Wednesday, July 03, 2013

މިދުވަސްވަރު ހުން އައުމާއި، ކެއްސުމާ، ހޮޑުލުމާއި އަދިއަރިދަފުސް ރޯގާ ދަނީ ފެތުރެމުން

މިދުވަސްވަރު މިރަށުގައި ހުން އައިސް، ކެއްސުމާއި ހޮޑުލެވުމާއި އަދި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން އިތުރުވެފައިވާކަމަށް އިހަވަންދޫ ސިއްހީ މަރުކަޒުން ހާމަކުރައްވާފިއެވެ.
މިކަމާ ގުޅިގެން އެ މަރުކަޒުން ކޮށްފައިވާ އިޢްލާންގައިވާ ގޮތުން މިދުވަސްވަރު ހުން އައިސް، ކެއްސުމާއި ހޮޑުލެވުމާއި އަދި އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް ސަމާލުކަންދެއްވުމާއިއެކު ބަލިން ރައްކާތެރިވުމަށްޓަކައި، ރޯގާ ޖެހިފައިވާ ފަރާތްތަކުން އިޖުތިމާޢީ މުޢާމަލާތުތައް މުހިއްމު ބޭނުމަކާއި ނުލާ އިތުރުނުކުރުމާއި، ފިނި އަށިތަކާ ކެމްޕެއިން ހަރުގެ ތަކާއި ކުޅިވަރުގެ މާޙައުލުތަކާއި ރޯގާ ޖެހިފައިވާ ފަރާތްތަކުން ރޯގާ ރަނގަޅު ވަންދެން އެކަހެރިކޮށް އުޅުއްވުމާއި ކެއްސާ ކިބިހި އަޅާއިރު އަނގަޔާ ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ އެފަދަ އެއްޗެއް އެޅުއްވުމަކީ ރޯގާ ފެތުރުން ހުއްޓުވިދާނެ ކަންތައްތައް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މިފަދަ ދުވަސް ވަރެއްގައި، ކާބޯތަކެތި ރަގަޅަށް ރޯފިލުވައިގެން ބޭނުންކުރެއްވުމަށާއި، އަދި ކައްކާފައި ހުންނަ ކާތަކެތީގެ ބާކީހުންނަބައި އައިސްއަލަމާރިއަށް ލައިފައި ބެހެއްޓުމަށްފަހު އަލުން ބޭނުންކުރައްވާނަމަ، ހޫނުކޮށްގެން ބޭނުންކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ހަނދުމަފުޅުކޮށްއަރުވަމެވެ. އަދި މިދުވަސްވަރު ކެއުމުގެ ކުރިންނާއި އަދި ފާހާނާ ކުރުމަށް ފަހު ރަނގަޅަށް އަތްދޮވުމަށާއި، ކުޑަކުދިންނަށް ދެއްވާ ފެނަކީ ރައްކާތެރި ސާފް ބޯފެން (ކެއްކިފެން) ކަމުގައި ހެއްދެވުމަށްވެސް ހަނދުމަފުޅުކޮށް އަރުވާފައިވެއެވެ.
އިހަވަންދޫ ސިއްހީ މަރުކަޒުގެ ސީނިއަރ ކޮމިޔުނިޓީ ހެލްތް އޮފިސަރ އަޙްމަދު ރަޝީދު ވިދާޅުވީ ޚާއްސަކޮށް މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވާތީ، ވާރޭފެން ނެގުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށާއި ފުރާޅާއި ފެންތާނގީވެސް ވަރަށް ރަނގަޅަށް ސާފުކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުމަށް ބާރުއެޅުއްވިއެވެ.

[ގެއާއި ގޯތިތެރޭގައި މަދިރި އުފެދޭގޮތަކަށް ހުރި ތަންތަނާއި ވައި ނުސާފުވުމަށް މަގުފަހިވެދާފަދަ ވަޞީލަތްތައް ނައްތާލުމަށް ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ. މިފަދަ ބަލިތައް އެންމެ ބޮޑަށް ފެތުރެނީ ސީދާ ފެނުގެ ޒަރިއްޔާއިން. މިފަދަ ދުވަސްވަރު ހުރިހާ ރައްޔިތުންވެސް މިކަމަށް ސަމާލުވެ، ފެން ކައްކައިގެން ބޭނުންކުރުމަށާއި، ކާތަކެތިވެސް ސާފުތާހިރުކޮށް ބޭނުންކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ.] އިތުރަށް ރަޝީދު ވިދާޅުވިއެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ