Monday, July 28, 2014

ވަފާ ޕްރީސްކޫލުގެ 2 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި.

މުބާރާތް ފެށުމުގެ ގޮތުން ވާހަކަ ދައްކަނީ
މިމަހު 26 އިން 27 އަށް ވަފާ ޕްރީސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެސްކޫލުގެ ފަރާތުން ޤުރްއާން މުބާރާތެއް ބާއްވައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ 3 ކުލާހުގެ މައްޗަށް ބަހާލައިގެންނެވެ. އެއީ ނާސަރީ/ބޭބީ ނާސަރީ، އެލްކޭޖީ، ޔޫކޭޖީ (ބަލައިގެން ކިޔެވުމުގެ ގޮފި)، ޔޫކޭޖީ (ނުބަލައި ކިޔެވުމުގެ ގޮފި) އެވެ. މި މުބާރާތުގައި ކުދިންނަށް ކިޔަވަން ޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށް ކޮށްފައި ވީނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި މި މިންވަރު އެހެނިހެން ޕްރީ ސްކޫލްތަކުގެ މުޤައްރަރުތަކާއި އެއްވަރުކުރާނެ ކަމުގައިވެސް އެ ސްކޫލުން ވަނީ މަޢުލޫމަތު ދީފައެވެ.

އެ ސްކޫލުގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރިޔާޟް ވިދާޅުވީ އެންމެ ފުރަތަމަ ވަފާ ޤުރްއާން މުބާރާތެއް ބޭއްވުނީ މީގެ 12 ވަރަކަށް އަހަރު ކުރިން ކަމަށާއި މިއީ އޭގެ ފަހުން ބޭއްވުނު ފުރަތަމަ މުބާރާތްކަމަށެވެ.
'މިނޫނަސް ވަފާގައި އަޅުގަނޑުމެން ޤުރުއާން މުބާރާތެއް ބޭއްވިން މީގެ 12 ވަރަކަށް އަހަރު ކުރިން، މިފަހަރު މުބާރާތް މިބޭއްވީ ހަމައެކަނި ޕްރީސްކޫލް ކުދިންނަށް އަމާޒު ކޮށްގެން. ވަރަށް ކާމިޔާބު މުބާރާތެއް މީ. ޖުމްލަ 110 ކުދިން މުބާރާތުގައި ބައިވެރިވެ 89 އިންސައްތަ ދަރިވަރުން ވަނީ ކިޔަވާފައި. މިދުވަސްވަރު ރަށުގައި އުޅޭ ރާގައިގެ ސަބަބުންވެސް ބައެއްކުދިންނަށް ނުކިޔެވުނު' މުބާރާތާ ގުޅޭ ވާހަކަދައްކަވަމުން ރިޔާޟް ވިދާޅުވިއެވެ.
މުބާރާތްކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށާއި ޚާއްސަކޮށް ބެލެނިވެރިންނަށާއި ޓީޗަރުންނަށް އަދި ފަނޑިޔާރުކަން ކޮށްދެއްވި ފަރާތްތަކަށް ވަރަށް ބޮޑަށް ސުކުރު އަދާކުރާކަމަށްވެސް ރިޔާޟްގެ ވާހަކާގައި ފާހަގަ ކުރެއްވިއެވެ.
'ހަޤީޤަތުގައި މިފަދަ މުބާރާތެއް ކުރިއަށް ގެންދެވޭނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން. ވަރަށް ޚާއްސަ ކޮށް އަޅުގަނޑު ފާހަގަކޮށްލަން ދަރިވަރުންގެ ބެލެނިވެރިން. އަދި ހަމައެހެންމެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކޮށްދެއްވި ޙަސަން ޞަބާޙް، މުޙައްމަދު އިމްރާން އަދި ރުޤިއްޔަތު ނަޞީބާ. އަދި މި ސްކޫލުގެ ޓީޗަރުން، އަދި މިނޫނަސް ހެޔޮއެދޭ ބައެއް ފަރާތްތަކުން ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި. އަދި މި މުބާރާތް ކުރިއަށްގެންދޔުމުގައި އިހަވަންދޫ މަދަރުސާއާއި ކްލަބް ޕޯލްސްޓަރގެ އެހީތެރިކަން ވެސް ލިބިފައިވާތީ އެފަރާތްތަކުގެ ނަންވެސް ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަން' ރިރާޟް އިތުރަށް ވިދާޅުވިއެވެ.
ކުދިންގެ ކިޔެވުމާގުޅޭގޮތުން ފަނޑިޔާރުންގެ ފަރާތުން ޙަސަން ޞަބާޙް ވިދާޅުވީ އެވްރެޖްކޮށް ހުރިހާ ކުދިންވެސް ކިޔެވުން ރަނގަޅުކަމަށާއި ނަމަވެސް ބަލައިގެން ކިޔެވި ގިނަކުދިން ނުބަލައި ކިޔަވަން އުޅުނު ކަން ފާހަގަ ކުރެވުނު ކަމަށެވެ. އެހެންކަމުން ބަލައިގެން ކިޔަވަން ދަސްކޮށް ދިނުމަށް ބެލެނިވެރިން މަސައްކަތްކޮށްދޭ ޖެހޭ ކަމަށާއި ކިޔަވާއިރު އަކުރުތަކުގެ މަޚްރަޖު އަދި އަޑު ރަނގަޅަށް ދޭހަވާނޭހެން އަނގައާއި ދުލަށް ބާރުލައިގެން ކިޔުމަށް ކުދިން ސަމާލުކަން ދިނުން މުހިންމު ކަމުގައި ފާހަގަކުރިއެވެ. އަދި ގޭގައި ގިނައިން ކުދިން ލައްވާ ޤުރުއާން ކިޔުއްވުމަށާއި ކުއްޖާ ކިޔަވާއިރު ކުއްޖާގެ ކައިރީގައި ބެލެނިވެރިޔާ އިނުން މުހިންމު ކަމުގައި ފާހަގަ ކުރިއެވެ. އަދި މިނޫނަސް ކިޔެވި ކުދިންގެ ތެރޭގައި ކުދިންގެ އުމުރަށް ބަލައި އަޑާއި ރާގު އަދި މަޚްރަޖު ވަރަށް ރަނގަޅު ކުދިންވެސް އުޅުނުކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

މި މުބާރާތަށް އިނާމު ހުށާހެޅުމުގެ ފުރުޞަތުވަނީ އާންމުކޮށް އުޅުވާލާފައެވެ. މިގޮތުން ފައިސާއާއި ތަކެތިވެސް ހުށަހެޅިދާނެކަމަށާއި އިނާމު ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، ސެވަން ބްރަދާސް އަށް ދުރުވެ އިނާމު ހަވާލުކުރުމަށް އެސްކޫލުން އެދިލައްވައެވެ. އަދި މިނޫނަސް މުބާރާތުގައި ކިޔެވި ކޮންމެ ކުއްޔަކަށްވެސް އެކުއްޖަކު ކިޔަވާ ނިމުމުން ޚާއްސަ ހަދިޔާއެއް ވަނީ ދީފައެވެ.
ވަފާ ޕްރީސްކޫލަކީ 1998 ވަނަ އަހަރު ހުޅުވުނު އަދި މިހާރު 150 އަށް ވުރެ ގިނަ ކުދިންނަށް ޕްރީސްކޫލް ތަޢުލީމް ދެމުންގެންދާ އަމިއްލަ މަދަރުސާއެކެވެ. އަދި މިމުބާރާތް ނޫނަސް ދަރިވަރުންނަށް އަމާޒުކޮށްގެން އިތުރު އެހެނިހެން ހަރަކާތްތައް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމުގައި އެސްކޫލުން މަޢުލޫމާތު ދެއެވެ. 

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ