Sunday, September 02, 2012

ތޮޅިމިރުސް އިންދާ ބަލަހައްޓާނޭގޮތް





ތޮޅިމިރުހަކީ ޒަމާނުންސުރެން ރާއްޖޭގެ ދަނޑުވެރިން ހައްދަމުން އަންނަބާވަތެކެވެ. އެވޭލާ ޒަމާނުގެ ދަނޑުވެރިން ގެ ފަރާތުން މައުލޫތު ލިބިފައިވާ ގޮތުން އެދުވަސްވަރު ތޮޅިމިރުސް ހައްދައިގެން ހިއްކާފައި ވެއެވެ. ނަމަވެސް މިޒަމާނުގެ ދަނޑުވެރިން މިވަރަށް މިމަސައްކަތެއް ނުކުރެއެވެ.
މުޑުވަށް ކުރުން : ތޮޅިމިރުސް ހެއްދުމަށް މުޑުވަކެއް ހިޔާރުކުރާއިރު ބަލިތަށް ދުރު ގިނައިންއަޅާ މުޑުވަކެއް ހިޔާރުކުރުން ވަރަށް މުހިއްމެވެ. މިގޮތުން ނޮންޔޫގެ ގޯލްޑަންހީޓް، ޗިއާޓައިގެ 713  މި ދެވައްތަރަކީ ރާއްޖެއާ ގުޅޭ ހައްދާލަށް ފަސޭހަ ގިނައިން އަޅާ ދެވައްތަރުކަމަށް ފާހަގަ ކުރެވެއެވެ.
 މުޑުވަށްފޮށިގަނޑު އުފުލާގެންގުޅެން ފަސޭވަރަށް 4އިންޗި ފުންކޮށް ތައްޔާރުކުރާށެވެ. އަދި  ފުލުގައި އެކަށިގެން ވާވަރަށް ލޯވަޅު އަޅަންވާނެއެވެ. އެއަންފަހު ފޮށިގަނޑު ނުފުރި 1އިންޗި ހުންނަވަރަށް ކާދު އެއްކުރިފަސްއަޅާށެވެ.
ކާދާއި ފަސް  އެއްކުރާނީ 3 ވެއްޔަށް 1 ކާދެވެ. ފޮށިގަނޑަށް ރަނގަޅަށް ފެންޖަހާލުމަށް ފަހު ބަރިބަރިއަށް ވާގޮތަށް ތަރުތީބުން އޮށްއިންދާށެވެ. މިގޮތުން ދެބަރިދޭތެރޭގައި 2އިންޗި، ދެއޮށް ދޭތެރޭގައި 1އިންޗި ބަހައްޓާށެވެ. އަދި ފުންމިނުގައި 1/4 އިންޗި ހުންވނަވަރަށް އިންދާށެވެ.  ގަސްތަށް ފެޅުމުން ކޮންމެވެސް ކަހަލަ އޯގަނިކް  ދިޔާގަސް ކާނާއެއް ދޭށެވެ. މިގޮތުން މެކްސިކްރޮޕް އަކީ ވަރަށް ރަގަޅުކާނާއެކެވެ.
 މުޑުވަށްފޮށީގައި ހުރިގަސްތަށް ކޮތަޅަށް ބަދަލު ކުރާނީ ވިހަފަތުގެ އިތުރުން ފަތެއް ފެޅުމުންނެވެ. ގަސްތަށްކޮތަޅަށް ލުމަށްޓަކައި ބޭނުން ކުރާނީ 5 ،6 އިންޗި ކޮތަޅެވެ. ކޮތަޅުގައި އެކަށީގެން ވާވަރަށް ލޯވަޅުއަޅާ ކާދާއެއްކުރި ފަސްއަޅާށެވެ. ކޮތަޅުތަކަށް ރަނގަޅަށް ފެންޖަހާ ތެތްމާލާށެވެ. އެއަށްފަހު މުޑުވަށްފޮށިގަޑުން ގަހުގެ މުލަށް ގެއްލުން ނުލިބޭނެހެންނަގާ ކޮތަޅުގެމެދުގައި ކުރިން ގަސް ހުރިފުންމިނުގައި އިންދާށެވެ. ގަސްތަށް ކޮތަޅަށް ބަދަލުކުރާތާ 5 ދުވަސްފަހުން ނައިޓްރިޖަން ގިނައިން އެކުލެވޭ ދިޔާ ގަސްކާނާއެއް ކޮންމެ 10 ދުވަހަކުން ދޭންވާނެއެވެ. މީގެއިތުރުން ސްލޯ ރިލީޒިން ގަސްކާނާއެއް ދެވިދާނެއެވެ. ގަސްތަށް ބޮޑެތިވަމުން އަންނަވަރަކަށް ގަސްތަށް ދުރުކުރަން ވާނެއެވެ.
ބިންތައްޔާރުކުރުން:  ތޮޅިމިރުސް އިންދުމަށް ޙިޔާރު ކުރާބިމަކީ ފެން ބޮޑުނުވާ ދޫފަސް އެކުލެވޭ ކަޅުފަސްބޯކޮން ހުރި ބިމަކަށް ވުންވަރަށް މުހިއްމެވެ. އަދި ތޮޅިމިރުސް އިންދުމަށް ދަނޑު ސާފުކުރާއިރު ދަނޑު ނުއެންދުން  ވަރަށް މުހިއްމެވެ. ގިނަގަސް ތަކެއް އިންދާނަމަ ހުރިހާ ގަސް ތަކަށް ފެންޖެހޭނޭ ގޮތަށް ފެން ވައިރުކުރަން ވާނެއެވެ.
ތޮޅިމިރުސް އިންދުމަށް ތައްޔާރުކުރާނީ ބެޑެވެ. މިގޮތުން ބެޑުގެ ފުޅާމިނުގައި 1.5ފޫޓް ބަހައްޓާށެވެ. ދިގުމިނުގައި ދަނޑުން ޖާގަލިބޭވަރަކުން ބަލަހައްޓަން ފަސޭވަރަށް ބެހެއްޓިދާނެއެވެ. ދެބެޑްދޭތެރޭގައި ތިންފޫޓް ބަހައްޓާށެވެ. ބެޑުތަށް ފާހަގަ ކުރުމަށްފަހު އުދަލިތިލައިގެ ފުންމިނަށް ފަސްގަޑުޖެހުމަށްފަހު ގަލާއި މޫނަގާށެވެ. ބެޑުގެ ކޮންމެ އަކަމީޓަރަކަށް ފަސްކިލޯ ގެރިގުއި ނުވަތަ ކާދުއަޅާ ފަސްގަޑާ އެއްކޮށްލާށެވެ.  އަދި ބެޑުގެ ދެއަރިމަތި އުސްވާނޭހެން ފަސްގަޑު އެއްވަރުކޮށްލާށެވެ. ރަންގަޅަށް ފެންޖަހާލުމަށްފަހު ދެތިން ދުވަސް ވަންދެން ބަހައްޓާށެވެ. މިހެންހެދުމުން ގެރިގުއި އެޅުމުން ބެޑުގައި އުފެދޭ ހޫނުމަޑުވާނެއެވެ. އުފެދޭ ހޫނުމަޑުނުވަނީށް ގަސްއިދައިފިނަމަ ގަސްތަށް ހަލާކުވާނެއެވެ.

ގަސްރުވުން:  ދަނޑުގައި ގަސްތައް ރުވާނީ ގަސްތައް 8އިންޗިއަށް ހެދުމުންނެވެ. ގަސްތަށް ރުވުމުގެކުރިން ގަސްތައް އަތްވަށް ހާނަން ވާނެއެވެ. މިކަންތަށް ކުރާނެގޮތަކީ ރުވުމުގެ ހަފުތާއެއް ކުރިން ގަސްތަކަށް ލިބެމުންއައި ހިޔާ މަޑުމަޑުން މަދުކުރާނީއެވެ. އަދި ފެންދެމުން ދިޔަ މިންވަރުވެސް މަދުކުރަން ވާނެއެވެ.
  ނާޝަރީގައި ތައްޔާރު ކޮށްފައިވާ މިރުސްގަސްތައް ރުވުމަށްޓަކައި ދަނޑަށް ގެނައުމުގެ ގަޑިއެއްހާއިރު ކުރިން ރަނގަޅަށް ފެންޖަހާލާށެވެ. މިހެންހެދުމުގެ ބޭނުމަކީ ރުވުމުގައި ގަހުގެމުލަށް ލިބޭގެއްލުން ކުޑަކުރުމާއި ކޮތަޅުގައި ހުރިފަސްގަޑު ރޫޅިގެން ދިޔަނުދިނުމެވެ.ގަސްތަސްރުވުމަށް ތައްޔާރުކޮށްފައި ހުރި ބެޑުގެ މެދުގައި ދެފޫޓުން ފާހަގަޖަހާލާށެވެ. ޖެހިފާހަގަތަކުގައި ގަސްއިދާފައިހުރި ކޮތަޅު ވަޅުލޭވަރުގެ ވަޅެއް ކޮނެލާށެވެ. އެއަށްފަހު ގަސްއިންދާފައިވާ ކޮތަޅުން ވެލިގަނޑު ނުރޫޅުވާ ނެގުމަށްފަހު ކޮނުނު ވަޅުތެރޭގައި މަޑުމަޑުން ގަސްބައިންދާށެވެ. ގަސްއިންދާއިރު ގަސްއިންނަށްވާނީ ކޮތަޅުގައި ހުރިފަސްގަނޑުގެ މަތީކައިރި ހަމަބިމާއި ހަމަވާވަރަށެވެ. ރުވުމަށްފަހު ގަސްތަށް ވަޔާނުހަލުވާނޭހެން ގަހުގެ ކައިރިއަށް ދަނޑިޖަހާ ގަހައް ބާރުނުވާނޭހެން އައްސާލަން ވާނެއެވެ. އަވިބާރުނަމަ ގަސްތަށް ރޯވަންދެން ފަންކުރިޖަހާ ހިޔާކޮށްލާށެވެ.
ފެންދިނުން : ތޮޅިމިރުހަށް ފެންދިނުމުގައި ވަރަށްސަމާލުކަން ދޭޖެހެއެވެ. ހާއްސަކޮށް ފެންދޭއިރު ހަމައެކަނި ބުޑަށް ފެންދިނުން ވަރަށްމުހިއްމެވެ. ސަބަބަކީ މުޅިގަހަށް ފެންދިނުމުން ފަތުގައި ފެންހަރުލާ ފަންގަސްބަލި އަށަގަންނަ ގޮތްވެދާނެއެވެ. އަދި ފެން މަދުވެއްޖެނަމަ ގަހަށް ބޭނުން ވާވަރަށް ކާނާ ނަގައިނުދީ ގަހުގެ ހެދުން ދެރަވެއެވެ. ބޭނުންކުރާފެނަކީ ލޮނުގެއަސަރުނެތް ފެނަށް ވާން ވާނެއެވެ.
ބައެއްބަލިތައް:
ސާކަސްޕޯރާ ލީފްސްޕޮޓް: މިއީހަމައެކަނި ގަހުގެ ފަތަށްޖެހޭ ފަންގަސް ބައްޔެކެވެ. މިބަލިޖެހުމުން ހަތަރުމިލިމީޓަރުގެ ވައްކޮށް ހުންނަ މުށި ކުލައިގެ ލައްތަކެއް ޖަހާނެއެވެ. ލައްގަޑުގެ ވަށައިގެން ރީދޫކުލައިގެ ބުރެއް ފެންނަށް ހުންނާނެއެވެ. ބޮޑުވަރުވުމުން ފަތްތަށް ފައިބަން ފަށައެވެ.
ކޮންޓްރޯލް: މިބަލި ކޮންޓްރޯލް ކުރުމަށްޓަކައި ބަލީގެ ކުރީކޮޅުގައި ފޮލިކަރ ކޯބޮކްސް އެންޓްރެކޯލް ފަދަ ފަންގިސައިޑެއް ބޭނުން ކުރެވިދާނެއެވެ. މިބަލި ބޮޑަށް ފެތުރިގެން ދާނީ ފެން ގިނަވުމުން ނެވެ. ފެންދިނުމުގައި ހަމައެކަނި ގަހުގެ ބުޑަށް ފެންދިނުން ވަރަށް މުހިއްމެވެ.
އެންތްރެކްނޯސް: މިއީފަންގަސް ބައްޔެކެވެ. ތެތްގޮތަކަށް އުފެދޭ މިލައްތަށް ހުންނާނީ 1/4-1/8 އިންޗިއާއި ދެމެދުގެ ބޮޑުމިނެއްގައި ފަތުގައެވެ. އަދި ބޮޑުވަރު ވުމުން ވަކި ސެޕެއް ނުހުންނަ މިލައްތަށް މިރުހުންވެސް ފެންނާނެއެވެ.
ކޮންޓްރޯލް: މިބަލި ކޮންޓްރޯލް ކުރުމަށް ކެމިކަލް ބޭހެއް ބޭނުން ކުރާނަމަ ފޮލިކަރ، އެންޓްރޮކޯލް، ކޯބޮކްސް ފަދަ ފަންގިސައިޑެއް ބޭނުން ކުރެވިދާނެއެވެ.
މައިޓްސް: މައިޓްސްގެ ބޮޑުމިނުގައި ހުންނަނީ 0.3-0.5 މިލިމީޓަރެވެ. މިހެން ކަމުން ހަމަލޮލަށް މިސުއިފި ފެނުން ވަރަށް ދައްޗެވެ. މައިޓްސް ގަހުގެ ޅަފަތްތަކުން ދިޔަބުއިމުން ފަތްތަށް ތިރިޔަށް އޮޅި،ފަތްތަށްހަނިވެ ކުރިތަށް ގުރުޑު ވެއެވެ.
ކޮންޓްރޯލް: މައިޓްސް ކޮންޓްރޯލް ކުރުމަށް ދަނޑުގައި ވިނަ ކޮންޓްރޯލް ކުރުމުން މައިޓްސް އެޅުން ދުރުކޮށްދެއެވެ. އަދި ކެމިކަލް ބޭހެއް ބޭނުން ކުރާނަމަ މައިޓްސް  ސަލްފަރ ފަދަ މައިޓްސައިޑްއެއް ބޭނުންކުރެވިދާނެއެވެ.
ތްރިޕްސް: މިރުހުގަ އަޅާ ތްރިޕްސް އަކީ 1.5މިލިމީޓަރ ދިގުމިނުގައި ހުންނަ ރީދޫ ނުވަތަ މަޑުމުށި ރަތް ކުލައަކަށްދާ  ފަނިފަކުސާއެކެވެ.ތޮރިޕްސް ގަހުގެ ޅަފަތްތަކުން ދިޔަބުއިމުން ފަތްތަށް ތިރިޔަށް އޮޅި ފަތުގެ ސައިޒް ކުޑަވެއެވެ.ފަތުގެ ދައް ފަރާތައް އޮފުކަންހުންނަ ރިހިކުލައެއްއަރާ ފަހުން މުށިކުލައަށް ބަދަލުވެއެވެ. އަދި ކުރިތައް ގުރުޑުވެއެވެ.
ކޮންޓްރޯލް: ތްރިޕްސް ކޮންޓްރޯލް ކުރުމަށް ދަނޑުގައި ވިނަ ކޮންޓްރޯލް ކުރުމުން ތްރިޕްސް އެޅުން ދުރުކޮށްދެއެވެ. އަދި ކެމިކަލް ބޭހެއް ބޭނުން ކުރާނަމަ އެޑްމަޔަރ އެބަމެކްޓިން ފަދަބޭހެއް  ބޭނުންކުރެވިދާނެއެވެ.
އެފިޑްސް: އެފިޑްސް އަކީ ބޮޑުމިނުގައި 2.5-0.9މިލިމީޓަރުގެ ކުޑަ ފަނިފަކުސާއެކެވެ. މިސޫފި ގަހުގެ ދިޔަބުއިމުގެ ސަބަބުން ގަސްގުރުޑްވެއެވެ. މީގެއިތުރުން ގަހުން ދިޔަބޮއިފައި ދޫކުރާ ދިޔައެއްގެސަބަބުން ސޫޓީ މޫލްޑޭ ކިޔާ ފަންގަސްއެއް އަޅައެވެ. އަދި އެފިޑްސް އަކީ ވައިރަސްބަލި ފަތުރާ ސުއިޕެކެވެ.
ކޮންޓްރޯލް: އެފިޑްސް ކޮންޓްރޯލް ކުރުމަށް ދަނޑުގައި ވިނަ ކޮންޓްރޯލް ކުރުމުން އެފިޑްސްއެޅުން ދުރުކޮށްދެއެވެ. އަދި ބޭހެއް ބޭނުންކުރާނަމަ ސައިބޯނިފެން ދުންފަތުފެން ކަހަލަ ބޭހެއް ބޭނުން ކުރެވިދާނެއެވެ. ކެމިކަލް ބޭހެއް ބޭނުން ކުރާނަމަ އެޑްމަޔަރ އެންޑޯސަލްފަން ފަދަބޭހެއް  ބޭނުންކުރެވިދާނެއެވެ.
ހުދުކޫޑި: ހުދުކޫޑި އާންމުކޮށް އަޅާނީ ފަތުގެ ދައްފަރާތު ގައެވެ. މިގޮތުން ފަތުގެ ބުޑުން ފެށިގެން މުޅިފަތުގައި މިކޫޑި އަޅައެވެ. އަދި ފަހުން މުޅިގަހަށް ފެތުރެއެވެ.
ކޮންޓްރޯލް: ހުދުކޫޑި އުޅޭކަމަށް ފާހަގަ ކުރެވިއްޖެނަމަ އަވަހަށް ކޮންމެވެސް ކަހަލަ އިންސެކްޓިސައިޑެއް ބޭނުން ކުރާށެވެ. މިސާލަކަށް ނީމްއޮއިލް، ސްޕާކް ފަދަ އެއްޗެއް ބޭނުން ކުރެވިދާނެއެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ