Wednesday, September 19, 2012

ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ހެދި ފިލްމުގެ ހަޤީޤީ ބޭނުމަކީ ކޮބާ

އަލްއަޚް އަޙްމަދު ޢަލީ / ރާއްޖެ އިސްލާމް
އިސްލާމްދީނަށާއި އަދި ކީރިތި ރަސޫލާ صلى الله عليه وسلم  އަށް ފުރައްސާރަކުރުމަކީ އިސްލާމްދީނުގެ ޢަދުއްވުން އަބަދުވެސް ކުރަމުންދާކަމެކެވެ. އިސްލާމް ދީން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް ކެޑިނޭޅި ކުރަމުންދާކަމެކެވެ. އެހެންކަމަށްވާނަމަ އެއްވެސް ފެންވަރެއްނެތް ތާކުންތާކު ނުޖެހޭ މިފިލްމްގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ހަމައެކަނި ބޭނުމަކީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުންހެއްޔެވެ؟
އަށް ބިރުވެތިވާ އަދި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ފުރިހަމައަށް ތަބާވާ މުސްލިމުންނަކީ އަބަދުވެސް ކަމުގެ ދެކޮޅުބަލާ ފިކުރުހިންގާ ވިސްނުންތެރިކަމާއެކު ސްޓްރެޓީޖިކް ވިސްނުމަކުން ޢަމަލު ކުރަމުންދާ ބަޔެކެވެ. އިސްލާމްދީން ކުރިއަރާ ދިޔައީ މިހެންވެގެންނެވެ. އަދި ގަދަފަދަ ލަޝްކަރުތަކުގެ މައްޗަށް ކާމިޔާބު ހޯދަމުން ދިޔައީ މި ސްޓްރެޓީޖިކް ވިސްނުންތަކުގެ ސަބަބުންނެވެ.
ތާރީޚަށް ބަލާލާއިރު މުސްލިމުންގެ މައްޗަށް ކާފަރުން ކާމިޔާބު ހޯދިފަހަރެއްގައި ހޯދާފައިވަނީ މުސްލިމުންގެސިފައިގައި މުސްލިމުންގެތެރޭގައި އުޅޭ ދެފުށްދެގޮތް މުނާފިގުން ނުވަތަ ކާފަރުންގެ ގޮތްތަކަށް ތަބާވާ މީހުންގެ މަދަދާއި އެކުގައެވެ. ނުވަތަ މުސްލިމުންގެ ތެރޭގައިއުޅޭ ސްޓްރެޓީޖިކް ވިސްނުމުން އެއްކިބާވެ ހަރުކަށިގޮތް ކުރިޔަށް ނެރިގެންއުޅޭ މުސްލިމުންގެ ބޮލަށްއެރި އޮޅުވާލައިގެންނެވެ.
މި ފިލްމް ޑައިރެކްޓް ކޮށްފައިވާކަމަށް މިހާރު ހޯދިފައިވަނީ ބަރަހަނާ ފިލްމް ޑައިރެކްޓް ކުރާ އެލަން ރޮބަރޓްސް ކިޔާ މީހެކެވެ. ހޮލީވުޑް އިން ޖާގައެއްލިބޭތޯ މަޝްހޫރުވުމަށް މަސައްކަތްކުރާ މީހެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ފައިސާ ހޯދާފައިވަނީ ޔަހޫދީ އެތައްބައެއްގެ އަތުން ޗަންދާ ނަގައިގެންނެވެ. އަދި ހަމަ މިއާއިއެކު "މީޑިއާ ފޯ ކްރައިސްޓް" ކިޔާ ޗެރިޓީ އޮގަނައިޒޭޝަން އަކުންވެސް މިކަމުގައި ބައިވެރިވާކަން އެގެއެވެ. ޓެކްސް ރިކޯޑްތައް ދައްކާގޮތުގައި މި އޮގަނައިޒޭޝަންއަށް ފައިސާ ދީފައިވަނީ އަބްދުލްމަސީޙު (ޢަރަބި ނަމެއް) ކިޔާ މިޞްރުގެ ކްރިސްޓިއަން އެކެވެ. ފިލްމްގެ ޕްރޮޑިއުސަރަކީ ސޭމް ބެސިލް ކިޔާ ޔަހޫދީއެކެވެ. ރިޕޯޓްތައް ދިރާސާ ކުރުމުން މި ފިލްމް އުފައްދާފައިވަނީ އިޒްރޭލާއި އެމެރިކާ ސިޓިޒަންޝިޕް ގެންގުޅޭ ޔަހޫދީ ގްރޫޕްކުންނެވެ. އަދި ފިލްމަށް ޚަރަދުކޮށްފައިވަނީވެސް ޔަހޫދީންނާއި އަދި އިސްލާމްދީނަށް އަދާވާތްތެރިކަން ފާޅުކޮށްގެން އުޅޭ މީހުންނެވެ. ފިލްމް އުފައްދަމުން ދިޔައިރު ފިލްމަށް ކިޔާފައިވަނީ "ޑެސަރޓް ވޮރިއާރސް" އެވެ. އަދި ފިލްމް ހޮލީވުޑްގެ ކުޑަ ތިއެޓަރެއްގައި ދައްކާފައިވަނީ "އިނޮސަންސް އޮފް ބިން ލާދިން" ގެ ނަމުގައެވެ. ފިލްމްގެ މަސައްކަތް ފެށުނީއްސުރެންވެސް އޮތީ މަކަރާހީލަތެވެ. އޮޅުވާލުމެވެ. ފިލްމްގައި އެކްޓްކުރި މީހުންނަށްވެސް ވަނީ އޮޅުވާލާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ހައިބަތާއި އެކަލޭގެފާނުގެ މާތް ޙުލްޤުފުޅާ ދޭތެރޭ ޖާހިލިއްޔަ ޒަމާނުންފެށިގެން މިއަދާހަމައަށްވެސް ކާފަރުންގެ ތެރޭގައިވެސް ތިބި ހޭޖެހޭ ވިސްނޭ އެއްވެސްމީހަކު ދެބަސްވެފައެއްނުވެއެވެ. މިފަދަ ތާކުންތާކު ނުޖެހޭ އެއްވެސް ފެންވަރެއްނެތް ފިލްމަކުން އެތައްބަޔެއްގެ މި ވިސްނުން ބަދަލު ނުކުރެވޭނެކަން ފިލްމް ހެދި މީހުނަށްވެސް ރަނގަޅަށް އެގޭނެއެވެ. ދެން އެހެންކަމަށްވާނަމަ ފިލްމްގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިސުވާލުގެ ޖަވާބަށް ދެ ނަޒަރަކުން ބަލާލެވިދާނެއެވެ. ޓެކްޓިކަލް ނަޒަރަކުން ބަލާއިރު މީގެ ބޭނުމަކީ އެމެރިކާއާއިމެދު ނަފްރަތު އުފެއްދުމަށް ނުފޫޒު ފޯރުވުމެވެ. އަދި ސްޓްރެޓީޖިކް ވިސްނުމަކުން ބަލާއިރު މީގެ ބޭނުމަކީ މުސްލިމުންނާ ދެކޮޅަށް ސައިކޮލޮޖިކަލް ހަމަލާއެއް ދިނުމެވެ. މިގޮތުން އެތައް މަސްތަކެއް ކުރިން، ޔަހޫދީ ބައިގަޑަކުން އުފައްދާފައިވާ މި ހަޔާތްކުޑަ ފިލްމް ރިލީސްކޮށްފައި މިވަނީ ވަގުތަށް ބަލާފައެވެ. ބޭނުންވާ ކުޅިގަނޑު ރަނގަޅަށް ކުޅެވޭނެގޮތަށް ރޭވުންތައް ރޭވުމަށްފަހުގައެވެ. ގައުމުތަކުގެ ތެރޭގައި ހަމަނުޖެހުން އުފައްދާ އެ ރުޅިގަނޑު އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށްފައިވަނީ އިޒްރާއީލް (ޔަހޫދީ) އެޖެންޓުން ބޭނުންކޮށްގެންނެވެ. ފިލްމް ރިލީސްކޮށްފައިވަނީ މިކަންކަން ރަގަޅަށް ރާވާ ބަލައިގެންނެވެ. ދުނިޔޭގެ އެތަންމިތާގައި އަނިޔާވެރިކަމާއި ހަމަނުޖެހުން ހިންގާ ހެދީ އިސްލާމްދީނުގެ އެއްވެސް ޢިލްމުވެރިޔަކު އެކަމަށް ގޮވާލައިގެން ހެއްޔެވެ. މި ފިލްމާއިގުޅިގެން ހަމަނުޖެހުން ހިންގާކަށް އަދި ޤައުމުތަކުގެ މަސްލަހަތުތަކަށް އަރައިގަންނާކަށް އެއްވެސް އިލްމުވެރިޔަކު ފަތުވާއެއްދީ ގޮވާލައްވާފައެއްނުވެއެވެ. ހަމަނުޖެހުންތައް ރާވާ ހިންގާފައިވަނީ ޔަހޫދީ އެޖެންޓުން އަޑީގައި ތިބެގެންނެވެ. ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ލޮލުންބޮލުން ތަބާވާ މުސްލިމުންގެ ހިތްތަކުގައިވާ ޣީރަތްތެރިކަމުގެ ބޭނުންހިފައިގެންނެވެ. އަދި މުސްލިމުންގެސިފައިގައި މުސްލިމުންގެ ތެރޭގައި އުޅޭ ދެފުށްދެގޮތް މުނާފިގުން ނުވަތަ ކާފަރުންގެ ގޮތްތަކަށް ތަބާވާ މީހުންގެ މަދަދު ލިބިގެން މުސްލިމުންގެ ތެރޭގައިއުޅޭ ހަރުކަށިގޮތް ކުރިޔަށް ނެރެގެންއުޅޭ މުސްލިމުންގެ ބޮލަށްއެރިގެންނެވެ. ހުރިހާވެސް ބޭނުމަކީ ނުބައި ނުލަފާ ޒަޔަނިސްޓް ޔަހޫދީންގެ އެޖެންޑާ ހާޞިލްކުރުމެވެ. މިފަހަކަށްއައިސް އެމެރިކާއިން އިޒްރޭލްގެ މަސްލަހަތުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ސަމާލުކަން ނުދޭކަމަށްބުނެ އިޒްރޭލު ސަރުކާރުން އެމެރިކާއަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކާއި އަދި އެމެރިކާގެ އިސް މިލިޓަރީ އޮފިސަރުންނާއި އިޒްރޭލު ސަރުކާރާމެދު އުފެދިފައިވާ ފާޅުކަންބޮޑު ދެބަސްވުންތައްވެސް މިފުރުޞަތުގައި ފާހަގަކޮށްލަންޖެހެއެވެ. އިޒްރޭލު ދެމިއޮންނަނީ އެމެރިކާގެ ލޭ ބޮއެގެންނެވެ. މިކަމަށްޓަކާ އެމެރިކާގެ މަސްޢޫލު ފަރާތްތަކުގެ ފުރިހަމަ ތާއީދު އިޒްރޭލަށް ބޭނުންވެއެވެ. މިކަންކަމަށް ބަލާއިރު ފިލްމުގެ ބޭނުމަކަށް ވެފައިވަނީ، އެމެރިކާގެ ވެރިކަމުގެ ފަރާތުން ޒަޔަނިސްޓް އެޖެންޑާއަށް ކުރާ ތާއީދު ހީނަރުވަމުން ދާކަމަށް ފެނުމާއިއެކު އެމެރިކާ އާއިމެދު އެތައް ބައެއްގެ، ޙާއްޞަކޮށް މުސްލިމުންގެ ނަފްރަތު އުފައްދާ ޒަޔަނިސްޓް އެޖެންޑާއަށް އެމެރިކާގެ ތާއީދު އަނބުރާ ހޯދުމެވެ. އަދި ހަމަ މިއާއިއެކު އެމެރިކާ – އިޒްރޭލުގެ ގުޅުމަށް ނަފްރަތު ކުރާ މީހުން ކަމަށްވާ މުސްލިމުން ރުޅިއަރުވާލުމެވެ.
މި ކުޑަކުޑަ ރާއްޖޭގައިވެސް ކަންހިނގާދިޔައީ މިބީދައިންނެވެ. މި ރާއްޖެއަކުވެސް އެއްވެސް ޢިލްމުވެރިޔަކު އެފިލްމާއި ގުޅިގެން ތަންތަނަށް ހަމަލާދިނުމަކަށް ނުވަތަ އަނިޔާވެރި ވުމަކަށް ގޮވައެއްނުލައެވެ. ނުވަތަ އެމްބަސީތަކާއި ސަފީރުންނާއި ދިމާކުރުމަކަށް ނުވަތަ ޤައުމެއްގެ މަސްލަހަތަށް އަރައިގަންނާކަށް އެއްވެސް ޢިލްމުވެރިޔަކު ގޮވައެއް ނުލައެވެ. ނަމަވެސް ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ. މި ރާއްޖޭގައިވެސް ތިބި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުނަނަތަށް ލޯބިކުރާ ބައެއް ހިތުގައިވާ ޣީރަތްތެރިކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ވަކިބަޔަކު އެބައެއްގެ މަޤްޞަދު ހާޞިލް ކުރަން ދިމާކުރީއެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ