Sunday, September 02, 2012

ތިޔަ ބޮނީ ކޮންއެއްޗެއްކަން އެނގޭ ހެއްޔެވެ؟

ދުންފަތުގެ އިސްތިޢުމާލު ކުރާމީހުންނަށް ލިބޭ ގެއްލުމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އޭގެ ސަބަބުން މީހާގެ ހަށިގަނޑުގެ ވަކިވަކި ހުރިހާ ގުނަވަންތައް މުޅިންހެން ހަލާކުވެއެވެ. ޤައުމަށާއި ތިމާގެ ޢާއިލާއަށް، އަނބި ދަރިންނަށް ޚިދުމަތެއް ކޮށްނުދެވި، ލިބޭހާ ފައިސާއެއް މުޅިންހެން އެކަމަށް ޚަރަދުކުރަން ޖެހި، އެބައިމީހުން ބިކަވެ ހާލުގައި ޖެހެއެވެ. މިއީ މި ވަބާގައި ދުނިޔޭން ނިމިގެންދާ މީހުންގެ ވާހަކަތައް އަޑުއިވި، އެ ހިތިކަން ތަޖުރިބާކުރި މީހުންގެ ކައިރީ އެހީތެރިއަކަށް އުޅުނު މީހުންނަށާއި އެނޫން މީހުންނަށް ވެސް އެނގޭނެ ތެދު ހަޤީޤީ ވާހަކައެކެވެ.

ކިތަންމެ ފޮނި އިބާރާތަކުން އަމުނަމުން ގަތަމުން ދިޔަ ނަމަވެސް މިއީ، ޤަބޫލުކުރަން ޖެހޭ ޙަޤީގަތެކެވެ. ދުންފަތަކީ އޭގެ ބޭނުން ކޮށްފިނަމަ، އޭގެ ޝިކާރައަކަށް ވެގެން މުޅި އުމުރު ހޭދަކުރަންޖެހޭ އިންސާނުންގެ އަދުއްވެކެވެ. އަމިއްލަ ނަފްސުގެ ދަންމަޅިއެވެ. އަމިއްލަ ނަފްސް އެކަންޏެއް ނޫނެވެ. މުޅި ޢާއިލާއެވެ. މުޅި ޤައުމެވެ.
ވިސްނާލަން ޖެހޭ އެއްކަމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ 85 އިންސައްތަ މީހުން މި ޢަމަލުކުރަން ފަށަނީ އުމުރުން އެންމެ 16 އަހަރުގައިކަމެވެ. އަދި ހަމައެއާއެކު މީގެ ބޭނުން ކުރާ ނުވަތަ ކުރާ ހިސާބުގައި ތިބޭ ކޮންމެ މީހަކީ އޭގެ އަސަރު އެތައް އަހަރު ދުވަހަކަށް އޭނާގެ ހަށިގަނޑުގައި ހުންނާނޭ މީހެކެވެ.
ދުންފަތުން ލިބޭ ގެއްލުމަކީ ގުނައި އަދަދުކުރެވޭ ވަރަށް ވުރެވެސް ގިނަ ބޮޑެތި ގެއްލުންތަކެކެވެ.
ފުއްޕާމޭގެ ކެންސަރާއި އަނގައިގެ ކެންސަރުގެ %90 އަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ބަލިތަކެވެ. އަދި އެހެންމެ، ކަރުގެ ކެންސަރާއި، ކާއެއްޗެހި ދާ ހޮޅީގެ ކެންސަރާއި މަސީދާގެ ކެންސަރުގެ %90 އަކީވެސް ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ބަލިތަކެވެ. ބަނޑުގެ  ކެންސަރުގެ %28 – 14 ޖެހެނީ ދުންފަތުގެ ސަބަބުންނެވެ.
މީގެ އިތުރުން ދުންފަތުގެ ދުމުން ބޭރުވާ ވިހަ ބާވަތްތަކުން ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ %94 މީހުންނަށް އެމްފައިސިމާ ޖެހެއެވެ. އަދި %80 މީހުންނަށް ސީ.އޯ.ޕީ.ޑީ، ބްރޮންކައިޓިސް އަދި ނޭވާހިއްލުންފަދަ ބަލިތައް ޖެހެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން އާތެރޯސްކްލޮރޯސިސް ޖެހެއެވެ. މިއީ ލޭމައްޗަށް ދިއުމަށާއި ހިތުގެ ބަލިތައްޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ނާރުތަކުގައި ދުންފަތުގެ ވިހަ ބާވަތްތައް ހަރުލާ، ނާރުތައް ބެދުމުގެ ސަބަބުން ލޭ ދައުރުވުން ހުއްޓި އެ ގުނަވަންތަކުގެ ޙަރަކާތް މުޅިން ކެނޑޭގޮތް ވެއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ކަށިތައް ފީވެ ބިންދައިގެން ދެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދަރިން ނުލިބުމާއި، ބައިގެން ދިޔުމާއި، މާބަނޑު ދުވަސްވަރުގައި އުނދަގޫތައް ދިމާވުމާއި އަދި އަންހެނުން އަވަހަށް އިއްދައިން ކެނޑޭގޮތް މެދުވެރިވެއެވެ.
ފިރިހެނުން އެމީހުންގެ ޒުވާން ދުވަސްވަރުގައި ދުންފަތް ބޭނުން ކުރަނީނަމަ، ޖިންސީ އެދުންތައް ފުއްދުންދަށްވެ، ދަރިމައިވުމުގެ ފަނި ނުކުޅެދި ދަރިން ނުލިބޭގޮތް ދިމާވެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރާ މީހަކަށް ލިބޭ ދަރިންނަށް ހަކުރުބަލި ޖެހުމާއި، ފަލަވުމާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުރުން އެކަށީގެންވެއެވެ. އަދި އެކިއެކި ގުނަވަންތަކުގެ ނުކުޅެދުންތެރިކަން އިތުރުވެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމުން އަނގައިގައި ރަހަލުން ކުޑަވުމާއި، އަނގައިން ނުބައިވަސް ދުވުމާއި، ދަތްފަނިކައި، ދަތްތައް ރީނދޫވެ، އަނގަފާރު އެޅުމާއި އަދި އަނގައިން ލޭ އަންނަގޮތް މެދުވެރިވެއެވެ.
މާގިނައިން ދުންފަތުގެ އިސްތިޢުމާލުކުރުމުން ލޮލުގެ ފެނުން މަޑުމަޑުން ދަށްވާން ފަށައެވެ.
މަންމައާއި ބައްޕަ ދުންފަތުގެ އިސްތިޢުމާލުކުރާ ގެއެއްގައި ބޮޑުވާ ކުދިންނަށް ނޭވައަށް ހިއްލުން ފަދަ ބަލިތައް ޖެހެއެވެ. ޚާއްސަކޮށް ދެއަހަރުން ދަށުގެ ކުދިންނަށް ނޭވަޔަށް ހިއްލުން ޖެހޭލެއް އަވަސްކަން ފާހަގަކުރެވެއެވެ.
ވިސްނާލައްވާށެވެ. ދުންފަތް، އެއަށް ކުރާ ޤަދަރާއި އިޚްތިރާމް ކުރުންމަތީ ދެމިހުރެއެވެ. އޭނާ އޭނާއަށް ކުރާ އިތުބާރުވެސް ކުރެއެވެ. މުޅި ދުނިޔޭގެ ކުރިމަތީ ހުރިހާއެންމެންގެ މަޤުބޫލުކަން ހޯދައި އެންމެން ދަންނަ މަޝްހޫރުމީހަކަށް އޭނާ ވެއްޖެއެވެ. ނަމަވެސް އިންސާނާ ވިސްނަންވީ އެވެ. އެނގިހުރެ އިންސާނާ އަމިއްލަ ނަފްސަށް ގެއްލުންދިނުން ހުއްޓުވައި ދުންފަތާ ދުރުހެލި ވާންވީއެވެ. މުޅި ދުނިޔޭން ދުންފަތަށް ނުވަތަ ސިނގިރޭޓަށް ދީފައިވާ އިތުބާރާއި މަޤުބޫލުކަން ކަނޑުވާލައި ބޮލީވްޑް ނުވަތަ ހޮލީވްޑްގެ ފްލޮޕް ފިލްމަކަށް ހަދާލަން އަޒުމުކަނޑައަޅަން ވީއެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ