދޭހެވެ! އެކިއެކި މައުޟޫޢުތަކަށް ލިޔުއްވާފައިވާ މަޒުމޫނުތަކުގެ އިތުރުން ޅެންވެރިކަމުގެ ދަށުގައިވެސް ރުވާފައިވާ ރުއްތައް ބައިވަރެވެ. ދިވެހި ޅެންވެރިންގެ ތެރޭގައި ހިމެނޭ އެންމެ ފުންނާބުއުސް ބޭފުޅަކަށް ނުވިކަމުގައި ވިޔަސް އެމަނިކުފާނަކީ ޤައުމީ ލޯބީގެ ޝުޢޫރު ޅެންބަހުން ހާމަކުރެއްވުމުގައި އާދަޔާ ޚިލާފު ޅެންވެރިއެކެވެ. މިނިވަންކަމުގެ ނިދާ އޭގެ އެންމެ ބާރާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވުމުގައި އަރާހުންނެވި ޅެންވެރިއެކެވެ. އެބޭފުޅާގެ ޤައުމީ ޅެންތައް ކިޔުމުން އެކަމުގެ އަސަރު ނުކުރާނެ ދިވެއްސެއް ނުހުންނާނެކަމީ ޔަޤީން ކަމެކެވެ.
ތިރީގައި މި ހިމަނާލަނީ ދިވެހި ނާދީގެ ޅެންފޮތެއްކަމުގައިވާ [ޤައުމީ ނިދާ] ގައި ހިމަނާފައިވާ މުޙައްމަދު އަމީންގެ [ދިވެހި ދަރިއެއްގެ ޢަޒުމެއް] އަދި [ވަޠަނުގެ ދަރިންނަށް ގޮވާލުމެއް] މި ދެ ޅެމެވެ.
މުޙައްމަދު އަމީން ލިޔުއްވާފައިވާ ފޮތްތަކުގެ މައްޗަށް ބަލައިލުމެއް
ސައްޔާޙެއްގެ ޔައުމިއްޔާގެ ގަނޑެއް
މިފޮތަކީ  [ސަރުކާރުގެ ޚަބަރު] ގެ އެކިއެކި އަދަދުތަކުގައި މުޙައްމަދު އަމީން އެކުލަވައި ލައްވަމުން ގެންދެވި މަޒުމޫނުތަކެވެ. މަޢުޟޫޢު އަކީ [ސައްޔާހެއްގެ ޔައުމިއްޔާގެ ގަނޑެއް] އެވެ. މިފޮތުގައިވާ މަޒުމޫނުތައް ބިނާކޮށްފައިވަނީ އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ މަޢުލޫމާތުގެ މައްޗަށެވެ.މި ފޮތުގައި މި މަޢުލޫމާތުތައް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ. މިއީ އެމަނިކުފާނު ލިޔުއްވި ދަތުރުނާމާއެކެވެ.
ތަންޤީޙުކުރެވުނު ދިވެހި ރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު
މިއީ [ދިވެހި ރާއްޖޭގެ ތަންތަންކޮޅު] މިފޮތް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. މިފޮތުން ގެންނަން ފެނުނު ބަދަލުތަކާއި އިޞްލާޙު ކުރަން ފެނުނު ކުށްތައް އިޞްލާޙު ކުރުމަށްފަހު ލިޔެފައިވާ ފޮތެކެވެ. މިފޮތް ޗާޕުކުރީ އިންޑިޔާގެ ކަލްކަތާގެ [ސިތާރާ ހިންދު ޗާޕުޚާނާ]އިންނެވެ.
މިފޮތަކީ ތާރީޚާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތެކެވެ. މިއީ ތާރީޚު ދަސްކުރައްވާ ބޭފުޅުންނަށާއި ފޮތް އަލަމާރި ތަކަށް ބޭނުންތެރި ފޮތެކެވެ.
އަމީންގެ މަޒުމޫނުތައް 1
މިފޮތުގައި ހިމަނާފައިވާ މަޒުމޫނުތައް ހޮވާލާފައިވަނީ ފުރަތަމަ ނުކުތް ނޫސް [ސަރުކާގެ ޚަބަރުން]ނާއި [ދީނީ ރޫޙުން]ނެވެ. މިފޮތުގެ ބައެއް މަޒުމޫނުތަކަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގެ ޙާލަތު ބަޔާންކުރައްވާ ލިޔެފައިވާ މަޒުމޫނުތަކެކެވެ. އެގޮތުން ކާބޯތަކެތި ހެއްދުމަށް ކުރައްވާފައިވާ އލްތިމާސްތަކާއި އެއިރު ރާއްޖޭގެ ޙާލަތަށް ބައްލަވައި މުސްތަޤުބަލު ސަލާމަތްކުރެއްވުމަށްޓަކައި ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކުގެ މަޒުމޫނުތައް ހިމެނެއެވެ. އަދި މިދުވަސްވަރުގެ ތިން ޝަޚްޞިއްޔަތަކާ ބެހޭ ގޮތުން ލިޔުއްވާފައިވާ މަޒުމޫނުތައް ހިމަނާފައި ވެއެވެ. އަދި މީގު އިތުރުން ރާއްޖޭގެ ބައެއް މަޝްހޫރު އަބްޠާލުންނާ ބެހޭގޮތުން ލިޔުއްވާފައިވެއެވެ. ތާރީޚާއި ސަޤާފަތާ ބެހޭ މަޒުމޫނުތަކާއި ޤައުމީ ވާޖިބުތަކަށް ގޮވާލާ މަޒުމޫނުތަކާއި ދީނީ މައުޟޫޢު ތަކަށް ލިޔެފައިވާ މަޒުމޫނުތައް ހިމެނެއެވެ.
އަޅުގަނޑުގެ ހަނދާންތައް
މިއީ އޭނާގެ ތުއްޕުޅުއިރުން ފެށިގެން ކިޔަވައިވިދާޅުވުން ނިއްމަވާލެއްވުމަށްފަހު ސަރުކާރު ވަޒީފާއަށް ވަދެވަޑައިގަތް ދުވަސްވަރާ ހަމައަށް އެމަނިކުފާނުގެ ޙަޔާތްޕުޅާބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުމުކެވެ. (އޮޓޯ ބަޔޮގުރަފީ) މި ފޮތުގެ ފުރަތަމަ ޗާޕު ކުރެވިފައިވަނީ ޙިޖުރައިން 1371 ވަނަ އަހަރުއެވެ. މި ފޮތް ޗާޕުކުރީ އިންޑިޔާގެ ކަލްކަތާގެ ޕްރެސްއެއް ކަމުގައިވާ، ސިތާރާހިންދު ޕްރެސް ލިމިޓެޑް (ނަންބަރު 2 ބަނިޔާ ޕޫކަރުލޭން ކަލްކަތާ) އިންނެވެ. މިއީ މި ފޮތުގެ އާ ޗާޕެކެވެ.
މުޙައްމަދު އަމީންގެ ޙަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރެއްވީ ވެރިކަމުގެ ތެރޭގައެވެ. އެހެންކަމުން އޭނާ އެ ހަނދާންތައް ލިޔުއްވާފައިވަނީ އެ ލިޔުއްވުންތަކުން ދިވެހި ތާރީޚަށް ވަރަށްބޮޑު އަލިކަމެއް ލިބިގެންދާފަދަ ގޮ ތަކަށެވެ.
 
ހަސީނާގެ ހިތާމަ
[ހަސީނާގެހިތާމަ] މި ވާހަކައަކީ ޙިޖުރައިން 12 ޞަފަރު 1361 ގައި ލިޔުއްވާފައިވާ ވާހަކައެކެވެ. މި ވާހަކައަކީ މުޙައްމަދު އަމީންގެ ހިނގާ ގަލަންކޮޅުން ލިޔެފައިވާ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. މި ވާހަކައިގައި އެމަނިކުފާނު ބޭނުން ކުރައްވާފައިވާ ޢިބާރާތްތަކާއި ބަސްތަކަކީ އެހާމެ ފަށުވި، މުއްސަނދި ބަސްތަކެކެވެ. ވާހަކަ ފެށުނީންސުރެ، ނިމެންދެންވެސް ވާހަކައިގައި ޢިބާރާތްކޮށްފައިވާ ބަސްތަކަކީ އެ ކިޔާމީހަކަށް މި އުޅެވެނީ ވާހަކައިގެ ތެރޭގައޭ ހީވާފަދަގޮތަކަށް ގެނެސްފައިވާ ބަސްތަކެކެވެ.
މި ވާހަކައިގައި އުޅޭ ހަސީނާއަކީ މައިންބަފައިންގެ އަމުރަށް ނުހަނު ކިޔަމަންތެރިވާ ހީވާގި އަންހެން ކުއްޖެކެވެ. ހަސީނާއާއި ޙުސައިން ޙަލީމުގެ ދެކުދިންނަކީ އެކަކު އަނެއްކަކުދެކެ ނިހާޔަތަށް ލޯބިވާ ދެ ކުދިންނެވެ. މި މީހުންގެ ލޮތްބަށް އެޅުނު ހުރަހަކީ މައިންބަފައިންގެ ނުރުހުމެވެ. މި ވާހަކަ ނިމިގެންދަނީ އެކަކަށްވެސް އެކެއްގެ ލޯބި ހާސިލު ނުކުރެވި ހިތާމައިގައެވެ.

ޙަޔާތުގެ ނިމުން
މި ވާހަކައިގައި އެމަނިކުފާނު ބެނުންކުރައްވާފައިވަނީ ވަރަށް ފުރިހަމަ ރީތި ޢިބާރާތްތަކެކެވެ. ބަހަށް ލިބޭ ފުރިހަމަކަމުގެ އިތުރުން މުޅި ދިވެހި ޤައުމަށްވެސް ފައިދާކުރާނެ ވާހަކަތަކެކެވެ.
މި ވާހަކައަކީ އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގެ ނިމުންކަމުގައި ބެއްލެވިޔަސް، އެމަނިކުފާނުގެ ޙަޔާތްޕުޅުގެ ނިމުންކަމުގައި ބެއްލެވިޔަސް ޙަޤީޤަތުގައި ޙަޔާތުގެ ނިމުމެކެވެ. މިއީ އެމަނިކުފާނުގެ އެންމެ ފަހު އަދަބީ ޚިދުމަތެވެ.
ވާހަކައިގައި އުޅޭ ވަފިއްޔާއަކީ ޚިދުމަތްތެރި ތަޢުލީމީ އަންހެން ބޭފުޅެކެވެ. ނަންނަމަށްވުރެ ކަންކަމަށް ތަރުޚީބުދެއްވައި އިއްފަތްތެރިއެކެވެ. ވަފިއްޔާގެ އަވަދިނެތް ސިޔާސީ ޙަޔާތްފުޅުގެ ތެރެއަށް ނުވަތަ ޤައުމީ ލޯބީގެ ތެރެއަށް ޒުވާން ޖިންސުއްލަޠީފެއްގެ ލޯބި، އާދެ! ކެހިވެރި ލޯތްބެއްވަދެ އޭނާއަށް ލިބުނު ފުން ހިތާމަތައް ފޮހެލައި ޤައުމީ ޚިދުމަތާ ހަވާލުވިގޮތް ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެއެވެ.
މުޙައްމަދު އަމީން އަވަހާރަވުން، ދިވެހި އަދަބަށް ލިބުނު ފަނޑުލަމެއް
ބަހުގެ މާބަގީޗާއަށް ރަބީޢު މޫސުމާއި ޚަރީފު މޫސުން އައިސް ގޮސްފައި ވެއެވެ. މި ގޮތުން ދިވެހިބަހަށް އަދި މިހާތަނަށް ފެނުނު އެންމެ ކުލަރީތި ދައުރަކީ ދިވެހި ބަހުގެ އެންމެ ވިދާ އަގުމާތް އަދީބު މުޙައްމަދު އަމީންގެ ޒަޢާމަތުގެ ދަޢުރެވެ. އެމަނިކުފާނު އަވަހާރަވުން ވެގެންދިޔައީ ދިވެހި ބަހަށް ލިބުނު ވަރަށްބޮޑު ހީނަރުކަމެއް ކަމުގައެވެ. އެހެނީ އެމަނިކުފާނަކީ ދިވެހި އަދަބަށް ލިބިފައިވާހައި ފަރިކަމާއި ފަށުވިކަމެއްގެ އަސްލެވެ. ޝައްކެތްނެތް ގޮތުގައި އެއީ ދިވެހި އަދަބުގެ ތެރެއަށް ވަރަށްބޮޑު އިޞްލާޙެއް ގެންނެވި، ވަރަށް ތަނަވަސް ދޮރެއް ހުޅުއްވައިދެއްވި އަދީބެކެވެ.
އެމަނިކުފާނު އަދަބަށް ކުރެއްވި ގިނަގުނަ ޚިދުމަތްތަކަކީ، އަޅުގަނޑުމެން އަބަދުގެ އަބަދަށް ދިރާސާކުރަންޖެހިފައިވާ އަގުހުރި ޚަޒާނާއެކެވެ. އެމަނިކުފާނުގެ ހަށިކޮޅުގައި ހިނގި ލޭފޮދާއި ދިވެހި ޤައުމީ ޙަޔާތުގެ ވިންދާ އޮތީ ގުޅިފައެވެ. އަދަބީ ގުލްޝަނުގައި ހެދެމުންދިޔަ އަސަރުގަދަ މާމެލާމެލިތަކެއްގެ ރޫޙާ އެކުގައެވެ. އާދެ އެ ގުލްޝަނުގެ ފިނިފެންމަލުންނެވެ.
އެމަނިކުފާނުގެ އަމިއްލަ ޢިބާރާތުން ދަންނަވަނީނަމަ، އެމަނިކުފާނުގެ ހުރި އުނި ސިފަފުޅަކާއެކުގައި ނަމަވެސް، ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވޭތޯ އުޅުއްވި ބޭފުޅެއްކަމުގައި ދިވެހި އުންމަތް ޤަބޫލުކުރަނިކޮށް އެމަނިކުފާނުގެ މަޤުޞަދު ހާސިލުވީއެވެ.
މުޙައްމަދު އަމީން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މީލާދީން 19 ޖަނަވަރީ 1954 ގައެވެ. ވަޅުފުޅުލެވުނީ މާލެއަތޮޅު ވިހަމަނާފުށީގައެވެ. އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!
ފަނޑުވެގެން ދާށިތޯ ނޫރުއަލި ޚިދުމަތީ
ކަނޑުތަކުން އޭގެ ޢަކްސުން ވިދާލީ މުތީ
ފަނޑުނުވާ ހަނދުވަރު ބީދައިން ބިންމަތީ
ފަނޑުކަމެއް ނާންނަ ނަންފުޅު މުޙައްމަދު އަމީން

1 comment:

  1. Anonymous6:47 PM

    kiyava kudinnah beynuntheri liyumeh

    ReplyDelete

މި ލިޔުމަށް ޚިޔާލު ފޮނުއްވާ