Sunday, September 02, 2012

ކުއްލި ޚަބަރު - ސަރުކާރުގައި ބައިވެރިވާން އެމްޑީޕީން ހުށަހަޅައިފި

ހަވީރު އޮންލައިން
ސަރުކާރުގައި ބައިވެރިވާން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ. މި ގޮތަށް އެ ޕާޓީން ހުށަހެޅީ މިއަދު ހަވީރު ކުރިއަށް ގެންދިޔަ ލީޑާސް ޑައިލޮގްގަ އެވެ.
ވެލާނާ ބިލްޑިންގްގެ ދެވަނަ ބުރީގައި ބޭއްވި މަޝްވަރާތަކަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އެ މަޝްވަރާތަކުގައި އެމްޑީޕީ ތަމްސީލު ކުރައްވާ އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އެ ގޮތަށް ހުށަހެޅުއްވީ ކޯނީގެ ރިޕޯޓަށް ބަލާއިރު ވެރިކަން ބަދަލުވެފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށްވާ ނަމަ މިހާރު އޮތީ އެ ޕާޓީގެ ސަރުކާރަކަށް ވާތީ ކަމަށެވެ.

އެމްޑީޕީގެ މި ހުށަހެޅުމާ ގުޅިގެން ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އަހުމަދު ތައުފީގު (ޓޯޕީ) ވިދާޅުވީ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ މެދު ސަރުކާރުން ގޮތެއް ނިންމާނީ ރައީސް މުހަންމަދު ވަހީދުގެ އިތުރުން ކޯލިޝަންގައި ހިމެނޭ އެހެން ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުހަންމަދު ވަހީދު ފެބްރުއަރީ 7 ގައި ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ވެސް ސަރުކާރުގައި ބައިވެރިވާން އެމްޑީޕީ އަށް ދައުވަތު ދެއްވި އެވެ. އެކަމަކު އޭރު އެ ޕާޓީން އެކަން ގަބޫލެއް ނުކުރި އެވެ.
ލީޑާސް ޑައިލޮގްގެ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ވަނީ ފާސްކޮށްފަ އެވެ. ދެން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމީ މި މަހުގެ 12 ގަ އެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ