Saturday, September 01, 2012

ޑެންގޫ ހުން (ދެވަނަ ބައި)

ޑެންގީ ވައިރަސް

ޑެންގީ ވައިރަސް އަކީ ފްލެވިވިރިޑޭ ޢާއިލާ އަށް ނިސްބަތްވާ އާރް.އެން.އޭ ވައިރަހެކެވެ. ޖަޕަނީސް އެންކެފަލައިޓިސް، ހުޅަނގު ނީލަކޯރު ހުން، އަދި ރީނދޫ ހުން އަކީ ވެސް މިއާއިލާގެ ވައިރަސް ތަކުން ޖެހޭ ބަލިތަކެވެ.
ޑެންގީ ހުން ޖައްސާ ވައިރަސްގެ 4 ބާވަތެއް މިހާތަނަށް ވަނީ ފެނިފައެވެ. އެއީ ޑެން1،2،3،4 މިއެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއް ފަހަރު އެވެ. ވައިރަހުގެ އެއްބާވަތުން ހުން ޖެހުނުކަމަށް ވިޔަސް ވައިރަހުގެ ދެވަނަ ބާވަތަކުން ރައްކާތެރިކޮށެއް ނުދެއެވެ. ފުރަތަމަ ފަހަރަށް ޑެންގީ ހުން ޖެހުމުން ކިޔަނީ ޕްރައިމަރީ ޑެންގީ އިންފެކްޝަން އެވެ. އަދި ދެވަނަ ފަހަރަށް ޖެހުމުން ކިޔަނީ ސެކަންޑަރީ ޑެންގީ އިންފެކްޝަން އެވެ.

ޑެންގީ ޖައްސާ 4 ވައިރަހުންކުރެ ކޮންމެ ވައިރަހަކުންމެ، ހުމުގެ ނުރައްކާތެރި ބާވަތްކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ. ދެވަނަ ފަހަރަށް ވައިރަސް ވާޞިލްވާ 16 އަހަރުން ދަށުގެ ކުދިންނަށް ގާތީ ޑެންގީ ހެމޮރޭޖިކް ހުން ޖެހުމެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޑެންގީ ޖެހޭ 1 އަހަރުން ދަށުގެ ކުދިންނާއި، ޑެންގީ ވައިރަސް 1 އަދި 3 ފުރަތަމަ ފަހަރަށް ޖެހޭ ކުދިންނަށް ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ.
ޑެންގީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމުން އެމީހަކަށް ޖެހޭނީ ޑެންގީގެ ކޮން ބާވަތެއް ކަމެއް އަދި ދެނެގަނެވޭނެ ގޮތެއް ހޯދިފައެއް ނެތެވެ. އާދައިގެ ޑެންގީ ހުން ޑެންގީ ހިމޮރޭޖިކް ހުން އަށް ބަދަލުވެގެން ނުދާނެކަމަށް ޑެންގީގެ ބައެއް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ޑެންގީ ހިމޮރޭޖިކް ހުމަށް ބޭނުންވާ ފަރުވާ ނުލިބިއްޖެނަމަ ޑެންގީ ޝޮކް ސިންޑްރޯމް އަށް ބަދަލުވެގެން ހިގައިދާނެ ކަމަށް ބުނެއެވެ.

ޑެންގީގެ ވައްތަރުތައް

ޑެންގީ ގެ ދެވައްތަރެއް ވެއެވެ. އެއީ އާދައިގެ ޑެންގީ ހުން އަދި ޑެންގީ ހެމޮރޭޖިކް ހުން ނުވަތަ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ލޭފާއްދާ ވައްތަރު އެވެ.
ޑެންގީ ހުން އަކީ ވަރުގަދަ ހުމެކެވެ. މިއީ ގައިގާ ރިއްސާފާ އަންނަ ހުމެކެވެ. މިހުން ކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހެއެވެ. މިވައްތަރުގެ ހުން ޖެހުމުން ފުރާނަ އަށް ނުރައްކާތެރިވަނީ ވަރަށް މަދު ފަހަަރަކު އެވެ.
ޑެންގީ ގެ ނުރައްކާތެރި ވައްތަރަކީ ޑެންގީ ހެމޮރޭޖިކް ހުން ނުވަތަ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ޑެންގީ ހުން ޖެހުމުން ލޭފާއްދާ ވައްތަރު އެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޑެންގީ ހުން ޖެހުމުން ލޭނާރުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ބައިތަކުން ލޭއަންނަ ވައްތަރެވެ. މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ.
ޑެންގީ ހެމޮރޭޖިކް ހުން
ޑެންގީ ހެމޮރޭޖިކް ހުން އަކީ ޑެންގީ ހުން ގެ ނުރައްކާތެރި ވައްތަރެވެ. މިއީ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ޑެންގީ ހުން ޖެހުމުން ލޭފާއްދާ ވައްތަރު އެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޑެންގީ ހުން ޖެހުމުން ލޭނާރުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ބައިތަކުން ލޭއަންނަ ވައްތަރެވެ.
މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ. ޑެންގީ ހެމޮރޭޖިކް ހުން ޖެހުމުން ޞިއްޙީ ޚިދުމަތްތެރިއަކަށް ދައްކައިގެން ފަރުވާ ހޯދިއްޖެނަމަ ފުރާނައަށް ގެއްލުން ނުލިބި ސަލާމަތްވުން ކައިރިއެވެ. ވަގުތުން އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ ޚަބަރު ހުސްވެ، ފުރާނަ އަށް ނުރައްކާތެރި ވެއެވެ.

ލޭނާރު ފަޅައިގެން ގޮސް ލޭއަންނަ ވައްތަރުގެ ޑެންގީ ހުމުގެ އަލާމާތްތައް އަދި ޝޮކް

  • ޑެންގީ ހުމުގެ ޢަލާމާތްތަކާއި އެއްވައްތަރުގެ ޢަލާމާތްތައް ފެނުން
  • މެދު ނުކެނޑި ބޮޑަށް ބަނޑުގައި ރިއްސުން
  • ހަމުގެ ކުލަ ފަނޑުވެ ދޮން ފޫޑު ކުލައެއް ޖެހުން
  • ނޭފަތުން ލޭއައުން، އަނގައިން ލޭއައުން، ހިރުގަނޑުން ލޭއައުން، ނޫފައިގެންފައި ހުންނަ ފާޑުގެ ތަންތަން ހަންގަނޑުން ފެންނަށް ފެށުން
  • ލެޔާއި އެކު ނުވަތަ ލެޔާއި ނުލައި ގިނައިން ހޮނޑުލެވުން
  • ގައިގެ ވަރުދެރަވެ، ނިދި އަޔަސް ނުނިދޭގޮތްވުން
  • އަބަދު ރޮވުން
  • ބޮޑަށް ފެންބޮވުން ( އަނގަ ހުންނާނީ ހިކިފައެވެ(
  • ވަރަށް ބަލިބަލިކޮށް ނަމަވެސް އަވަހަށް ވިންދު ޖެހުން
  • ނޭވާލާން ދަތިވުން
  • ހޭނެތުން

ޑެންގީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމުން ވެދާނެ ގޮތްތައް

  • އެއްވެސް ޢަލާމާތެއް ފެންނަން ނެތި ހުރުން
  • އެހެން ވައިރަލް ހުމާއި ތަފާތު ނުކުރެވުން ނުވަތަ ތަފާތު ނުކުރެވޭ ހުން
  • އާދައިގެ ޑެންގީ ހުން
  • ޑެންގީ ހެމޮރޭޖިކް ހުން
  • ޑެންގީ ޝޮކް ސިންޑްރޯމް

ތަފާތު ނުކުރެވޭ ހުން

ޑެންގީ ވައިރަސް ހަށިގަނޑު ތެރޭގައި އުޅޭކަމުގެ އެއްވެސް އަލާމާތެއް ނުފެނިވެސް ހިގައިދާނެއެވެ. ފުރަތަމަ ފަހަރަށް މިވައިރަސް ހަށިގަނޑަށް ވަނުމުން ފެންނަ އަލާމާތްތަކަކީ އެހެން އާދައިގެ ވައިރަލް ހުން ހުމުގައި ވެސް ފެންނަ އަލާމާތް ކަމަށްވާތީ، އާދައިގެ ވައިރަލް ހުމަކާ ތަފާތު ކުރަން އުދަނގޫވެއެވެ. މިހެން ދިމާވަނީ ވަކި ޚާއްޞަ އަލާމާތްތަކެއް ނުފެންނާތީ އެވެ. ބައެއް ފަހަރު ރާޅުކޮށް ހުންނަ ރަތްކުލައިގެ ބިހިތަކެއް ނަގާފާނެއެވެ. މިބިހިތައް ފާހަގަ ކުރެވޭނީ ހުމުގެ މެދުތެރޭގައި ނޫނީ ހުން މަޑުވެލީމައެވެ. ހުމުގެ ބާވަތް މިގޮތަށް ފާހަގަ ނުކުރެވިއްޖެނަމަ ކިޔަނީ އަންޑިފަރެންޝިއޭޓެޑް ފީވަރ އެވެ.
ޑެންގީ ހުން އެހެން ހުންހުމާ ތަފާތުކުރެވޭ އަލާމާތްތައް ޑެންގީ ހުން ޖެހިފައި އިތުރު މައްސަލަތަކާ ދިމާނުވެ ފަސޭހަވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު ހިނގާބިނގާވެ ނޫޅެވޭ ވަރަށް ހުޅުތަކުގަޔާ ގައިގައި ރިއްސައެވެ. މިހާލަތް މެދުވެރިވުމަށް ކިޔަނީ ކަށި ބިންދާ ބަލި އެވެ. ޑެންގީ ހުން އެހެން ހުންހުމާ ތަފާތު ކުރެވެނީ ތިރީގައިވާ އަލާމާތްތައް ފެނުމުންނެވެ.

 ހުން

ހީކެރުވުމާއެކު ވަރަށް ގަދަޔަށް ހުން އަންނާނެއެވެ. ހުން ވިހެލާފައި ދެދުވަހެއްގެ ތެރޭގައި އަނެއް ފަހަރު ހުން އައިސްދާނެއެވެ. 39-40 ޑިގްރީ ސެލްސިއަސް އާއި ދެމެދު، 5 ވަރަކަށް ދުވަސް ވަންދެން ހުން ދިގުލާފާނެއެވެ. އަދި އަންނަނިވި އަލާމާތްތައް ފެންނާނެއެވެ. ވަރުދެރަވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، އަދި ހުޅުހުޅުގައި ރިހުން މޫނު ރަތްވުން، އަދި، ނިއްކުރީގައި ރިހުން ލޮލުގެ ގޮބޮޅީގައި ރިހުން، ނުވަތަ ލޮލުގައި ރިހުން، އަދި ލޯ ހަރަކާތްކުރުމުން ރިހުން ބޮޑުވުން ކާއެއްޗެތީގައި ރަހަނުލުމާއި ކާހިތްނުވުން އަދި އަނގައިގެ ރަހަ ނުބައިވުން، ކަރުގައި ރިއްސުން ބަނޑުގައި ރިއްސުން ، މޭނުބައިކުރުން، އަދި ހޮނޑުލުން

 ބިހިނެގުން

މޫނުގައި، ކަރުގައި އަދި މޭމަތީގައި އާދަޔާ ޚިލާފު ރަތްކަމެއް، ނޫނީ ކުދި ތިކިތަކެއް ހުންނަކަން ފާހަގަ ކުރެވިދާނެއެވެ. ހުމުގެ ފަހުކޮޅުގައި ރާޅުކޮށް ހުންނަ ބިހިތަކެއް ފެނިދާނެއެވެ. ހުން މަޑުވާން ފައްޓާއިރު، މިބިހިތައް އޮބި، އަތްފަޔާއި، ފައިތިލަ މަތީގައި ކުދިކޮށް ހުންނަ ރަތް ނޫނީ ދަނބުކުލައިގެ ތިކިތަކެއް ޖަހާނެއެވެ. ގައިކަހާ ހިރުވާނެއެވެ. ހިތުގެ ވިންދު ލަސްވުން، ނޭފަތުންނާއި އަނގައިން ލޭއައުން، ބޮޑު ކަމުދާ ތަކެތި ނޫނީ ކުޑަކަމު ނަޖިހުން ލޭފެނިދާނެއެވެ. ހުން މަޑުވެ ރަގަޅުވުމަށް ފަހުވެސް ވަރުބަލިކަން ފިލައި ނުގޮސް ދެތިން ހަފްތާވަންދެން ހުރެދާނެއެވެ.

ބަލި ފެތުރުން

އިންސާނުންގެ އެކަކު ގައިން އަނެކަކު ގަޔަށް މިބަލި ވާޞިލްވަނީ ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭބުއިފައިވާ މަދިރިއެއް ސަލާމަތުން ހުރި މީހާގެ ގައިގައި ހެފުމުގެ ތެރޭގައި ބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ. މަދިރި ހެފުމަކާ ނުލާ އިންސާނުންގެ އެކަކު ގައިން އަނެކަކު ގަޔަށް ޑެންގީ ހުން ވާޞިލެއް ނުވާނެއެވެ.
ވައިރަސް އާ ތަޣައްޔަރުވެފައިވާ މަދިރިއެއް ހަށިގަނޑުގައި ހަފާތާ 14-3 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ ޢަލާމާތްތައް ފެންނަށް ފަށައެވެ. އެވްރެޖް ގޮތެއްގައި މިމުއްދަތު އުޅެނީ 7-4 ދުވަހާ ދެމެދުގައެވެ. ބައްޔާއި ގުޅިގެން ފެންނަ އަލާމާތްތަކުގެ އިތުރުން ބަލި ދެނެގަތުމަށްޓަކައި ލޭގެ ޓެސްޓް ހެދެއެވެ.

ޑެންގީ ހުން ފެތުރެން ދިމާވަނީ މިބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ އަންހެން މަދިރިއެއް ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ގައިގައި ހެފުމުންނެވެ. މިގޮތަށް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖައްސަމުން ގެންދެއެވެ.
މަދިރިއަށް ބަލާލާފައި އެމަދިރިއަކީ ޑެންގީ ހުމުގެ ވައިރަސް ހުރި މަދިރިއެއްކަން އެނގޭގޮތެއް ނޯވެއެވެ. ވުމާއެކު ވީހާވެސް ބޮޑަކަށް ބަލަންވީ މަދިރިން ރައްކާތެރި ވެގެން އުޅެވޭތޯ އެވެ. މިހެން ހެދުމުން އެސަލާމަތް ވެވެނީ ހަމައެކަނި ޑެންގީ ބައްޔަކުންނޫނެވެ. މެލޭރިޔާ، ފައިފަލަ ބަލި، ރީނދޫ ހުން، އަދި ރިފްޓް ވެލީ ހުން ފަދަ މަދިރިން ފެތުރޭ ބަލިތަކުން ވެސް ރައްކާތެރި ވެވޭނެއެވެ.

ޑެންގީ ބަލި އިތުރުވަމުން ދިއުން

ފަހަކަށް އައިސް ޑެންގީގެ ބަލި އިތުރުވަމުން ގޮސްފައިވަނީ:- މަދިރި އާލާވުމަށް ދެވޭ އަންނަނިވި ފުރުޞަތުތަކުގެ ސަބަބުން
  • ރަގަޅަށް ފެން ނުހިނގާ ގޮތަށް ފެންހޮޅި ހުރުން
  • ޒަމާނުއްސުރެ ގެންގުޅޭ ފެން ނަގާ ތާނގީ ތައްޔާރުކޮށްފައި ހުންނަ ގޮތް
  • ކުނިބުނި ނައްތާލުމުގެ ކަންތައް އެކަށީގެންވާ ގޮތަކަށް ނުހުރުން ( ކުނި ޖަމާކޮށްފައި ހުންނަ ގިނަ ތަންތަނަކީ ފެން ހަރުލާފަދަ އެއްޗެތި ގިނަ ތަންތަނެވެ)
  • ދިރިއުޅުމުގެ ގޮތްތައް ބަދަލުވުން
  • ދަތުރުފަތުރު އަވަސްވުން
  • ބަލިޖެހިފައިވާ މީހުން އެއްތަނުން އަނެއްތަނަށް ދެވޭލެއް އަވަސްވުމާއި، ޑެންގީ މަދިރި އަށް ވެސް އެއްތަނުން އަނެއް ތަނަށް ދަތުރުކޮށްފައި ދިއުމުގެ ފުރުޞަތު ލިބިފައިވުން
  • ދެން ހުރި ސަބަބުތަކުގެ ތެރޭގައި ޞިއްޙީ މައުލޫމާތު ފުދޭވަރަށް ދެވިފައިނެތުން، ހަލަބޮލި ހަރަކާތްތަކާއި، މީހުން އެކަށީގެންވާ ވަރަށްވުރެ ގިނައިން އެއްތަނެއްގައި އުޅެން ޖެހިފައިވުން، އަދި ބޭނުންކުރާ ތަފާތު ބޭސްތަކަށް މަދިރި ހޭނުން ހިމެނެއެވެ.

ޑެންގީ ހުން ޖައްސާ މަދިރި

ޑެންގީ ހުން ޖައްސާ މަދިރީގެ ދެވައްތަރެއް ހުރެއެވެ. އެއީ އީޑީސް އިޖިޕްޓި އަދި އީޑީސް އަލްބޯޕިކްޓަސްއެވެ. މިމަދިރިތައް ބިސްއަޅާތާ 7 ދުވަހުގެ ތެރޭގައި ލޭ ބޯންފަށާވަރަށް ބޮޑު ވެއެވެ. ގޭތެރޭގެ މާހައުލުގައި އުޅޭކަމަށްފާހަގަވާ ފޫކޮޅުގައި ކަޅު ލައްޖެހި ދިގު ނަރުވައެއް ހުންނަ މިމަދިރި ބިސް އަޅަނީ ރީތިކޮށް ސާފުކޮށް ހުންނަ ފެންގަނޑަށެވެ.

ބަލިޖެހުމުން ފެނިދާނެ ޢަލާމާތްތައް

ބަލިޖެހުމުން ފެނިދާނެ ޢަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ގަދަޔަށް ބޮލުގައި ރިހުން، ހުޅުތަކާއި މަސްތަކާއި ކަށިތަކުގައި ރިހުން، ލޮލުގައި ރިހުން، ފަދަ އުދަގޫތައް ކުރިމަތި ކުރުވައެވެ. ބޮލުގައި ރިހުން އާންމުކޮށް ހުންނަނީ ބުމައާއި ނިއްކުރީގެ މަތިން މޫނާއި ބޮލުގައެވެ. މީގެ އިތުރުން ބޯއެނބުރުން، މޭނުބައިކުރުން، ހޮނޑުލެވުން، ބޭރަށް ހިންގުން، ދަށްބަނޑުގައި ރިހުން، ކާހިތްނުވުން، ނުވަތަ ނުކެވުން ފަދަ ކަންކަމަކީ ވެސް ޑެންގީ ހުމާއި ވިދިގެން ކުރިމަތި ވެދާނެ ކަންކަމެވެ. ބަލީގެ ނުރައްކާތެރި ޙާލަތުގައި މަދުން ނަމަވެސް ބައެއް މީހުންގެ ހަށިގަނޑުގައި ގޮށްލާކަން ފާހަގަކުރެވެއެވެ. ޑެންގީ ހުމާއި ވިދިގެން ކުރިމަތިވާ ހުޅުތަކުގައި ރިއްސުމަކީ ތަޙައްމަލު ކުރަންދަތި ވޭންހުރި ކަމަކަށްވަނީ ވެފައެވެ. މިސަބަބާހުރެ މިބައްޔަށް ކަށި ބިންދާ ހުން އޭކިޔައި އުޅެއެވެ.
ބަލީގެ އެންމެ ނުރައްކާތެރި މަރުޙަލާއަކީ ލޭގެ ތެރެއަށް ބަލީގެ ވައިރަސް ވާޞިލްވުމެވެ. ލޭގެ ތެރެއަށް ވައިރަސް ވާޞިލްވުމުން ޑެންގީ ހެމަރެޖިކް ހުން ކުރިމަތި ކުރުވައެވެ. މިވައްތަރު ކުރިމަތިވެއްޖެ ނަމަ ލޭހޮޅިތައް ހަލާކުވެ، އެއިން ލޭހިލުން، ނުވަތަ ލޭފޫދެން މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން އަނގަޔާއި، ނޭފަތް އަދި ހިރުގަނޑުން ލޭއަންނަގޮތް ވެއެވެ. އަދި ހަންގަނޑުގެ ދަށުގައިވެސް ލޭފޫދެން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑުން ފަސޭހަކަމާއެކު ލޭ އަންނަގޮތް ވެއެވެ.
ބައެއް ފަހަރު އެތެރޭގެ ގުނަވަންތަކަށް ވެސް ލޭހިލުން ކުރިމަތިވެދާނެއެވެ. މިމަރުހަލާ އަށް ވާޞިލްވުމަށްފަހު އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ ލޭހޮޅިތައް ފެޅި، ލޭގެ ޕްރެޝަރު ދަށްވެ، ޝޮކު ޖެހޭގޮތް ވެއެވެ. މިވައްތަރަށް ކިޔަނީ ޑެންގީ ޝޮކް ސިންޑްރޯމް އެވެ. އަދި ނަތީޖާއެއްގެ ގޮތުން މަރުވެދިއުމަކީ ވެދާނެ ގޮތެކެވެ.

ދެނެގަތުން

ޓޯނިކޭ ޓެސްޓު

ޓޯނިކޭ ޓެސްޓު އަކީ ޑެންގީ ހިމޮރޭޖިކް ހުން ހުރިތޯ ބެލުމަށް ކުރެވޭ ޚާއްޞަ ޓެސްޓެކެވެ. މިޓެސްޓް ހެދުމުގެ ކުރިން ބަލިމީހާ އަށް އެކަށޭނަ ސައިޒެއްްގެ ލޭބަލާ ކަފްއަކުން ބަލިމީހާގެ ލޭގެ ޕްރެޝަރު ބަލާނީ އެވެ. ކުޑަކުދިންގެ ލޭ ބެލުމަށް ބޭނުންކުރާނީ އުމުރުފުރައާއި ގުޅޭ ސައިޒެއްގެ ކަފެކެވެ.
ދެން ލޭގެ ސިސްޓޮލިކް ޕްރެޝަރު އާއި ، ޑަޔަސްޓޮލިކް ޕްރެޝަރު އާއި ދެމެދުގައި ލޭބަލާ ކަފްގެ ޕްރެޝަރު ބަރާބަރު 5 މިނިޓް ވަންދެން ހިފަހައްޓާލާނީ އެވެ. އަދި 5 މިނިޓް ފަހުން ކަފްގެ ޕްރެޝަރު ދޫކޮށްލާނީ އެވެ. އެއަށްފަހު ކަފްގެ ތިރިއަށް ހުރި ހިސާބުގައި ކުދިކުދިކޮށް ހުންނަ ރަތް ނޫނީ ދަނބުކުލައިގެ ތިކިތަކެއް ހުރިތޯ ބަލާނީ އެވެ. މިތިތަކަށް ކިޔަނީ ޕެޓީކިޔޭ އެވެ.
ހަމުގެ އެއް އަކައިންޗިގެ ތެރޭގައި މަދުވެގެން 10 ތިކި ފެންނަން ހުރެއްޖެނަމަ ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ވީއެވެ. މިގޮތަށް ގުނަން ފައްޓާނީ ކަފްގެ ޕްރެޝަރު ދޫކޮށްލާތާ 1 މިނިޓް ފަހުންނެވެ.
ޑެންގީ ހިމޮރޭޖިކް ހުން ހުރިނަމަވެސް ބައެއް ފަހަރު ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ނުވެ ހިގައިދާނެއެވެ. މިގޮތުން ބަލީގެ ކުރީކޮޅުގަޔާއި، ހަށިގަނޑު ފަލަކޮށް ހުންނަ ކުދިންނާއި، މީހުން، އަދި ރިކޯޑް ނުކުރެވޭ ވަރަށް ލޭގެ ޕްރެޝަރު ދަށްވެގެން ޝޮކް ޖެހިފައި ތިބޭ މީހުންނާއި، ކުދިންގެ ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ނުވެދާނެއެވެ. ޓޯނިކޭ ޓެސްޓް ނެގެޓިވް ވެއްޖެނަމަ 24 ގަޑިއިރު ފަހުން އަލުން ޓޯނިކޭ ޓެސްޓް ހަދަންވާނެއެވެ.
ޑެންގީ ހުމުގެ ރޯގާ ފެތުރޭ ދުވަސްވަރެއްގައި ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ވުމާއެކު ލޭގެ ހުދު ސެލްގެ މިންވަރު ކޮންމެ ކިއުބިކް މިލިމީޓަރަކަށް 5000 ސެލް އަށްވުރެ ދަށްކޮށް ހުރެއްޖެނަމަ އެމީހަކަށް ޑެންގީ ހުން ޖެހިފައިވާ ކަމަށް ބެލިދާނެއެވެ.

ޕަލްސް ޕްރެޝަރ

ޕަލްސް ޕްރެޝަރު އަކީ ލޭގެ ސިސްޓޮލިކް ޕްރެޝަރު އާއި ، ޑަޔަސްޓޮލިކް ޕްރެޝަރު އާއި ދެމެދުގައި ހުންނަ ތަފާތެވެ. އާންމުކޮށް ބަލާ އުޞޫލުން ލޭގެ ޕްރެޝަރު ބަލާލުމަށްފަހު ފަސޭހަކަމާއެކު ޕަލްސް ޕްރެޝަރ ދެނެގަނެވިދާނެއެވެ.
ޕަލްސް ޕްރެޝަރ 20 މިލިމީޓަރ މާކަރީ އަށްވުރެ ދަށްވުމަކީ ވެސް ކުދި ލޭހޮޅިތަކުގައި ހުންނަ ލެއިން ފެނުގެ ބައި ނުވަތަ ޕްލާޒްމާ ބޭރުވާން ފެއްޓުމުން ފެންނަ އަލާމާ ތެކެވެ.

ޑެންގީ ހުމުން ރައްކާތެރިވުން

ޑެންގީ ހުމުން ރައްކާތެރިވުމަށް މިހާތަނަށް އަދި ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެެސް މަދިރި ކޮންޓްރޯލް ކުރުމާއި މަދިރިން ތިމާގެ ހަށިގަނޑު ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ޑެންގީ ހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅު ތަކެވެ. މިގޮތުން ހެދުން އަޅާއިރު އަތްފައި ނިވައިވާނެހެން ހެދުން އެޅުން، މަދިރި ކައިރިވިޔަނުދޭ ލޯޝަނެއް ނުވަތަ ކްރީމެއް ހަށިގަނޑުގައި އުގުޅުން ފަދަ ކަންތައް ހިމެނެއެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ