Thursday, July 04, 2013

ތައާވުން މިސްކިތް މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގައި ކްލަބް ޕޯލްސްޓަރ އިން އެހީތެރިވަމުން އެބަދޭ

މަރާމާތަށް ބަންދު ކުރުމަށްފަހު ރަމަޟާން މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ މިރަށު މަސްޖިދުއް ތަޢާވުން ހުޅުވުމަށް ކުރަންޖެހޭ އެއްމެ ފަހުގެ މަސައްކަތްތައް ކުރުމުގައި ކްލަބް ޕޯލްސްޓަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އެބަގެންދެއެވެ. މިގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި މިސްކިތުގެ ބޭރުގައި ކުލައާއި ދަވާދު އާކުރުމުގެ މަސައްކަތުގެ އިތުރުން ކައުންސިލް އިދާރާއިން ތަކެތީގެ އަގުދެއްވުމުން ހިލޭސާބަހަށް ތަނުގެ ވައިރިން ބަދަލުކޮށް ފަންކާތައް އައުކުރުމުގެ އިތުރުން މިސްކިތް އަލުން ބޭނުންކުރަން ފެށުމުގެކުރިން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް ކައުންސިލް ޢިދާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެކުލަބްގެ ފަރާތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް އެކުލަބްގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

އިހަވަންދޫ ޑޮޓްކޮމް އަށް މަޢުލޫމާތު ދެއްވަމުން ކްލަބް ޕޯލްސްޓަރގެ ނައިބް ރައީސް މުޙައްމަދު ސުޖާއު ވިދާޅުވީ މިސްކިތްތައް މަރާމާތުކުރުމަށްޓަކައި އެ ކުލަބުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ކުލަބުގެ އާންމު މެންބަރުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެއެވެ.
''މި ކުލަބުގެ އެންމެހާ މެންބަރުންގެ ފަރާތުން މި މަސައްކަތަށް ވަރަށް ބޮޑެތި އެހީތެރިކަމެއް ލިބެމުން މިދަނީ. އެހެންވީމާ، މިބަލަނީ މި މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށް. ކޮންމެ ގޮތަކުންވެސް ރޯދައިގެ ކުރިން މި މަސައްކަތައް ނިންމަންޖެހޭ. މިއީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް. ޚާއްސަކޮށް މިފަދަ މަސައްކަތެއް ކުރުމުގެ ފުރުޞަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަދި އަޅުގަނޑުމެން މި މަސައްކަތްކުރުމަށް މެންބަރުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.'' އިތުރަށް ސުޖާޢު ވިދާޅުވިއެވެ.
މިދުވަސްވަރަކީ ރަމްޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރަށުގައި ހުރި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރެވެމުންދާ ދުވަސްވަރެކެވެ. މިގޮތުން ތަޢާވުން މިސްކިތުގެ އިތުރުން މިރަށުގައި ހުރި އެހެނިހެން މިސްކިތްތަކުގައިވެސް ކުލަ އާ ކުރުމާއި އަދިވެސް އެހެނިހެން މަސައްކަތްތައް ކުރެވެމުން އެބަދެއެވެ. މިގޮތަށް ކުރެވޭ މަސައްކަތްތަކުގައި ރަށުގައި އުފެދިފައި ހުރި ކުލަބް ޖަމްޢިއްޔާތަކާއި އާއްމުފަރާތްތަކުގެ އެހީތެރި ކަމާއި އެއްބާރުުންވެސް ދެމުންގެންދާކަން ފާހަގަކުރެވެއެވެ.
މިގޮތުން އިޔާރުގެ ފަރާތުން މަސްޖިދުލް ތަޢުބާގައި ކުލަލުން ކުރިއަށްގެންގޮސްފައިވާއިރު، އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ވަނީ މަސްޖިދިލް ތަޢާވޫންގައި ހުރި ދޮރުފަތްތަކުގައި ދަވާދުލުންވެސް ކުރިއަށް ގެންގޮސްފައެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ