Monday, September 24, 2012

މަޖިލިސް ހުއްޓުވާނެ ގާނޫނީ ބަހަނާއެއް ނެތް!

ސަން.އެމްވީ
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ފުރޮޅުމަކަށް ދިޔަ ހިސާބުން ފެށިގެން ދައުލަތް ހިންގުމުފެ މެޝިނަށް ވަނީ ބޮޑެތި ލޮޅުން އަރައިފަ އެވެ. މެޝިނުގައި ތިން ބާރުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރީ އަބަދުވެސް އެންމެ ހަމަނުޖެހުމެއްގެ ތެރޭގައި އޮންނަ ރައްޔިތުންގެ މަޖިލީހަށެވެ. ސިޔާސީ ބޮޑު ހަލަބޮލި ކަމާއެކު ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން މިއަހަރު ތެރޭގައި ބިނާ ކުރަނިވި އެއްވެސް މަސައްކަތްތަކެއް ކުރެވިފައި ވެއެކޭ ދެންނެވޭކަށް ނެތެވެ. ސްޓެބިލިޓީއެއް ނެތި ދިއުމުގެ ސަބަބުން މަޖިލީސް ކުރިޔަށް ދިއުމުގެ މާހައުލު "ހަކާލުކޮށްލުމަށްފަހު" މިހާރު ވެސް މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.

މަޖިލީހަކީ ބޮޑެތި ޒިންމާތައް އޮތް ބާރެވެ. އަދި ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާ އެވެ. ރައްޔިތުންގެ މަޖިލީހަށް މަހެއްގެ މައްޗަށް ގާތްގަޑަކަށް 12 މިލިޔަން ރުފިޔާ ހަރަދު ވެއެވެ. އަހަރުގެ މި ހާހިސާބަށް އާއިރު ގާތްގަޑަކަށް 113 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.


ސުވާލަކީ މިހާ ބޮޑު ހޭދައެއް މަޖިލީހަށް ކުރާއިރު މަޖިލީހުގެ މެންބަރުންގެ ގާނޫނީ ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރޭ ހެއްޔެވެ؟ ގާނޫނުއަސާސީން މަޖިލީހާއި ހަވާލު ކޮށްފައިވާ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާ ކުރުވުމުގެ މަސްއޫލިއްޔަތު އުފުލާ ހެއްޔެވެ؟


މަޖިލީހުން ނިމިގެން ދިޔަ ދައުރަށް ބަލާއިރު އެދެވޭ މަސައްކަތް ތަކެއް ކުރެވިފައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަޖިލިސް ހުޅުވަން ޖެހެނީ މާޗް މަހު އެއްވަނަަ ދުވަހު އެވެ. އެ ދުވަހު މަޖިލީހުގެ ތާރީހުގައި "ހަޑި" ދުވަހެއް ގެނައުމަށް ފަހު އެއް ކަމެއް ވެސް ނުކޮށް ދުވަހެއް ނަގައިލީ އެވެ. މަޖިލިސް ވެސް ހުޅުވޭ ގޮތެއް ނުވިއެވެ. ދެން މަޖިލިސް ހުޅުވުމުގެ ޖަލްސާ ބޭއްވީ ވަނީ މާޗް 19 އިގަ އެވެ. މާނައަކީ މުޅިމަހު ވެސް ބޭއްވީ މުޒާހަރާއެއްގެ ގޮތުގައި ބޭއްވި ދެ ޖަލްސާއެވެ. އޭގެ ފަހުން ވެސް މަޖިލީހުގައި އެއް ވެސް އެދެވޭ މަސައްކަތް ތަކެއް ކޮށްފައެއް ނުވެއެވެ. ގިނަ ދުވަސް ހޭދަކުރީ ޗުއްޓީގަ އެވެ. މި ހަގީގަތަކާ ދުރަކަށް ނުދެވޭނެ އެވެ.


ގާާނޫނު އަސާސީއިން ލާޒިމްކޮށްފައިވާތީ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ވަރަށް ބޮޑެތި ޒިންމާ އެބަހުއްޓެވެ. އޭގެ ތެރޭގައި ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި ޖަވާބުދާރީ ކުރުވުމާއި ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅުތައް އެޅުން ހިމެނެ އެވެ. މުސްތަގިއްލު ކޮމިޝަން ތަކާއި މުސްތަގިއްލު މަގާމުތަކާއި ބެހޭގޮތުން ނިންމަންޖެހޭ ކަންތައްތައް ގާނޫނުގައިވާ ގޮތުގެ މަތީން ނިންމުމާއި އެފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހެ އެވެ.


މިހާ ބޮޑެތި ޒިންމާތައް މަޖިލީހާ މަތިކޮށްފައިވާއިރު މަޖިލީހުގެ ގަވާއިދުގެ ސަބަބުން ނުވަތަ ތަފާތު އެކި ބަހަނާތައް ދައްކައިގެން މަޖިލިސް ހުއްޓުވާލައިގެން ތިބުމަކީ ގާނޫނީ ގޮތުން އެއްވެސް ހުއްޖަތެއް އޮތް ކަމެއް ނޫނެވެ. ނުވަތަ މިއީ ސުވާލު އުފެއްދިދާނެ މައްސަލަ އެކެވެ.

މުޅި މައްސަލައާބެހޭ އެންމެ ބޮޑު ފާޑުކިޔުންތައް އަމާޒުވެފައިވަނީ އެމްޑީޕީއަށެވެ. އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށެވެ. އެޕާޓީގެ ސްޕޯކްސް ޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި މަޖިލިސް ހުއްޓިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ސަބަބަކުން ނޫނެވެ. މައްސަލައަކީ ކޯނީ ރިޕޯޓްގެ މައްސަލަ އެވެ.

"ކޯޏީގެ ރިޕޯޓުގައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓްގައިވާ މައްސަލަތައް މަޖިލީހުގެ ތެރެއިން ބެލެން ޖެހޭނެ. އެއަށްވުރެ ބޮޑު ގައުމީ މައްސަލައެއް އޮތްކަމަށް ނުދެކެން،" އިންތި ވިދާޅުވި އެވެ. "ރައްޔިތުންގެ މަޖިލިސް ސުލްހަވެރި ކަމާއިއެކު ކުރިއަށް ގެންދިއަމަށް ސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަކީ ކޮބައިކަން ސާފުވާން އެބަޖެހޭ. އެހެން ނޫންނަމަ މަޖިލސް ކުރިއަށް ގެންދިއުމަކީ ވާނެ ކަމެއް ނޫން. ސަރުކާރު ހިންގަނީ ކޮން ޕާޓީ އަކުންތޯ؟ ނޫނީ އިދިކޮޅު ޕާޓީ އަކީ ކޮބައިކަން ނޭގިގެން އަދިވެސް އެއޮތީ ރިޔާސީ ބަޔާނަށް ވެސް ޖަވާބުދާރީ ނުވެވި. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ޖެހޭ ބިލްތައް ވެސް ހުށަހެޅޭނީ ސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅު ޕާޓި ވަކި ކުރެވިގެން،"


އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ޕާލިމެންޓްރީ ގްރޫޕަށް ދީފައިވާ ލަފަޔާ ދޭތެރޭ އަދި ޕާޓީގެ ޕީޖީން ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ. އަދި މަޖިލީހުގައި މުހިންމު ބިލްތަކެއް ހުރި ނަމަވެސް ކޯނީގެ ރިޕޯޓްގައިވާ މައްސަލަތައް ނުބެލި ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމަށް ފެންނަ ކަމެއް ނޫނެވެ. ސަބަބަކީ ކޯނީގެ ރިޕޯޓުގައިވާ މައްސަލަ ތަކަކީ ރާއްޖޭގެ މަސްލަހަތާއި ގުޅިފައިވާ މައްސަލަތަކަކަށް ވުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. .


ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މުލަކު ދާއިރާގެ މެމެބަރު އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި ކޯނީގެ ރިޕޯޓުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް ހުއްޓާލަން ޖެހުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫނެވެ. އެ ރިޕޯޓުގައި މައްސަލަ ތަކެއްވާނަމަ ރަނަގަޅުވާނީ ކަމާބެހޭ މުޢައްސަސާ ތަކަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމެވެ.

"ކޯނީގެ ރިޕޯޓުގައިވާ މައްސަލަތައް މިހާރު ވެސް ކަމާއި ބެހޭ މުޢައްސަސާތަކުން ބަލަމުން ގެންދޭ،" ޔާމީން ވިދާޅުވި އެވެ.

ރިޕޯޓާ ގުޅުވައި އެމްޑީޕީން އިޝާރާތް ކުރާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަލަން އެމްޑީޕީ ބޭނުންވާނަމަ ރައްޔިތުންގެ މަޖިލީހުގައި އެފަދަ މައްސަލަތައް ބެލުމަށް ކަނޑްއެޅިފައިވާ ކޮމެޓީތަކަށް ހުށަހަޅައިގެން ވެސް ބެލި ދާނެ އެވެ. ޔާމީން ވިދާޅުވާ ގޮތުން ކޯނީގެ ރިޕޯޓަކީ ބަހަނާއަކަށް ހަދައިން މަޖިލިސް ހުއްޓުވުމުގެ ފުރުސަތު އެމްޑީޕީއަކަށް ނޯންނާނެ އެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ޔާމީން ހުންނެވީ އެ ފުރުސަތު ދެއްވާ ގޮތަކަށް ވެސް ނޫނެވެ.


"ރައްޔިތުންގެ މަޖިލސް ތަފާތު އެކި ބަހަނާތައް ދައްކައިގެން ހުއްޓުވުމުގެ އެއްވެސް ގާނޫނީ ހުއްޖަތެއް އެމަޑީޕީއަކަށް ސާބިތު ކޮށްދެވިފައެއް ނުވޭ. އެމްޑީޕީއިން ކޯނީގެ ރިޕޯޓުގައިވާ މައްސަލަތައް ބަލަން ބޭނުންވާނަމަ އެންމެ ފުރަތަމަ ބަލަން ޖެހޭނީ ރައީސް [މުހައްމަދު] ނަޝީދު، ގާނޫނުއަސާސީއާއި ހިލާފަށް ފުލުހުންނާއި ސިފައިންނަށް ކޮށްފައިވާ އަމުރުތަކާއި ގާނޫނުއަސާސީއާއި ހިލާފަށް ކޮށްފައިވާ ކަންތައްތައް،" ޔާމީން ވިދާޅުވި އެވެ. "އެމްޑީޕީއިން އެ ޕާޓީއަކީ އިދިކޮޅް ޕާޓީތޯ ނުވަތަ ނޫންތޯ ބެލުމަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ދިއުން މާ ރަނގަޅުވާނެ. ރިޔާސީ ނިޒާމެއްގައި މަޖިލީހުގައި މުހުންމީ އިދިކޮޅު ޕާޓީ ނޫން. ކމުހިންމީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު،"


ކުޅުދުއްފުށީ ދެކުން ދާއިރާގެ މެމެބަރު މުޙައްމަދު ނަޝީދުގެ ވާހަކަފުޅު ވެސް ދިމާވަނީ ޔާމީންގެ ވާހަކަފުޅާ އެވެ. އޭނަ ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓި އާއި އިދިކޮޅު ޕާޓި އަކީ ކޮބައިކަން އެނެގުމަކީ މުހިންމު މުހިންމު ނުކުތާއެއް ނޫނެވެ. މުހިންމީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރެވެ. އެއީ މައްސަލައަކަށް ވެގެން ނުވަތަ އެހެން ވެސް ސަބަބަކާއި ހެދި މަޖިލސް ހުއްޓަލާކަށް ނުޖެ އެވެ.


"މީގެ ކުރިން ވެސް މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރެއްވި މެމްބަރުން ނެރެގެން މަޖިލސް ކުރިއަށް ގެންގޮސްފައި އެބަހުރި. އެހެން ކަމުން އަދި ވެސް އެ ފުރުސަތު އެބަ އޮތް. މަޖިލިސް ހުއްޓިފައި އޮތުމުން ކަންބޮޑު ވެގެން އެއް ވެސް ބަޔަކު އުޅޭހެނެއް ހީއެއް ނުވޭ. މައްސަލައަށް ހައްލެއް ހޯދަން އެއް ވެސް ބަޔަކު އިޙްލާސްތެރި ކަމާއި އެކު މަސައްކަތެއް ނުކުރޭ،" ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު ވިދާޅުވި އެވެ.


މަޖިލީހުގެ ގިނަ މެމްބަރުންގެ ވާހަކަ މި މަގަށް ހުރުމުން ދޭހަވަނީ މަޖިލސް އެއް ވެސް ސަބަބަކާ ހެދި ނުވަތަ ތަފާތު އެކި ބަހަނާތައް ދައްކައިގެން ހުއްޓާލާފައި އޮތުމަކީ އޭގައި އެއް ވެސް ގާނޫނީ ބަރުދަނެއް ހުރި ކަމެއް ނޫން ކަމަށް މެންބަރުން ވެސް ގަބޫލުފުޅު ކުރެއްވުމެވެ. ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު މި އޮތް ގޮތަށް ބާއްވައިގެން ވެސް ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމެވެ.


ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މިހާރު ރައްޔިތުންގެ މަޖިލީހަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން އެންމެ މުހިންމީ "ރައްޔިތުންގެ މަޖިލީޙުގެ ސުލޫކުގެ ގަވާއިދު" އަވަހާ ފާސްކޮށް އެއަށް އަމަލު ކުރަން ފެށުމެވެ. ސަބަބަކީ މިހާރު ހުށަހަޅާފައިވާ ސުލޫކުގެ ގަވާއިދުގައި މަޖިލިސް ތެރޭގައި މެމްބަރުންގެ ސުލޫކު ބައްޓަންވީ ގޮތުގެ މިންގަޑުތައް ފުރިހަމަ އަށް ބަޔާން ކޮށްފައި ވުމެވެ. މި ސަބަބައްޓަކައި މަޖިލިސް ސުލްހަވެރި ކަމާއި އެކީ ކުރިއަށް ގެންދިއުމަށްޓަކައި އަދި ގާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހާއި ހަވާލު ކޮށްފައިވާ ގާނޫނީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަށް ސުލޫކުގެ ގަވާއިދު އަވަހަށް ގެނައުމަކީ ކުރަން ޖެހޭ ކަމެކެވެ. އެކަންވެސް ވާން އޮތީ މަޖިލިސް ފަށައިގެނެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ