Sunday, April 28, 2013

ކޭތަ ނަމާދު ކުރާނެ ގޮތް

ކޭތަ ހިފާފައިވާ މަންޒަރެއް
ލިޔުނީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ރާއްޖެ އިސްލާމް


ކޭތަނަމާދަކީ؛ އިރުކޭތަ ނުވަތަ ހަނދުކޭތަ ހިފަން ފެށުމުން އެ ވީއްލުމާއި ދެމެދުގައި ކުރެވޭ ނަމާދެކެވެ. رسول الله صلى الله عليه وسلم ގެ އަރިހުން ސާބިތު ނަމާދެކެވެ. البخاري އާއި مسلم ގައި އަދި ސުނަންގެ އެއްމެހައި ފޮތްތަކެއްގައި ވަރަށް ގިނަ އަސްހާބުންގެ އަރިހުން އިތުރު އެކަލޭގެފާނުން ކޭތަ ނަމާދު ކުރެއްވިކަން ސާބިތު ވެއެވެ.

ކޭތަނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެނަމާދު ކުރުން ސުންނަތްވެގެންވާ ގޮތަކީ؛ ކޭތަހިފަން ފެށުމުން މިސްކިތުގައި ޖަމާއަތުގައެވެ. އަދި ޖަމާއަތަށް ގޮވާނީ (الصلاة جامعة) މިފަދައިންނެވެ.  ޖަމާއަތެއް ނެއްނަމަ އެކަނިންވެސް ކުރެވޭނެއެވެ.

މިނަމާދުގެ ވަނީ ދެރަކުއަތެވެ. ކޮންމެ ރަކުއަތެއްގައި ދެ ރުކޫޢާއި ދެ ސަޖިދައެވެ. އެހެންވެސް ނަމާދުފަދައިން ނަމާދު ފަށައި ފާތިހާ ސޫރަތް ކިޔަވައި، ދިގުކޮށް (ގާތްގަނޑަކަށް ބަޤަރާ ސޫރަތުގެ ދިގުމިނަށް) ކިޔަވާނީއެވެ. އެއަށްފަހު الله أكبر ކިޔައި ރުކޫއަށް ގޮސް ދިގުކޮށް ރުކޫ ކުރާނީއެވެ. އެއީ ޤިޔާމަށްވުރެ ތަންކޮޅެއް ކުރުކޮށެވެ. ދެން سمع الله لمن حمده، ربنا ولك الحمد ކިޔައި ރުކޫއިން ތެދުވާނީއެވެ. ދެން ފުރަތަމަ ޤިޔާމުފަދައިން ދިގުކޮށް ކިޔަވައި ޤިޔާމު ކުރާނީއެވެ. އެއީ ފުރަތަމަ ޤިރާއަތަށްވުރެ ކުރުކޮށެވެ. ދެން އަނެއްކާވެސް ރުކޫއު ކުރާނީއެވެ. އެއީ ފުރަތަމަ ރުކޫޢަށްވުރެ ކުރުކޮށެވެ. ދެން ރުކޫޢިން ތެދުވެ، الله أكبر ކިޔައި ސަޖިދަކުރާނީއެވެ. އަދި ސަޖިދައިގައިވެސް ތަސްބީހަކިޔާނީ ދިގުކޮށެވެ. ފުރަތަމަ ސަޖިދައަށްވުރެ ދެވަނަ ސަޖިދަ ކުރުކޮށެވެ. ދެވަނަ ސަޖިދައަށްފަހު ދެވަނަ ރަކުޢަތަށް ތެދުވެ، ކުރީ ރަކުއަތް ފަދައިން ދެވަނަ ރަކުޢަތްވެސް ކުރާނީއެވެ. އެއީ ފުރަތަމަ ރަކުޢަތަށްވުރެ ކުރު ކޮށެވެ. މިފަދައިން البخاري އާއި مسلم عائشة އާއި ابن عباس رضي الله عنهما ގެ އަރިހުން ރިވާކުރެއްވިއެވެ. ބައެއް ރިވާޔަތްތަކުގައި ރުކޫޢުގެ އަދަދު ދެއަކަށްވުރެ އިތުރުކޮށް ވާރިދުވެފައިވެއެވެ. ވީމައި ދެ ރުކޫޢަށްވުރެ އިތުރުކޮށްވެސް ރުކޫޢު ކުރެވިދާނެއެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ