Monday, September 03, 2012

އިހަވަންދޫގެ ބަނދަރު – ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ނިމޭނެކަމުގައި ސައިޓުން ހާމަކޮށްފި.







އިހަވަންދޫ ބަނދަރުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ބަނދަރުގެ މަސައްކަތް އެކީ ނިމޭނެކަމަށް އުންމީދުކުރައްވާކަމުގައި އިހަވަންދޫ ބަނދަރުހެދުމާއި ހަވާލުވެ ހުންނެވި ފަރާތުން ހަމާކޮށްފިއެވެ.

މިހާރު ދެން އޮތީ ފުންކުރަންޖެހޭ ހިސާބުތައް ފުންކުރުމާއި މަގުތައް އެއްވަރުކުރުންފަދަ މަސައްކަތުގެ ފިނިޝިންގެ މަސައްކަތްތައްކަމުގައި އެފަރާތުން ވަނީ ހާމަކޮށްފައެވެ.
މިހާރު އިހަވަންދޫ ބަނދަރުގެ ދިގުމިނަކީ 1300 ފޫޓު، އަދި ހުޅަނގު ފަރާތުން ފެށިގެން ފުރަތަމަ  1000 ފޫޓަށް ފުޅާ މިނަކީ 300 ފޫޓު، އަދި ބާކީ 300 ފޫޓުގެ ފުޅާމިނަކީ 250 ފޫޓެވެ. މިގޮތަށް ފަޅު ބޮޑުކޮށްފައިވަނީ، އޭރު ފަޅު ހަދަމުންގެންދާ ގޮތާމެދު ހިތްހަމަނުޖެހި ފަޅުކުޑަވުމުގެ ސަބަބުން އިހަވަންދޫގެ ގިނަ ރައްޔިތުންތަކެއް ނުކުމެ، އެކަން ހުއްޓުވުމުގެ ސަބަބުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިމަކުގައެވެ. އޭރު ފަޅު ހަދަން ނިންމާފައިވަނީ ކުރިންވެސް އިހަވަންދޫގެ ފަޅު އޮތް މިނަށެވެ.
މިގޮތަށް ފަޅުގެ މަސައްކަތް ނިމުމުން މިފަޅަކީ ތަނަވަސް، އޮޑި ދޯނިފަހަރު އެޅުމާއި ލަފާފުރުމާއި މުދާ ބޭލުމަށް ފަސޭހަ ފަޅެއްކަމުގައި ވެގެންދާނެއެވެ. އަދި ރަށުގެ އެންމެހާ ރައްޔިތުންނާއި ޚާއްސަކޮށް އޮޑިވެރިންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެއެވެ. ކަންމިހެން ހުރިނަމަވެސް ފަޅުގެ ވާޓަރު އުސް ކަމުގެ ވާހަކައާއި އަދި ފަޅު ތިލަކަމުގެ ވާހަކަތައް ޝަކުވާއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި ދަނީ ކުރެވެމުންނެވެ.
ކުރިން އިހަވަންދޫގައި ގާއިމުކުރެވިފައިވާ ބަނދަރުގެ ދިގުމިނަކީ 960 ފޫޓެވެ. އޭރު ހުޅަނގުކޮޅުން ފުޅާކުރެވިފައިވަނީ 240 ފޫޓަށެވެ. އަދި އިރުމަތީ ކޮޅުން ފުޅާކުރެވިފައިވަނީ 160 ފޫޓަށެވެ.

1 comment:

  1. Anonymous1:01 PM

    ފަޅު ނިމުނީމަ ފަސޭހަވާނެ ހަމަ އެންމެނަށްވެސް

    ReplyDelete

މި ލިޔުމަށް ޚިޔާލު ފޮނުއްވާ