Wednesday, September 19, 2012

އެންމެ ކާމިޔާބު ކައިވެންޏަކީ ކޮބާ؟

އަބްދުއްލަތީފް / މިއަދުނޫސް
20 ޑިސެމްބަރ، 2009
އެންމެ ކާމިޔާބު ކައިވެންޏަކީ ކޮބާ ކަމާމެދު ގިނަ ބަޔަކު ސުވާލު ކުރެއެވެ. އެއީ މައިން ބަފައިންގެ ރުހުން ލިބިގެން ކުރާ ކައިވެނިތޯ ނުވަތަ ދެ މީހަކު ލޯބިވެގެން ލޯބީގެ ހައްޤުގައި ކުރާ ކައިވެނި ކަމާމެދު ވަރަށް ގިނަ ބަހުސްތައް ކުރެވެއެވެ.
އިންސާނީ ހައްޤުތަކަށް އަޑުއުފުލާ މީހުން ކަމަށް ބުނާ މީހުން ބުނާ ގޮތުގައި ކައިވެނި ކުރަން ވުމުން އަންބަކު ނުވަތަ ފިރިޔަކު އިޚްތިޔާރު ކުރުމުގެ ހައްޤަކީ ކައިވެނިކުރާ ދެމަފިރިންނަށް ލިބިގެންވާ ހައްޤެކެވެ. އެކަމަށް އިތުރު އެއްވެސް ފަރާތެއްގެ ބާރާއި ނުފޫޒު ފޯރުވުމަކީ ކުރެވިގެން ވާނެކަމެއް ނޫނެވެ.

ދީނީ އިލްމުވެރިންގެ ރައުޔު މިކަމުގައި ތަފާތެވެ. ދީނީ އިލްމުވެރިންގެ ގިނަ ބޭފުޅުން ބުރަވެވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކައިވެނީގެ “ގޮށް” މައިން ބަފައިން އިޚްތިޔާރު ކުރާގޮތަކަށް ޖަހައި ދިނުމެވެ. ކައިވެނީގައި ވަލީ ނުވަތަ މައިންބަފައިންގެ ރުހުން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމަކަށްވާތީ މައިންބަފައިންގެ ރުހުމާއި ނުލާ ކައިވެނިކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ވަލީ ލިބުން ދަތިވެ މައްސަލައެއް ކުރިމަތިވެއްޖެނަމަ އަދުލުވެރި ފަނޑިޔާރަކު މެދުވެރިކޮށް މައްސަލަ ހައްލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ނަމަވެސް މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ސްރީލަންކާފަދަ ޤައުމުތަކަށް ގޮސް ކައިވެނިކުރެއެވެ. ވަލީ އާއި ނުލާ ކައިވެނި ކުރެވޭތީއެވެ. އެފަދަ ގޮތްގޮތަށް ކައިވެނި ކުރުމަށްފަހު ރަޖިސްޓްރީ ކުރަން ހުށަހެޅުމުން މައްސަލަތައް ކުރިމަތިވެއެވެ. އެފަދަ ހާލަތްތަކުގައި ބުނަނީ ރަޖިސްޓްރީކޮށް ނުދިން ނަމަވެސް އަހަރެމެންނަކީ ދެމަފިރިން ކަމަށާއި ރަޖިސްޓްރީ ކޮށް ނުދިންނަމަވެސް އަހަރެމެން ދިރިއުޅޭނީ ދެމަފިރިންގެ ގޮތުގައި ކަމަށެވެ.
ފިޤްހު އެކަޑަމީގެ ނާއިބު ރައީސް އައްޝައިޚް ފައްޔާޒް ޢަލީ ވިދާޅުވި ގޮތުގައި ވަކި ދުރުމިނެއްގައި ދިރިއުޅޭ ބަޔަކަށް ވަލީ އާއި ނުލާ ކައިވެނި ކުރަން ދީނުގައި ހުއްދަވެފައި އޮތް އޮތުމުގެ މަފްހޫމް އޮޅުވާލައި ވަލީއަށް ފިލަން ވަކި ދުރުމިނަކަށް ގޮސް ކައިވެނި ކުރުމަކީ ދީނީ ގޮތުން ކުރުން ހުއްދަ ކަމެއް ނޫނެވެ. އަދި އެފަދަ ކައިވެންޏަކީ ޞައްހަ ކައިވެންޏެއް ކަމަށް ބަލައިގަތުމަކީ ރަނގަޅު ކަމެއް ނޫނެވެ. ދީނުގައި ވަކި ހާލަތް ތަކެއްގައި ހުއްދަ ކަންތައްތައް އެހާލަތަށް ތިމާ އަމިއްލައަށް ކަންކަން ގެނުވައިގެން ކުރުމުން ދީނުގެ ޙުކުމާއި ތަޢާރަޒް ވާނެކަމަށެވެ.
ކޮންމެ ގޮތަކުން ނަމަވެސް އެމީހަކު ހިތް އެދޭ މީހަކާއި ކައިވެނި ކުރުމަށް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ވަރުގަދަ ރޫޙެއް ވަނީ އުފެދިފައެވެ. ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެންވެސް ކައިވެނި ކުރަން ބޭނުންވާ ފަދައިން ކޮންމެ ފަދަ ޤުރުބާނީއެއް ވެގެން ނަމަވެސް ތިމާމެންގެ ޒަވާޖީ ހަޔާތް ދެމެހެއްޓުމުގެ މުހިއްމު ކަމާމެދު ވިސްނައި ލެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ.
ހިތާމައަކީ ކައިވެނި ކުރަން އުފެދޭ ރޫހާއި އެއްވަރަށް ކައިވެނި ދެމެހެއްޓުމުގެ ރޫޙު ނެތްކަމެވެ. ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ކޮންމެ ފަދަ ޤުރުބާނީ އެއް ވެގެން، ކޮންމެ ގޮތަކުން ނަމަވެސް ކުރި ކައިވެނީގައި ލިބުނު ދަރިން ބަލައި ތަރުބިއްޔަތު ކުރުމުގެ ރޫޙު ކުޑަކަމެވެ.
ކައިވެނީގެ އެންމެ ފޮނި މޭވާ އަކީ ކައިވެނީގައި ލިބޭ ދަރިންނެވެ. ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ދަރިން ލިބުމެވެ. ދަރިން ލިބުމާއި ދަރިން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތަކީ ކޮންމެ ދެމަފިރިއަކަށްވެސް އުފުލަންޖެހޭ އެންމެ މުހިއްމު މަސްއޫލިއްޔަތެވެ. އެ މަސްއޫލިއްޔަތު އަދާކުރުމުގައި ފުރިހަމައަށް ޒިންމާދާރު ނުވެވޭ ގިނަ ބަޔަކު ދިވެހި މުޖުތަމައުގައި ތިބިކަން ފާހަގަ ކުރެވޭއިރު އެމަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ މީހުން އެ މީހުންގެ ހަޔާތުގެ ދުވަސްތައް ހޭދަކުރަމުން ގެންދަނީ އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ.
ރާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ރެކޯޑެއް ލިބޭ ކަމެއް އޮތްނަމަ އެކަމަކީ އަޅުގަނޑުމެންގެ މެދުގައި އޮތް ވަރި ކައިވެނިކަމަށް ވެފައިވާއިރު މިކަމަށް ހައްލު ހޯދުމަށް އެކަށީގެންވާ ފެންވަރުގައި މަސައްކަތް ކުރެވެމުންދާ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ހަމައެފަދައިން ދަރިން ލިބުމަށްފަހު އަނބިމީހާ ވަރިކޮށް ދޫކޮށްލުމާއި ތިމާއަށް ލިބުނު ދަރިންނާއި އަޅާނުލުމާއި ދަރިންނަށް ޚަރަދު ނުކުރުމާއި ދަރިން ތަރުބިއްޔަތު ކުރަން މަސައްކަތް ނުކުރުމުގައިވެސް ދިވެހިންނަކީ ރެކޯޑު ލިބޭ ބައެކެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ވަރި ކުރެއެވެ. ނަމަވެސް ވަރިކުރުމަކުން ދަރިންގެ ޒިންމާ ކެނޑުނީކަމަށް ޤަބޫލުކުރަނީ މަދު މީހެކެވެ. ވަރިކުރަނީ އަނބިމީހާއެވެ. ލިބިފައި ތިބޭ ދަރިންނެއް ނޫނެވެ. އެހެންކަމުން ދަރިންނަށް ކޮށްދޭންޖެހޭ ޚިދުމަތްތައް އަދާކުރުމުން ބަރީއަ ވެވޭނެ އެއްވެސް ގޮތެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެއެވެ.
ދެމަފިރިން ވަކިވުމަށްފަހު ކުދިން ބޯޑިންގތަކުގައި ބައިތިއްބައެވެ. އެފަދަ ތަންތަނުގައި ތިބޭއިރުވެސް މައިމީހާ އާއި ބައްޕަ ވެސް ދަރިންނަށް ކޮށްދޭންޖެހޭ ޚިދުމަތްތައް ކޮށްދެއެވެ. ޚަރަދު ކުރެއެވެ. ލޯބި ދެއެވެ. ހިތާމައަކީ ރާއްޖޭގައި ވަރިކުރުމަށް ފަހު އެހިސާބުން ދެމީހުންނަކީ ހަތުރުން ކަމަށް ބަދަލުވާކަމެވެ. އަދި ދެމަފިރިންގެ މެދުގައި އުފެދުނު މައްސަލަތަކުގެ ހަސަދަވެރިކަން ދަރިންނަށް ” ފިލުވައިލެވޭ ” ކަމެވެ. އެ ހަސަދައިގައި ދަރިން “ޝިކާރަ” ކުރެވޭކަމެވެ.
ދަރިންނަކީ މާތްﷲ ތިމާއާއި ހަވާލު ކުރައްވާ އެންމެ ބޮޑު އެއް އަމާނާތެވެ. އެ އަމާނާތް ފުރިހަމައަށް އަދާކޮށްފިނަމަ އެމީހަކަށް މާތް ﷲގެ ޙަޟްރަތުން އެތައްތައް ރަޙްމަތެއް ލިބެއެވެ. ހަމައެފަދައިން ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ވެއްޖެނަމަ އެކަމަށް ހައްޤު ޖަޒާވެސް ދެއްވައެވެ.
ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފު ސީދާ ގޮތްމަތީގައެވެ. އެކުދިން ނަޞްރާނީކޮށް އަދި މަޖޫސީކޮށް އަދި ޔަހޫދީ ކުރަނީވެސް މައިން ބަފައިން” ކަމަށް އަންގަވާފައި އޮތުމުން ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރުގެ ދީނީ ޙުކުމް ވަނީ ވަރަށް ރަނގަޅަށް އޮޅުންފިލާފައެވެ.
ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މުޙައްމަދު އިބްރާހީމް އާއި އާބިދާއަކީ ދަރިން ލިބި ދަރިން ތަރުބިއްޔަތު ކުރުމުގައި އެހެން މީހުން ވެސް އިބްރަތަކަށް ފުދޭފަދަ ނަމޫނާ މިސާލުތަކެއް ދައްކުވައިދީފައިވާ ބައެކެވެ. ޒުވާން ދުވަސްވަރު މާލޭގައި ތަފާތު މަސައްކަތް ކުރުމަށްފަހު މިހާރު މުހައްމަދު އަބޫބަކުރު ދިރިއުޅެނީ އޭނާގެ އަނބި ދަރިންނާއެކު ރަށުގައެވެ. ރަށުގައި ހުރެގެންވެސް މުޙައްމަދު އަބޫބަކުރު ދިރިއުޅުމަށް މަސައްކަތްކުރެއެވެ. އަދި އެ މަސައްކަތުގައި އޭނާގެ އަނބި ޢާބިދާ ވެސް ބައިވެރިވެއެވެ. މަސްގަނެގެން ކައްކައި ހިއްކަނީއެވެ.
އެދަމަފިރިންގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން އެކުދިންނަށް ވަނީ ތައުލީމު ޙާޞިލުކޮށްދީފައެވެ. އަދި މިހާރުވެސް ސްކޫލުގައި ކިޔަވަމުންގެންދާ ކުދިން އެބަތިއްބެވެ. ހަމައެއާއެކު އެކުދިން ތަރުބިއްޔަތު ކޮށްފައި ވަނީ ވެސް އެކުދިންނަކީ އަޚްލާޤީ ގޮތުން ރަނގަޅު ނަމޫނާ ކުދިބައެއްގެ ގޮތުގައެވެ. އެކުވެރިކަމާއި އެއްބަނޑުބަފާ ކުދިބައެއްގެ ގޮތުގައި ދިރިއުޅުމުގެ މުހިއްމުކަން އެކުދިންނަށް ވަނީ އަންގައިދީފައެވެ. އެކުދިން ދިރިއުޅެމުން ގެންދަނީ އެފަދަ ނަމޫނާ ބައެއްގެ ގޮތުގައެވެ.
އައިޑެންޓިޓީ ކާޑުގައި އޮތްގޮތަށް ބަލައިފިނަމަ އުމުރުން 58 އަހަރުގެ މުޙައްމަދު އަބޫބަކުރަށާއި އުމުރުން 54 އަހަރުގެ ޢާބިދާއަށް 11 ދަރިން ލިބިފައިވެއެވެ. އެއިގެ ތެރެއިން 8 ދަރިން މިހާރު ވަނީ ކައިވެނި ކޮށްފައެވެ. 8 ދަރިންގެ ކިބައިން އެދެމަފިރިންނަށް 12 ކާފަދަރިން ވަނީ ލިބިފައެވެ.
މުހައްމަދު އަބޫބަކުރު ބުނިގޮތުގައި އޭނާގެ އަންހެން ދަރިންވެސް އަދި ފިރިހެން ދަރިންވެސް ކައިވެނި ކޮށްފައި ވަނީ އެދެމަފިރިން ދެއްކި ބަޔަކާއެވެ. އެދެމަފަރިންގެ ބަސް ޤަބޫލުކޮށްގެންނެވެ. އަދި އެކަމުގެ ސަބަބުން މާތްﷲގެ ވާގިފުޅާއެކު އަދި މިހާތަނަށް އެއްވެސް ދަރިއެއްގެ ކައިވެނި ރޫޅިފައިނެތްއިރު ދެވަނަ ކައިވެންޏެއްވެސް ކޮށްފައެއް ނުވެއެވެ. ހުރިހާ ދަރިންވެސް ދިރިއުޅެމުން ގެންދަނީ އުފަލާއި ހިތްހަމަ ޖެހުމާއެކުގައެވެ.
މުޙައްމަދު އަބޫބަކުރު ބުނިގޮތުގައި އޭނާގެ ކޮންމެ ދަރިއަކީވެސް މަސައްކަތްކުރާ ކުއްޖެކެވެ. ކިޔަވައި ނިމުމަށްފަހު އަމިއްލައަށް ދިރިއުޅެން މަސައްކަތްކުރާ ކުއްޖެކެވެ. ދިރިއުޅެން ޒިންމާދާރުކަމާއެކު މަސައްކަތްނުކުރާ އެއްވެސް ކުއްޖަކު ނެތެވެ.
މުޙައްމަދު އަބޫބަކުރުގެ ހުރިހާ ދަރިންވެސް ކައިވެނިކުރުމަށް ފަހު ދިރިއުޅެނީ އާއިލީ ގޭގައެވެ. 3 ދަރިން މިހާރު ދިރިއުޅެމުން ގެންދަނީ އެމީހުން އަމިއްލައަށް ގެއަޅައިގެން ވަކިދިރިއުޅުމެއްގެ ގޮތުގައެވެ. ދެން ތިބި 5 ދަރިން ގެ އާއިލާ ދިރިއުޅެނީ ޢާއިލީ ގޭގައެވެ. އެހެންކަމުން މިއަދު އެދެމަފިރިން ދިރިއުޅެމުން ގެންދަނީ ނުހަނު އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ. އެދެމަފިރިންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ވަގުތަކީ ވީހާވެސް ގިނަ ދަރިންނާއި ކާފަދަރިންނާއެކު ހޭދަކޮށްލަން ލިބޭފުރުޞަތު ކަމަށް އެދެމަފިރިން ބުނެއެވެ.
މިފަދަ ތަޖުރިބާ ތަކުން އަޅުގަނޑުމެންނަށް އެނގެނީ ދަރިން ލިބޭ އަދަދު ގިނަވުމަކީ މައްސަލައެއް ނޫންކަމެވެ. އެއްވެސް މީހަކު އެމީހަކަށް ލިބުނު ދަރިންގެ އަދަދު ގިނަވަގެން ނިކަމެތިވެ ފަޤީރުވެފައެއް ނުވެއެވެ. ލިބޭ ހުރިހާ ނިކަމެތިކަމެއް ލިބެނީ ދަރިންގެ ހައްޤުތަކަށް އިހްތިރާމު ނުކުރެވުމުންނެވެ. ދަރިންނަށް ދޭންޖެހޭ ލޯތްބާއި އަޅާލުން ނުދެވުމުންނެވެ. ތިމާއަށް މާތްﷲ ދެއްވާ އާމްދަނީ އިން އަނބިދަރިންނަށް ޚަރަދުނުކޮށް އެހެން ކަންކަމަށް ޚަރަދު ކުރުމުންނެވެ. އަނބިދަރިންނާއެކު ދިރިއުޅުމުގެ ޒިންމާ އަދާކުރަން ފަސްޖެހުމުންނެވެ.
އަނބިދަރިން ގޮވައިގެން ދިރިއުޅެމުން ގެންދާ މީހަކު ކުށްކުރުން ފަދަ ކަންކަން ކުރާއިރު އެކަމުގެ އުޤޫބާތަކީ ޖަލުގައި ބަންދުވާން ޖެހުންކަން އެމީހަކަށް އެނގޭނެއެވެ. އެފަދަ ދުވަހަކުން ތިމާގެ އަނބިދަރިންނަށް އެހީތެރިވާނެ ބަޔަކު ނުތިބޭނެކަން ވެސް އެނގޭނެއެވެ. އާއިލާގައި ބަޔަކު ތިބި ނަމަވެސް ދާއިމީ ގޮތެއްގައި އެހެން ބައެއްގެ ޚަރަދުތައް ކުރެވޭވަރުގެ ފުދުންތެރިކަން ލިބިފައިވަނީ މަދު ބަޔަކަށެވެ. އެކަންވެސް އެނގޭނެއެވެ.
ނަމަވެސް މިފަދަ ހުރިހާ ކަންކަމެއް އެނގިހުރެ އެކިއެކި ކުށްތައް ކޮށްގެން ބަންދުގައި އެތިބީ ކިތައް މީހުންތޯއެވެ؟ އެމީހުންގެ ޢާއިލާތައް މިއަދު ދިރިއުޅެމުން ގެންދަނީ ކޮންފަދަ ނިކަމެތި ހާލުގައިކަން އެމީހުންނަށް އިހްސާސްކުރެވޭ ބާވައެވެ!
މިފަދަ ހުރިހާ ކަންކަމަށް ވިސްނައިލުމުން ކާމިޔާބު ކައިވެންޏަކީ ކޮބާކަމާއި އެންމެ ކާމިޔާބު ކައިވެންޏަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެބައެނގެއެވެ. ނަމަވެސް އެކަމުގެ ފައިދާ ކުރާނީ ފެންނަމުންދާ ކަންތައްތަކުން ޢިބްރަތްތަކެއް ޙާޞިލުކުރާ މީހަކަށެވެ. ތިމާގެ ވަށައިގެން ކޮންމެ ދުވަހަކު ހިނގާ ކަންތައްތަކާމެދު ވިސްނައިފި ނަމައެވެ. އެކަންކަމުން އިބްރަތް ޙާޞިލުކޮށް ތިމާގެ އަމަލުތައް ސީދާކުރަން މަސައްކަތްކުރާ މީހަކަށެވެ.
އެންމެ ކާމިޔާބު ކައިވެނީގެ އަގު ވަޒަންކުރުމުގެ ދުވަހެއް ފާހަގަކުރުމަކީ އަޅުގަނޑުމެން މިއަދު ކުރަންޖެހިފައިވާ ކަމެކެވެ. އެންމެ ކާމިޔާބު ކައިވެނީގެ ވާހަކަތައް ދައްކައި އެހެން މީހުންނަށް އަންގައިދިނުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.
އެކަނިވެރި މައިންނަށް އިނާޔަތް ދިނުމަށް ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަވާއިރު ކާމިޔާބުކަމާއެކު ކައިވެނި ދެމެހެއްޓުމަށް ހިތްވަރުދީ އިނާޔަތް ދިނުމަކީވެސް މުހިއްމު ކަމެކެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ