Thursday, August 30, 2012

ކޯނީގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް އެރުވުމާ ގުޅިގެން، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓް ބެއްލުވުމަށް ކުލިކްކުރައްވާ!


بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން،

السّــلام عليــكم ورحـمــة اللّـه وبـركاتـه،
މިއަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ، އަޅުގަނޑު ޙަވާލުވީ، ދިވެހި ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އޭރު ހުންނެވި ރައީސް، ޤާނޫނުއަސާސީގެ 121 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިސްތިޢުފާ ދެއްވުމާ ގުޅިގެން.

އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޙަވާލުވާނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވުމާއެކު، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން.
އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވުމަށްފަހު، 24 ގަޑިއިރު ނުވަނީސް އިދިކޮޅު އެމް.ޑީ.ޕީ އިން ސަރުކާރުގެ ޤާނޫނީ ޙައިޘިއްޔަތާމެދު ސުވާލު އުފައްދައި، ސަރުކާރު ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނެ، މަގުމައްޗަށް ނުކުމެ، ހަމަނުޖެހުންތައް އުފައްދަން ފެށި. ރައްޔިތުންގެ ޢިމާރާތްތަކުގައި ހުޅުޖަހައި، ތަންތަނަށާއި ތަކެއްޗަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއްދީ، ޤައުމުގެ އަމަންއަމާންކަން ނަގާލި. ޤާނޫނާ ޚިލާފު ވަރަށްގިނަ ކަންތައްތަކެއް ހިންގި. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި، މުޅި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށާއި ސަރުކާރަށް އެ ދިން ބޮޑެތި ގެއްލުންތައް، ސަތޭކަ އެތައް މިލިއަން ރުފިޔާއަކުން ގުނާލެވޭ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އަޅުގަނޑު ޙަވާލުވުމަށްފަހު، ދިވެހި ޤައުމާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައިވެސް ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް އަޅުގަނޑު ނުހިންގާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އެރުވިން. ޝަރުޢީ އެއްވެސް ދާއިރާއަކަށް އަދި ކޯޓުތަކުންނާއި، ޝަރުޢީ މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަޤީންކަން އެރުވިން. އަޅުގަނޑުގެ ޢަޒުމަކަށްވީ، އަޅުގަނޑުގެ ސަރުކާރެއްގައި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުން. އަދި ރައްޔިތުންނަށް ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ކަންކަން ކޮށްދިނުން. ޤާނޫނާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާ ދޭތެރޭގައި، އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުން. ޝަރުޢީގޮތުން ދޭންޖެހޭ އަދަބު ދިނުން. މިއަދުވެސް އަޅުގަނޑު މިހުރީ ސާބިތުކަމާއެކު އެ ޢަޒުމުގައި.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އަޅުގަނޑު ޙަވާލުވިއިރު، ރާއްޖޭގެ ރައްޔިތުންވަނީ ސިޔާސީ ވަރަށްބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި. ރައްޔިތުންގެ ތެރޭގައި ފިކުރީގޮތުން ވަރަށް ބޮޑެތި ޚިލާފުތަކެއްވަނީ އުފެދިފައި. އެއްބަޔަކު ގަބޫލުކުރަމުން ދިޔައީ، ސަރުކާރާ ދެކޮޅަށް ބަޔަކު ބަޣާވާތްކޮށް، އިންތިޚާބު ކުރެވިފައި ހުރި ރައީސަކު ގަދަބާރުން ވެރިކަމުން ވަކިކޮށްފައިވާ ކަމަށް. އަނެއްބަޔަކު ދުށީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހަކު، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފުވެ، ދައުލަތުގެ ސަލާމަތީ ބާރުތަކަށް ޣައިރު ޤާނޫނީ އަމުރުތައްކޮށް، ތަނުގައި ހަމަނުޖެހުން އުފެއްދުމުގެ ސަބަބުން ކެތްނުކުރެވިގެން އަމިއްލައަށް އިސްތިޢުފާދީފައި ދުރަށް ގޮސްފައިވާ ކަމަށް. އަދި އެ ޙާދިޘާއަށްފަހު، 24 ގަޑިއިރު ނުވަނީސް، އެނބުރި ވެރިކަން ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް. އެހެންކަމުން، އަޅުގަނޑަށް ގަބޫލު ކުރެވުނީ، ކަމުގެ ޙަޤީޤަތް ރަސްމީ ސިފައެއްގައި ހޯދާފައި އޮތުމަކީ، ޤައުމުގެ ޞުލްޙައާއި މަޞްލަޙަތަށްޓަކައި އަދި ދިވެހި ޤައުމުގެ ތާރީޚަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް.
ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވުމަށް މެދުވެރިވުމުގައި ކަން ހިނގާފައިވާ ގޮތް، މިނިވަންކަމާއި އިންޞާފުވެރިކަމާއެކު ބަލައި ހޯދައި، އެކަމުގެ ރިޕޯޓެއް އެކުލަވައިލުމަށް ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ނަމުގައި އަޅުގަނޑުގެ ޤަރާރަކުން ފެބްރުއަރީ 21 ވަނަ ދުވަހު ކޮމިޝަނެއް އުފެއްދިން. މި ކޮމިޝަނަށް އަޅުގަނޑު ކަނޑައެޅީ، ވަރަށް ތަޖްރިބާކާރު، ޢިލްމީ އަދި ރާއްޖޭގެ ގިނަ ބައެއްގެ ރުހުން ލިބިވަޑައިގެންފައިވާ ވަރަށް މިނިވަން ބޭފުޅުންކޮޅެއް. ކޮމިޝަންގެ އިސްބޭފުޅަކީ، އަލްފާޟިލް އިސްމާޢީލް ޝަފީޢު. ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ އަނެއް ދެބޭފުޅުންނަކީ، ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދާއި، ޑޮކްޓަރ ޢަލީ ފަވާޒް ޝަރީފް. މި ތިން ބޭފުޅުންނަކީވެސް ދިވެހި ޤައުމަށް އަގުނުކުރެވޭފަދަ ބޮޑު ޚިދްމަތެއް ކޮށްދެއްވާފައިވާ ބޭފުޅުން.
ކޮމިޝަންގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދިޔައީ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ލަފައާވެސް އެކުގައި. ކޮމިޝަނުން ނިންމާ ނިންމުންތަކަކީ، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް އިތުބާރު ކުރެވޭ ނިންމުންތަކަކަށް ހެދުމަކީ، އަޅުގަނޑު އެންމެ ބޮޑަށް އިސްކަންދިން އެއްކަންތައް. އެހެންކަމުން، ކޮމަންވެލްތުގެ ލަފައާއެކު، ކޮމިޝަންގައި ބޭރުގެ ތަޖްރިބާކާރު ފަނޑިޔާރަކާއި އަދި ވެރިކަމުން އިސްތިޢުފާ ދެއްވި ރައީސްގެ ފަރާތްޕުޅުން މަންދޫބަކު އަޅުގަނޑު ހިމެނިން. ބޭރުގެ ތަޖްރިބާކާރު ފަނޑިޔާރެއްގެ ގޮތުގައި ކޮމިޝަންގައި ހިމެނިވަޑައިގަތީ، ސިންގަޕޫރުގެ ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް ޖީ. ޕަންނިރު ސެލްވަމް. އެމަނިކުފާނު ކޮށްދެއްވި ޚިދްމަތަކީ ދިވެހި ޤައުމު، އެމަނިކުފާނަށް ނިހާޔަތަށް ޝުކުރުވެރިވާންޖެހޭ ޚިދްމަތެއް. ކުރީގެ ރައީސްގެ ފަރާތްޕުޅުން ކޮމިޝަންގައި ހިމެނިވަޑައިގަތީ އަލްފާޟިލް އަޙްމަދު ސަޢީދު. އޭނާ ކޮށްދެއްވި ޚިދްމަތަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. މިބޭފުޅުން ހިމަނައިގެން، ކޮމިޝަން އަލުން އަޅުގަނޑު އެކުލަވައިލީ ޖޫން މަހުގެ 17 ވަނަ ދުވަހު. ކޮމިޝަންގެ ދެ އެޑްވައިޒަރުންގެ ގޮތުގައި، ކޮމަންވެލްތުގެ ފަރާތުންނާއި، އ.ދ.ގެ ފަރާތުން ވަރަށް ތަޖްރިބާކާރު ދެބޭފުޅަކު ހުށަހެޅުއްވުމުން، އެކަމަށްވެސް އަޅުގަނޑު މަރްޙަބާ ކީން. އެގޮތަށް އެކަން ކުރުމުގެ ސަބަބުން މި ކޮމިޝަނަކީ އިތުބާރު ކުރެވޭ މިނިވަން ކޮމިޝަނެއް ކަމަށް ބޭރުގެ ހުރިހާ ފަރާތްތަކަކުންވަނީ ގަބޫލުކޮށްފައި. ޚުދު އެމް.ޑީ.ޕީ. އިންވެސް މިކަންވަނީ ގަބޫލުކޮށްފައި.
ޙަޤީޤަތުގައި މި ކޮމިޝަން އުފެދި، މަސައްކަތްތައް ހިނގަމުންދިޔައީ، ވަރަށް މުސްތަޤިއްލު ގޮތެއްގައި. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި މިފަދަ ކަންކަން މިގޮތަށް ނުހިނގާ ފެންވަރުގައި. ކޮމިޝަންގެ މަސައްކަތްތައް ހިނގަމުންދިޔައިރު، އަޅުގަނޑުގެ އެއްވެސް ނުފޫޒެއް ކޮމިޝަނަށް ފޯރުވާފައެއް ނުވާނެ. އަދި ބޭނުންވި ކޮންމެ ވަގުތެއްގައި، އަޅުގަނޑުގެ ފަރާތުން ފުރިހަމަ އެއްބާރުލުން މި ކޮމިޝަނަށް ވާނީ އަރުވާފައި. ކޮމިޝަންގެ އެދުމުގެ މަތިން ޚުދު އަޅުގަނޑުވެސް ދެ ފަހަރު ކޮމިޝަނަށް ޙާޟިރުވެ މަޢުލޫމާތު ދިނިން.
ކޮމިޝަނުން މަސައްކަތްތައް ގެންދެވީވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް އިންޞާފުވެރިކަމާއެކު. ވަރަށްގިނަ ބައެއްގެ ހެކިބަސް ނެންގެވި. އެތައް ވީޑިއޯތަކަކާއި، ފޮޓޯތަކެއް ހޯއްދަވައިގެން، ވަރަށްފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކުރެއްވި. ވެރިކަން ބަދަލުވެގެންދިޔަގޮތް ބެއްލެވުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާވެސް ބައްދަލުކުރައްވައި، އެ މުއައްސަސާތަކުގެ ހޯއްދެވުންތަކާ ބެހޭގޮތުންވެސް މަޝްވަރާތައް ކުރެއްވި.
ކޯނީގެ މަސައްކަތްތައް ނިންމަވައި، މީގެ ދެ ގަޑިއެއްހާއިރު ކުރިން މިއަދު އެ ކޮމިޝަންގެ މެންބަރުން ވަނީ ކޮމިޝަންގެ ރިޕޯޓް އަޅުގަނޑާ ޙަވާލުކުރައްވާފައި. ކޮމިޝަންގައި ކުރީގެ ރައީސްގެ ފަރާތްޕުޅުން ހިމެނިވަޑައިގެންނެވި އަލްފާޟިލް އަޙްމަދު ސަޢީދު އިއްޔެގެ ހަވީރުގެ ވަގުތެއްގައި އިސްތިޢުފާ ދެއްވާފައިވާތީ، އޭނާ ފިޔަވައި އެހެން ހުރިހާ މެންބަރުން މިއޮފީހަށް ވަޑައިގެން، މި ރިޕޯޓްގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތަފްޞީލު އަޅުގަނޑާ ވަނީ ޙިއްޞާ ކުރައްވާފައި.
ކޮމިޝަނުން ބެލި ބެލުމުންނާއި، ހެކިތަކުންނާއި، ހޯދި ހޯދުންތަކުން ތިރީގައިމިވާ ކަންތައްތައް ސާބިތުވޭ:
1. 7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެފައިވަނީ، ޤާނޫނުއަސާސީއާއި، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން.
2. 2012 ފެބްރުއަރީ 6 އަދި 7 ވަނަ ދުވަހު ހިނގާދިޔަ ޙާދިޘާތައް ޖުމްލަވީ ގޮތެއްގައި ހިނގާފައިވަނީ، ކުރީގެ ރައީސް މުޙަންމަދު ނަޝީދު ޢަމަލުކުރެއްވި ގޮތުން.
3. ރައީސް ނަޝީދު އިސްތިޢުފާ ދެއްވީ، އެއްވެސްކަހަލަ މަޖުބޫރީ ކަމެއްނެތި، އަމިއްލަ ރުހުމުގައިކަން. އިސްތިޢުފާ ދެއްވުމުގައި، އެއްވެސް ކަހަލަ ޤާނޫނާ ޚިލާފު ޢަމަލެއް ނުވަތަ މަޖުބޫރު ކުރުވުމެއް ނުވަތަ ބިރުދެއްކުމެއްނުވާކަން.
ކޮމިޝަންގެ ނިންމުންތައް ވަރަށް ސާފު ޢިބާރާތުން މިވަނީ ބަޔާންކުރެވިފައި. މިކަމާ ބެހޭގޮތުން އިތުރު ސުވާލެއް އުފައްދާނެ ތަނެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން.
މި ފުރްޞަތުގައި، ކޮމިޝަންގެ ހުރިހާ މެންބަރުން މިކުރެއްވި ބުރަ މަސައްކަތްތަކުގެ އަގު، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ވަޒަންކޮށް، އެހުރިހާ ބޭފުޅުންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން. އަދި ކޮމިޝަންގައި މަސައްކަތް ކުރެއްވި އިދާރީ މުވައްޒަފުންނާއި، ކޮމިޝަނަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
ކޮމިޝަނުގެ މެންބަރުންނަށް، ވަކިން ޚާއްޞަކޮށް ކޮމިޝަނުގެ ކޯ ޗެއަރ ޖަސްޓިސް ސެލްވަމްއަށް، ބަޔަކު ކުރި ފުރައްސާރަތަކަކީ، ތަހުޒީބީ މުޖްތަމަޢެއްގައި ޤަބޫލުކުރެވޭނޭ ކަމެއް ނޫން. އެކަން އަޅުގަނޑު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:
ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވުމާ ގުޅިގެން، ރާއްޖެއަށް ވަރަށްގިނަ ގޮންޖެހުންތަކެއް ކުރިމަތިވި. މިވޭތުވެދިޔަ ހަމަސް ދުވަސް އަޅުގަނޑުމެން ހޭދަކުރީ ކޮންގޮތަކަށްތޯ މިއަދު އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. މި ހަމަސް ދުވަހުގެ ތެރޭގައި، ޤައުމުގެ ފަރުދީ ހަކަތަ، އަޅުގަނޑުމެން ހޭދަކުރީ، ކޮންކަމަކަށްތޯ ސުވާލުކޮށްލަންޖެހޭ؟ ޤައުމުގެ އިޤްތިޞާދީ މައި ނާރަށް ދިން ބޮޑު ގެއްލުމުގެ ސަބަބުން ލިބުނީ ކިހާ ހީނަރުކަމެއްތޯ ވަޒަންކޮށްލަން އެބަޖެހޭ. ޤައުމުގެ އަމަންއަމާންކަން ގެއްލި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ދުވަސްތައް ހޭދަކުރީ ކޮން ޙާލެއްގައިތޯ ވިސްނާލަން އެބަޖެހޭ. ޤައުމުގެ މަޞްލަޙަތަށްވުރެ އަމިއްލަ މަޞްލަޙަތު އިސްކުރުމަށް ބަޔަކު ކުރި މަސައްކަތްތަކުގެ ސަބަބުން ލިބުނީ ކިހާބޮޑު ގެއްލުމެއްތޯ ފިކުރުކޮށްލަން އެބަޖެހޭ. ރާއްޖޭގެ އިޤްތިޞާދަށާއި، އިޖްތިމާޢީ ފޭރާމަށް މިވޭތުވެދިޔަ ހަމަސް ދުވަހު ލިބިފައިވާ ގެއްލުމަކީ ފަސޭހައިން ފޫބެއްދޭނެ ކަންތައްތަކެއް ނޫން.
މި ވޭތުވެދިޔަ ހަމަސް ދުވަހު، އަޅުގަނޑާއި ސަރުކާރުގެ އިސްބޭފުޅުން ގިނަވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަތީ، ޤައުމަށް މި ލިބުނު ބޮޑު ގެއްލުމުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި. ރާއްޖޭގެ ފަތުރުވެރިކަމަށް ބަޔަކު ކުރިމަތިކުރުވި ގޮންޖެހުންތަކުން އަރައިގަތުމަށް މިދާއިރާގެ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން. ސަރުކާރާ ޖަދަލު ކުރަމުން ގެންދިޔަ ފަރާތްތަކަށާއި، ސަރުކާރުގެ ވެރިންގެ އަގާއި، ސަރުކާރުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުން ގެންދިޔަ ފަރާތްތަކަށް ރައްދުދީ، ކަމުގެ ޙަޤީޤަތް ރާއްޖޭގެ ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ ފަރާތްތަކަށް އޮޅުންފިލުވައިދިނުމަށް ވަރަށްބުރަ މަސައްކަތްތަކެއް ކުރެވުނު. ސަރުކާރުގެ ވަޒީރުންނާއި އެހެން ބައެއް އިސްވެރިން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކުގައި ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކުގެ ޙަޤީޤަތް، ބޭރުގެ ފަރާތްތަކަށް ސާފުކޮށްދެއްވި. ޚުދު އަޅުގަނޑުވެސް މިމަސައްކަތް ވަރަށްފުޅާ ދާއިރާއެއްގައި، ބޭރު ޤައުމުތަކުގެ ވެރިންނާ ބައްދަލުކޮށް ވާނީ ކޮށްފައި.
މާތްﷲގެ އިރާދަފުޅާއެކު، ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިވަނީ ވަރަށްބޮޑުތަން ރަނގަޅުވެފައި. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިރާދަކުރެއްވީތީ މިދަނީ އިތުރުވަމުން. މިކަން މިހެން އޮތް ކަމުގައިވީ ނަމަވެސް، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ އެހެން ގޮންޖެހުންތަކުގެ ސަބަބުން އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ދިގު މުއްދަތެއް ނަގާނެ. ވަކިން ޚާއްޞަކޮށް ޤައުމުގެ އަމަންއަމާންކަން ގެއްލުވާލައި، ސިޔާސީ ހަމަނުޖެހުންތައް އުފައްދައި، ރައްޔިތުންގެ ޢިމާރާތްތަކުގައި ހުޅުޖެހުމުގެ ސަބަބުން ގެއްލިގެންދިޔަ އިންވެސްޓަރުންގެ އިތުބާރު، އަލުން ހޯދުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައި. މާތްﷲގެ އިރާދަފުޅާއެކު، އަދި ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންގެ އެއްބާރުލެއްވުމާއެކު، މި ޤައުމުގެ އިޤްތިޞާދު އަލުން ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. މި ޤައުމުގެ އިޖްތިމާޢީ ފޭރާން ވަރުގަދަކޮށް، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި، އެކަކު އަނެކަކަށް އަޅާލުން، މިހާރަށްވުރެ ވަރުގަދަ ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:
މިވަގުތަކީ ދިވެހި ޤައުމާއިގެން އަޅުގަނޑުމެން ކުރިއަށްދާންވީ ވަގުތު. އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން، އެކުވެރިކަމާއި އެއްބާރުލުމާއެކީގައި މަސައްކަތް ކުރަންވީ ވަގުތު. އަޅުގަނޑުމެންގެ އިޚްލާޞްތެރިކަން ކުރިއަށް ނެރެންވީ ވަގުތު. ބައިބައިވުމާއި ހަމަނުޖެހުންތަކަށް ފުރްޞަތުނުދީ، އެންމެން އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ ވަގުތު.
އަޅުގަނޑުމެންނަކީ، އެއް ޤައުމެއްގެ އެއްބައެއް. އެއް ދީނެއްގެ ބައެއް. އެއް ޖީލެއްގެ ބައެއް. އެއްބަހަކުން ވާހަކަ ދައްކާ ބައެއް. މިއީ ދުނިޔޭގެ އެހެން ޤައުމުތަކަށް ލިބިފައިވާ ނަޞީބެއް ނޫން. މިއީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ވަރަށްބޮޑު ރަޙްމަތެއް. އެކަމަށްޓަކައި މާތްﷲގެ ޙަޟުރަތަށް އަޅުގަނޑު ދުޢާ ދަންނަވަން. އަދި މި ރަޙްމަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް އަޅުގަނޑު ދިވެހި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ގޮވާލަން.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:
ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހުން މިއަދުގެ މިވަގުތުން ފެށިގެން އަޅުގަނޑު މި އެދެނީ، މާތްވެގެންވާ އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިއްތެވުމާއެކު، ޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ކުރިއަށް ނެރުއްވައިގެން މަސައްކަތް ކޮށްދެއްވުމަށް. އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި، ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވައި، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު އިސްކޮށްދެއްވުމަށް. ތިޔަ ލޮބުވެތި ރައްޔިތުންގެ ހުރިހާ ހިތްވަރެއް ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ހޭދަކޮށްދެއްވުމަށް. ރާއްޖެއަކީ އަމާން ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި ދުނިޔެއަށް ދައްކަވައި ދެއްވުމަށް. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ބިންގާ މިހާރަށްވުރެ ހަރުދަނާ ކުރައްވައި، ތަރައްޤީގެ އާ ޞަފްޙާއެއް ހުޅުއްވައިދެއްވުމަށް.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:
ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ސަރުކާރު ހިންގުމަށް އައި ބަދަލަކީ، ޤާނޫނީގޮތުން ޞައްޙަ ބަދަލެއް ކަމަށް ވަރަށް ސާފުކޮށް މިވަނީ ކަނޑައެޅިފައި. ވީމާ، ސަރުކާރުގެ ޞައްޙަކަމާމެދު ކުރެވޭ ސުވާލުތައް، މިއަދުން ފެށިގެން އެބަ ހުއްޓާލަންޖެހޭ. މި ސަރުކާރަކީ ބަޣާވާތަކުން ގެނައި ސަރުކާރެއް ކަމަށް ބުނެ ހިންގާ ޤާނޫނާ ޚިލާފު އަދި އިޖްތިމާޢީ ހަމަތަކާ ޚިލާފު ހުރިހާ ޙަރަކާތްތަކެއް އެބަ ހުއްޓާލަންޖެހޭ.
ކޯނީގެ ރިޕޯޓާއެކު ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް މިވަނީ ސާފުވެގެން ގޮސްފައި. އެ ރިޕޯޓް ވިދާޅުވުމުން، މިކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އެހެންކަމުން، މިވަގުތަކީ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް އަނިޔާވެރިވާންވީ ވަގުތެއް ނޫން. މިވަގުތަކީ ސިޔާސީ ލީޑަރުންގެ ލީޑަރޝިޕް ދައްކަވަންވީ ވަގުތު. އަޅުގަނޑުމެންގެ އަމިއްލަ އެދުންތަކަށްވުރެ، ޤައުމުގެ މަޞްލަޙަތު އިސްކުރަންވީ ވަގުތު. މިވަގުތަކީ ފަހަތަށްދިޔަ ތަން ދޫކޮށް، ކުރިއަށްދާންވީ ވަގުތު. ޞުލްޙައާއި މަޝްވަރާގެ މަގު ޚިޔާރު ކުރަންވީ ވަގުތު.
ކޮމިޝަންގެ ރިޕޯޓާއި، ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވި ގޮތާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ރިޕޯޓުތަކުން، އިދާރީގޮތުންނާއި ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން އަޅުގަނޑުމެނަށްވަނީ އެނގިފައި. އެކަންކަން ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ފުރިހަމަކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށްވެސް އަޅުގަނޑު ގޮވާލަން. ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އަޅުގަނޑު ކުރަންޖެހޭ ކަންކަން ބަރާބަރަށް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.
ރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު އަޅުގަނޑު ފަށާ މަޝްވަރާ ބައްދަލުވުންތައް، މާތްﷲގެ އިރާދަފުޅާއެކު، އާ ޢަޒުމަކާއެކު މިރޭ ފެށޭނެ. މިބައްދަލުވުންތައް ވަރަށް އެކުވެރި ޖައްވެއްގައި، ވަރަށް އެކުވެރި ރޫޙެއްގައި ހިނގަމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
މިވޭތުވެދިޔަ ވަރަށް އުނދަގޫ ހައެއްކަ މަސްދުވަހުގެ ތެރޭގައި، އަޅުގަނޑަށް އިތުބާރު ކުރައްވައި، އަޅުގަނޑާއެކު މަސައްކަތް ކޮށްދެއްވި އެންމެހާ ބޭފުޅުންނަށް، ޚާއްޞަކޮށް، އަޅުގަނޑުގެ ކެބިނެޓްގެ ވަޒީރުންނަށާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ވެރިކަން ދެމެހެއްޓުމަށް ދިވެހި ސިފައިންނާއި ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، އަޅުގަނޑުގެ ޢާއިލާގެ ފަރާތުންނާއި ރަޙްމަތްތެރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު އެހީތެރިކަމާއި، ޢާއިލާގެ މެންބަރުން ދެއްވި ހިތްވަރަށްޓަކައި، އެހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. ދިވެހި ޤައުމަށްޓަކައި، ދިވެހި ޤައުމުގެ މަޞްލަޙަތު އިސްކޮށް، ޤައުމީ ޚިދްމަތުގައި އިޚްލާޞްތެރިކަމާއެކު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވަން.
މާތްﷲ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަދަށްވުރެ ފެހި މާދަމާއެއް ދައްކަވާށި. ރާއްޖެއަކީ އަމާން ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި ލައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަމާއި އަމާންކަންމަތީގައި އަބަދަށް ލަހައްޓަވާށި! ތިޔަ އެންމެހާ ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލައްވާށި! އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه.

2 comments:

  1. Anonymous9:34 PM

    ތި ރިޕޯޓް ނުވޭ އެކައްޗަކަށްވެސް

    ReplyDelete
  2. Anonymous4:44 PM

    repotr hama varah baraabru
    hiy hama nujehennna vaany goas

    ReplyDelete

މި ލިޔުމަށް ޚިޔާލު ފޮނުއްވާ