Wednesday, September 12, 2012

ގއ. ކޫއްޑޫ އެއަރޕޯޓް ރަސްމީގޮތުން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.
ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކޭ.އެޗް.އޭ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޢަލީ ޖަނާހު އަދި ބޮނަވިސްޓާ ކުންފުނީގެ ޗެއަރމަން މިސްޓަރ ހެންރީ އެންގޯ، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މިއަދަކީ ގއ. އަތޮޅަށް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ! ހުވަދުއަތޮޅުގެ އުތުރުބުރީގައި އެއަރޕޯޓެއް ފުރަތަމަ ޤާއިމްކުރެވި، މި އެއަރޕޯޓްގައި ފްލައިޓް ޖައްސަން ފެށުނު ދުވަސް. އެހެންވީމާ، އެކަމުގެ އުފަލުގައި، ހުވަދުއަތޮޅުގެ ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް، ހުވަދުއަތޮޅު އުތުރުބުރީގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ހޫނު މަރްޙަބާއަކާއި ތަހުނިޔާއެއް ދަންނަވަން.
ސަރުކާރެއްގެ ބޭނުމަކީ، ރައްޔިތުންނަށް ލުއިފަސޭހައާއި ހެޔޮ ގޮތްތައް ހޯދައިދިނުން. އެގޮތުން، މިއަތޮޅުގައި އެއަރޕޯޓެއް ޤާއިމް ކުރުމުގެ މަޤްޞަދަކީވެސް އެންމެ ފުރަތަމަ މިއަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކުގައި ދަތުރުފަތުރު ކުރެވޭނެގޮތެއް ހަދައިދިނުން. އެހެންވީމާ، އެ މަޤްޞަދުގައި ސަރުކާރުގެ ފަރާތުން މިއަތޮޅުގައި އެއަރޕޯޓެއް މި ޤާއިމް ކުރެވުނީ. އަދި ހަމަ އެއާއެކީގައި، ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ އެއަރޕޯޓެއް ޤާއިމްކުރުން. އެހެންވީމާ، އެގޮތުން އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއެރުމަށްޓަކައިވެސް މިއަދު މި ހުޅުވާލެވުނު އެއަރޕޯޓަކީ ވަރަށްބޮޑު ޚިދްމަތެއް. ވަރަށްބޮޑު އުފަލާ އެކީގައި ފާހަގަކުރަންޖެހޭ ކަމެއް.
އާދެ! މި އެއަރޕޯޓް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބިނާކުރެވިގެން މިއަދު މި ހުޅުވުނީ. އެކަމުގައި ވަރަށްގިނަ ފަރާތްތަކެއްގެ މިންނެތް މަސައްކަތް އެކުލެވިގެންވޭ. ވަކިން ޚާއްޞަ ގޮތެއްގައި، އަޅުގަނޑު، މި މަޝްރޫޢަށް ކުރިމަތިލައްވައިގެން މިކަން ކޮށްދެއްވީތީ، އަޅުގަނޑުގެ އަޚު އަލްފާޟިލް މުޙަންމަދު ޢަލީ ޖަނާހަށް ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަން. ދެންމެ އިވިވަޑައިގަތް ފަދައިން، މި އެއަރޕޯޓް މިހާ އަވަސް، ހަލުވި ގޮތެއްގައި މި ޤާއިމް ކުރެވުނީ، ޖަނާހު މިކަމުގައި އަމިއްލަ އިންޓްރެސްޓެއް ނަންގަވައިގެން. ބޭރުގެ މުހިންމު ފަރާތަކާ ވާހަކަ ދައްކަވައިގެން، އިންވެސްޓްމަންޓް ހޯއްދެވީމާ. އެގޮތުން، މި އިންވެސްޓްމަންޓްގައި ބައިވެރިއެއްގެ ގޮތުގައި، މިކަމުގައި އެހީވެވަޑައިގެން ދެއްވީތީ، އަޅުގަނޑު ޚާއްޞަކޮށް، މިސްޓަރ ހެންރީ އެންގޯއާއި، އެމަނިކުފާނުގެ ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
އާދެ! ދިވެހިރާއްޖޭގައި ޑޮމެސްޓިކް އެއަރޕޯޓްތަކެއް ޤާއިމް ކުރެވެން ފެށިތާ މިހާރު ދުވަސްގަނޑެއް ވެއްޖެ. އެންމެ ފުރަތަމަ ހަނިމާދުއާއި، ކާޑެއްދުއާއި، ކައްދުއާއި އަދި މި އެއަރޕޯޓްތައް ޤާއިމް ކުރުމުގައި، ކުރީގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓުގެ ޙައިޘިއްޔަތުން އަޅުގަނޑު ފާހަގަކުރަން، އަލްފާޟިލް އިލްޔާސް އިބްރާހީމް ކޮށްދެއްވާފައިވާ ޚިދްމަތް. ކުރީގެ ސަރުކާރުގައި މަސައްކަތް ކުރައްވައި، އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އެއަރ ސަރވިސަސް އާއި، އެއަރޕޯޓްތައް ޤާއިމް ކުރުމުގައި، ޕައިނިއަރ މަސައްކަތްތަކެއް ކޮށްދެއްވާފައި. އެހެންވީމާ، މިއަދު އަޅުގަނޑު އެ ހަނދާން އާކުރަން. އަދި ހަމަ އެއާއެކީގައި، އަޅުގަނޑު ހަނދާންކުރަންޖެހޭ، މި އެއަރޕޯޓްގެ ޚިޔާލު އުފެދި، މި މަޝްރޫޢު ޙަވާލުކުރެވުނީ މިދިޔަ އަހަރުގެ ތެރޭގައި. އެހެންވީމާ، ކުރީގެ ރައީސް އަލްފާޟިލް މުޙަންމަދު ނަޝީދު މިކަމުގައި ނެންގެވި އިސްނެންގެވުމާއި، ކުރެއްވި މަސައްކަތަށް، އެމަނިކުފާނަށާއި، އެމަނިކުފާނުގެ ސަރުކާރަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ! ދިވެހިރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަކީ، އަޅުގަނޑު ދެކޭގޮތުގައި، ވަރަށް މުހިންމު އިންޑަސްޓްރީއެއް. މީގެކުރިން ދިވެހިރާއްޖެއަކީ ކަނޑުދަތުރު ކުރުމުގައި ވަރަށް މަޝްހޫރު ބައެއް. އެގޮތުން، މި އެތެރެވަރީގެ ޤައުމެއްގައި އޮތް އެންމެބޮޑު ޝިޕިންގ ލައިން ހިންގި ބަޔަކީ ދިވެހިން. މިއަދު އަޅުގަނޑުމެންގެ ޝައުޤުވެރިކަން ހުއްޓިފައި މިހިރީ ވައިގެ ދަތުރަށް. އެހެންވީމާ، އެގޮތުން، ވައިގެ ދަތުރު ކުރިއެރުވުމަށްޓަކައި މިންނެތް މަސައްކަތްތަކެއް ކުރެވެމުން މިދަނީ. ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މި އިންޑަސްޓްރީވާންޖެހޭނީ، ދިވެހި ޤައުމަށް، ދިވެހި ރައްޔިތުންނަށް ބޮޑު އާމްދަނީއެއް ލިއްބައިދޭ، މި ޤައުމުގެ އިޤްތިޞާދުގެ ވަރަށް މުހިންމު ޞިނާޢަތަކަށް. އެކަމުގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް އެބައޮތް. އަޅުގަނޑު މިފުރްޞަތުގައި، ވަރަށް އުފަލާ އެކީގައި ފާހަގަކުރަން. ޚާއްޞަކޮށް، އަމިއްލަ އިސްނެންގެވުމެއްގެ މަތިން، ރާއްޖޭގައި ފުރަތަމަ އެއަރޕޯޓެއް ޤާއިމް ކުރެއްވީތީ، އަލްފާޟިލް ޤާސިމް އިބްރާހީމް މިތާ އެބަ އިންނެވި. އެމަނިކުފާނު ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ކޮށްދެއްވަމުން ގެންދަވާ ޚިދްމަތް، އަމިއްލަ ފަރުދެއްގެ ގޮތުން، ކުރައްވަމުން ގެންދަވާ ޚިދްމަތަކީ، އަޅުގަނޑުމެން މިއަދު ޤައުމީ ފެންވަރެއްގައި ޤަބޫލުކުރާ ކަމެއް. އެމަނިކުފާނަށް ޝުކުރު ދަންނަވަން.
އާދެ! އެއަރޕޯޓެއް އެޅިޔަކަސް އަދި އެހިސާބަކުން ނުނިމޭ. މި އެއަރޕޯޓްގައި ޖައްސާނެ ބޯޓުތައްވެސް އަދި ހުންނަންޖެހޭ. އެހެންވީމާ، އެގޮތުން، އަޅުގަނޑުމެންގެ އަމިއްލަ އެއަރލައިންތައް މިހާރު އުފެދެމުން މިދަނީ. އަޅުގަނޑުމެންގެ ދިވެހިންގެ ޙިއްޞާ އޮންނަ އެއަރލައިންތައްވެސް އުފެދެމުން މިދަނީ. އެހެންވީމާ، އެގޮތުން އެއަރލައިން އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް. އޭގެ ސަބަބުން ރާއްޖެއަށް ވަރަށްބޮޑު އާމްދަނީއެއް ލިބޭނެ މަސައްކަތެއް. އަޅުގަނޑު އުފަލާ އެކީގައި މިއަދު ފާހަގަކުރަން، އައިލެންޑް އޭވިއޭޝަން. އައިލެންޑް އޭވިއޭޝަނަކީ ސަރުކާރު ކުންފުންޏެއް. އެ ކުންފުނީގެ އެއަރލައިނަކީ ދަ މޯލްޑިވިއަން. އަޅުގަނޑުމެން މިހާރު ނިންމާފައި މިއޮތީ، ދަ މޯލްޑިވިއަންއަކީ ދިވެހިރާއްޖޭގެ ނޭޝަނަލް ފްލޭގް ކެރިއަރ ކަމަށް. އަދި ކުރިއަށް އޮތް ދެތިން މަސް ދުވަހެއްގެ ތެރޭގައި، ވަރަށްބޮޑު ކުރިއެރުމެއް މި އެއަރލައިނަށް ލިބިގެންދާނެކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އެގޮތުން، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، އަޅުގަނޑު އުންމީދު ކުރަނީ، އޮކްޓޯބަރު މަހުގެ ފަހުކޮޅު، ދިވެހިރާއްޖެއަށް މި އެއަރލައިނަށް އާ މަތިންދާބޯޓެއް ހޯއްދަވާނެކަމަށް. އެއީ A320 ގެ އެއަރ ބަސް، ޖެޓް މަތިންދާބޯޓެއް. އެ ބޯޓް ގެނައުމާ އެކީގައި، އާ ޑެސްޓިނޭޝަންތަކަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށިގެންދާނެ. އޭގެތެރޭގައި، އިންޑިއާގެ، މީގެކުރިން އަޅުގަނޑުމެން ނުދާ ކިތަންމެ ޑެސްޓިނޭޝަންތަކެއް ހިމެނޭނެ. އެގޮތުން، އިންޑިއާގެ މުމްބާއީ، ދިއްލީ، ޗެނާއީފަދަ ތަންތަން އަޅުގަނޑުމެންގެ ދަތުރުތަކުގެ ތެރެއަށް އިތުރުވެގެންދާނެ. އަދި އޭގެއިތުރުން، ބަންގްލަދޭޝްގެ ޑާކާވެސް މި ފްލައިޓްތަކުގެ ތެރޭގައި ހިމެނިގެންދާނެ. އާދެ! މިކަމަށްޓަކައި އަޅުގަނޑު އައިލެންޑް އޭވިއޭޝަންގެ ވެރިންނަށް އަދި ޚާއްޞަކޮށް، އެ ކުންފުނީގެ ޗެއަރމަން އަލްފާޟިލް ބަންދު އިބްރާހީމް ސަލީމަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަދު ޑޮކްޓަރ ޝަމްހީދު އެ ވިދާޅުވިފަދައިން، [ފްލައި މީ]ގެ ވެސް އިތުރު ބޯޓު ހޯއްދެވުމަށް ވަނީ ނިންމަވާފައި. އެހެންވީމާ، އެގޮތުން [ފްލައި މީ]ގެ ފްލައިޓްތައްވެސް ފުޅާވެގެންދާނެކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. ވީމާ، ޕްރައިވެޓް ސެކްޓަރާއި ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކާ، މި އޭވިއޭޝަން އިންޑަސްޓްރީގައި މިކުރަމުން ގެންދާ މަސައްކަތްތަކަކީ، އަޅުގަނޑުމެން މިއަދު އުފާކުރަންޖެހޭ ކަމެއް. އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ބަދަލުތަކެއް އައިސްގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި މީގެއިތުރުން، ތަފާތު އެހެން ފްލައިޓްތައްވެސް، އެއަރލައިންތައްވެސް ރާއްޖެއަށް އަންނަން މިހާރުވަނީ ހަމަޖެހިފައި. އެގޮތުން، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، ޓަރކިޝް އެއަރލައިންސްގެ ފްލައިޓްތައް ރާއްޖެއަށް ފެށޭނެ. އަދި މީގެއިތުރުން، ޗައިނާގެ ބައެއް އެއަރލައިން އައުމަކީވެސް އެކަށީގެންވާ ކަމެއް. ތައިލެންޑްގެ މަތިންދާބޯޓްތައް މިތަނަށް އައުމަކީވެސް އެކަށީގެންވާ ކަމެއް. އެހެންވީމާ، މި ދާއިރާ މިއޮތީ ވަރަށް ފުޅާކޮށް. ވަރަށް ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެންނަށް، ވަރަށްގިނަ ފްލައިޓްތައް މިހާރު ރާއްޖެއަށް އޮޕަރޭޓް ކުރެވޭނެ ދޮރުތައް ހުޅުވިގެން މިދަނީ.
އަޅުގަނޑު އުންމީދު ކުރަނީ، ދާދި އަވަސް މުސްތަޤްބަލެއްގެ ތެރޭގައި، އައްޑުއަތޮޅު ގަމުގެ އެއަރޕޯޓްވެސް، ކޮންމެވެސް ފަރާތަކާ ޙަވާލުކުރެވިގެން، އެ އެއަރޕޯޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް. އޭރުން އިރާދަކުރެއްވިއްޔާ، އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި، ގަމުގެ އެއަރޕޯޓް މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރަމުންދާނެ. ދެން އަދި މީގެއިތުރުން، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ވަރަށް އުފާވެރި ޚަބަރެއް ހަމަ. އެއީ ހަނިމާދޫގެ އެއަރޕޯޓްވެސް، އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި، މިއަހަރު ނިމޭއިރުގައި އޮޕަރޭޓް ކުރަން ފެށޭނެ. އެގޮތުން، ހަނިމާދޫ އެއަރޕޯޓުން އިންޑިއާގެ ބައެއް ޑެސްޓިނޭޝަންތަކަށް ސީދާ ދަތުރުކުރެވޭނެ. ޚާއްޞަކޮށް، ޓްރިވެންޑްރަމަށް. އޭރުން އުތުރުގެ އަތޮޅުތަކުގެ ބޭފުޅުންނަށް ބޭސްފަރުވާ ކުރެއްވުމަށްޓަކައި ޓްރިވެންޑްރަމަށް ވަޑައިގަތުމަށް ވަރަށް އަގުހެޔޮވެ، އަނެއްކާ ވަރަށް ފަސޭހަވެގެންދާނެ.
އެހެންވީމާ، މިކަހަލަ ވަރަށް ރަނގަޅު، ވަރަށް ބޮޑެތި ކަންތައްތަކެއް އޭވިއޭޝަން އިންޑަސްޓްރީގައި މިހާރު މިދަނީ ފަހިވަމުން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ފުރަތަމަ اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި އެއަށްފަހުގައި، އަޅުގަނޑުމެންގެ މި އޭވިއޭޝަން އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ތި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް އެނގޭ، މިތާނގައި އެބަތިއްބެވި އޭވިއޭޝަން އިންޑަސްޓްރީގެ ގާތްގަނޑަކަށް ހުރިހާ އިސްބޭފުޅުން. އެހެންވީމާ، ތިހުރިހާ ބޭފުޅުން ތިކޮށްދެއްވަމުން ގެންދަވާ ޚިދްމަތް އަޅުގަނޑު އުފަލާ އެކީގައި ފާހަގަކުރާ ވާހަކަ ދަންނަވަން.
އާދެ! މިއަދުގެ މި އިފްތިތާޙް ކުރުން އިންތިޒާމް ކުރުމަށްޓަކައި ވަރަށްގިނަ ފަރާތްތަކެއް އެހީވެދެއްވާފައި އެބައޮތް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކޫއްޑޫ ފިޝަރީޒް ކުންފުންޏާއި އަދި މިއަތޮޅުގެ ރައްޔިތުން ޚާއްޞަކޮށް، އާދެ! ވިލިނގިލީގެ ރައްޔިތުން އަދިވެސް މިހިސާބުގެ އެހެން ރަށްރަށުގެ ރައްޔިތުން މިކަމުގައި ވަނީ ބައިވެރިވެފައި. އަދި ހަމަ އެއާއެކީގައި، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެމް.އެން.ޑީ.އެފް.ގެ ފަރާތުން ވަރަށްބޮޑު ހިތްވަރެއް، ޕޮލިސް ސަރވިސްގެ ފަރާތުން ވަރަށްބޮޑު ހިތްވަރެއް ކޮށްދެއްވައި، މިއަދުގެ މި އިނޯގްރޭޝަން ކާމިޔާބު ކުރެވިގެން މިދިޔައީ. އެހެންވީމާ، އެކަމަށްޓަކައި އެހުރިހާ ފަރާތްތަކަށް އަޅުގަނޑު ޖުމްލަ ގޮތެއްގައި ފަށްފަށުން ޝުކުރު ދަންނަވާ ވާހަކަ ދަންނަވަން.
އާދެ! އިރާދަކުރެއްވިއްޔާ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެ ވިދާޅުވިފަދައިން، ދާދި އަވަހަށް ސަރުކާރުގެ ޓްރާންސްޕޯޓް ޕޮލިސީއެއް ކަނޑައެޅި، މި ސެކްޓަރ މިހާރަށްވުރެ ބޮޑު ތަނެއް ކުރިއަށް ޖައްސާލުމަށްޓަކައި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲ ބަރަކާތް ލައްވާށި! ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފާގަތިކަމާއި، ހިތްފަސޭހަކަމާއި، ލުއިފަސޭހަކަން މިންވަރު ކުރައްވާށި!
والســّلام عليــكم ورحـمــة اللّـه وبـركاتـه

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ