Tuesday, August 28, 2012

ހުންއައުމާއި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ވަރަށް ހަލުއި ކަމާއެކު ފެތުރެމުން އެބަދޭ


މިރަށުގައި ހުންއައުމާއި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ވަރަށް ހަލުއި ކަމާއެކު ފެތުރެމުން ދާ ކަމުގައި އިހަވަންދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ. މި ރޯގާޖެހެނީ އާންމުކޮށް ކުޑަކުދިންނަށް ނަމަވެސް ބޮޑެތި މީހުންނަށްވެސް މިރޯގާ ޖެހެމުން ދާކަމުގައިވެސް އެފަރާތުން ހާމަކުރެއްވިއެވެ.
އަދި މިރޯގާ ވަރަށް ހަލުއިކަމާއެކު ފެތުރެމުންދާތީ، އާންމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމުގައި ފާހަގަކުރެއްވިއެވެ.
މިގޮތުން މިރޯގާއަން ރައްޔިތުން ސަމާލުވެ ތިބުމަށާއި ރައްކާތެރި ފިޔަވަޅުތައް އެޅުމަށްޓަކައި ރަށުގެ ކޮންމެ ގެއަކަށްގޮސް މަޢުލޫމާތު ދިނުމުގެ ވަރަށް ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަށް ސިއްޙީ މަރުކަޒުން ވަނީ ފަށާފައެވެ. އަދި އެ ކެމްޕެއިނަށް އާންމުންގެ ވަރަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުން ދާކަމުގައިވެސް އެފަރާތުން ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިރޯގާއިން ސަލާމަތްވުމަށްޓަކައި ކެއްކިފެން ބޭނުންކުރުމަށާއި ކުޑަކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށްޓަކައި ކުޑަކުދިން ހިރަފުހުން ސަމާލުކަންދިނުން ވަރަށް މުހިންމެވެ. އަދި ހަމައެއާއެކު ރޯގާޖެހިފައިވާ ކުދިން ސްކޫލަށާއި ގޭގެއަށް ނުފޮނުވުން އެއީ ވަރަށް މުހިންމު ކަމެކެވެ. އަދި މިރޯގާއަކީ ގައިންގައިން ފެތުރޭ ރޯގާއަކަށްވާތީ، ރޯގާ ޖެހިފައިތިބޭ މީހުންނާއި ގައިގޯޅިވެ އުޅުން މަދުކުރުމަކީ ވަރަށް މުހިންމުކަމެކެވެ.
މިގޮތުން މި ވޭތުވެދދިޔަ 3 ދުވަހު މި ރޯގާޖެހިގެން އިހަވަންދޫ ސިއްޙީ މަރުކަޒަށް ގޮސްފައިވާ ބަލިމީހުންނަށް ބަލާއިރު އޯގަސްޓް 26 ގައި 20 މީހުން، 27 ގައި 17 މީހުން އަދި 28 ވަނަދުވަހު ހަވީރު 6 އާ ހަމައަށް 14 މީހުން ދައްކާފައިވެއެވެ.
މިހެންކަމުން މި ރޯގާގެ ސަބަބުން ގިނަ އަދަދެއްގެ ބަލިމީހުން އެޑްމިޓް ކުރަންޖެހޭތީ މި ދުވަސްވަރު ބަލިމީހުންނަށް ގޮވައިލަން ދިޔުމަކީ ރައްކާތެރިކަމެއް ނޫންކަމަށާއި، އަދި މި ދުވަސްވަރު ރޯގާ ފެތުރެމުންދާތީ 10 އަހަރުން ދަށުގެ އެއްވެސް ކުއްޖަކު ވޯޑުތެރެއަށް ވަނުމަކީ މުޅިން މަނާކަމެއް ކަމުގައި މަރުކަޒުން ހާމަކުރައްވައެވެ. އަދި  ވޯޑުތެރޭގައި ކޮންމެ ބަލިމީހަކުކައިރީގައި އެކަކަށްވުރެ އިތުރަށް ނުތިއްބެވުމަށާއި، ފާޚާނާ ބޭނުންކުރައްވާ ފަރާތްތަކުން ފާޚާނާތަކުގެ ސާފުތާހިރުކަމަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވުމަށްވެސް އެފަރާތުން އެދިލައްވައެވެ.
އެހެންކަމުން މިރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ، މަރުކަޒަށް ދުރުވެ ފަރުވާ ހޯއްދެވުމަށް އެފަރާތުން އެދިލައްވައެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ