Tuesday, April 29, 2014

ފާނަބަސަންދު (ޗިކަންޕޮކްސް) ފެތުރެމުންދާތީ ސަމާލުވުމަށް


މިދުވަސްވަރު އިހަވަންދޫގައި ގިނައަދަދަކަށް ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިހަވަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ. މިގޮތުން މި މަސްތެރޭގައިވެސް 10 އަށް ވުރެ ގިނަ ފާނަބަސަންދު ކޭސް ރިޕޯޓުކޮށްފައިވާކަމަށް އެމަރުކަޒުން ހާމަކުރައްވައެވެ.

ފާނަބަސަންދު ޖެހިއްޖެނަމަ ބަލިމީހާ ގެންގުޅޭ ތަކެއްޗާއި އުޅޭތަންވެސް އެހެންމީހުންނާއި ވަކިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުމަށާއި އަދި މީގެ އިތުރުން މި ބަލި ޖެހިއްޖެނަމަ، މީހުންގެ ތެރެއަށް ނުކުމެ އުޅުމަކީ ނުރައްކައުތެރިކަމާއެކު ބަލި ފެތުރޭ ކަމަކަށް ވުމާއެކު، މުހިންމު ބޭނުމަކު ނޫނީ މީސްމީހުންނާ ބައްދަލުވެ ނޫޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމަރުކަޒުގެ ބަޔާނުގައިވެއެވެ.
މިގޮތުން މިކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު ޕޮރޮގްރާމްތައް ރާވާ ހިންގަމުންދާކަމުގައި އެމަރުކަޒުން ހާމަކުރައްވައެވެ. މިގޮތުން ފުޅާދާއިރާއެއްގައި މިކަމާގުޅޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ރަށުގެ ހުރިހާ މުޢައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްފައިވެއެވެ. އެ ބައްދަލުވުމުގައި ފާނަބަސަންދު ފެތުރުން ހުއްޓުވުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ. މިގޮތުން ޚާއްސަގޮތެއްގައި މިބަލި ކޮންޓްރޯލްވަންދެން މަނަފަރުފަދަ ރިސޯޓުތަކުން މީހުން ރަށަށް އަރައި ފޭބުން މިހާރަށްވުރެ މަދުކުރުމަށް އެންގުން ހިމެނޭކަމަށް އެމަރުކަޒުން ހާމަކުރެއެވެ. ސަބަބެއްކަމުގައި އެމަރުކަޒުން ފާހަގަކުރައްވާފައިވަނީ ރިސޯޓުތަކަކީ ބޭރުން މީހުން އަރާފައިބާ ތަނަކަށްވާތީ، އެތަންތަނުން މީހުން އައުން މަދުކުރުމުން މި ބަލި ފެތުރޭނެ ގޮތް ހުއްޓުމަށް މަގުފައިވާނެކަމަށެވެ. އަދި މިނޫނަސް ތަފާތު ކަންތައްތައް ކުރުމަށް ރާވައި ހިންގަމުން ދާކަމުގައިވެސް އެ މަރުކަޒުން ފާހަގަކުރައްވާފައި ވެއެވެ.
މިގޮތުން ބަލިޖެހިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ފަރުވާ ބޭނުން ކުރުމަށާއި، ޑޮކްޓަރުގެ މަޝްވަރާއާއި އެއްގޮތަށް އަމަލު ކުރުމަށާއި، ބަލި ރަނގަޅުވަންދެން ޑޮކްޓަރުގެ މަޝްވަރާ ހޯއްދަވަމުން ގެންދިއުމަށްވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަން ޖެހޭކަމުގައި މަރުކަޒުން ވަނީ ހާމަކުރައްވާފައެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑިތަކުގައި އިހަވަންދޫ ސިއްޙީ މަރުކަޒުގެ ނަންބަރު 6500501 އަށް ގުޅުއްވުމަށް އެމަރުކަޒުން އެދިލައްވައެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ