Monday, May 13, 2013

ފިރިހެން ނަރުހުންވެސް މަސައްކަތްކުރާނެ މަންޒަރު ފެނުމަކީ ވަރަށް އުންމީދުކުރާ ކަމެއް (މުޙައްމަދު އިބްރާހީމް)


ނަރުހުންގެ ދުވަސް ފާހަގަކުރުން
މި އިހަވަންދޫގެ ނަރުހުންގެ ދާއިރާއިން މިހާރު މިފެންނަނީ ހަމައެކަނި އަންހެން ނަރުހުން ކަމަށާއި ވަރަށް އަވަސް މުސްތަޤްބަލެއްގައި ފިރިހެން ނަރުހުންވެސް މަސައްކަތްކުރާނެ މަންޒަރު ފެނުމަކީ ވަރަށް އުންމީދުކުރާ ކަމެއްކަމުގައި އިހަވަންދޫ ކައުންސިލް އިދަރާގެ ޒިންމާދާރު އިސްވެރިޔާ އަލްފާޟިލް މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މުޙައްމަދު އިބްރާހީމް ވާހަކަފުޅު ދައްކަވަނީ
އެބޭފުޅާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިހަވަންދޫ ސިއްޙީ މަރުކަޒުގެ ނަރުހުން އިންތިޒާމްކޮށްގެން ރޭ އެ މަރުކަޒުގައި ބޭއްވި ޑިނަރ ނައިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދި މީގެ އިތުރުން ނަރުހުން ދެއްވަމުން ގެންދަވާ ޚިދުމަތްތަކަށާއި ކުރައްވާ މަސައްކަތްތަކަށް ހިތްވަރު ދެއްވާ ވާހަކަ ދެއްކެވިއެވެ. މިގޮތުން ބައެއް ފަހަރު ހިތްހަމަ ނުޖެހޭ ކަމެއް ދިމާވި ނަމަވެސް ނަރުހުންނާމެދު ހިތްހަމަނުޖެހި އަޑުގަދަކޮށް ތަނުގެ މަސްލަޙަތު ގެއްލޭފަދަ ކަންތައްތައް ނުކުރުމުން ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.
އަދި ރޭގެ ހަފްލާގައި މަރުކަޒު ހިންގުމާއި ލަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޔުނިޓީ ހެލްތް އޮފިސަރ ޙުސައިން ފަޔާޟްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ނަރުހުންގެ ދުވަސް ފާހަގަކުރަނީ ފްލޮރެންސް ނައިޓޭންގަލް ގެ އުފަންދުވަހާ ދިމާކޮށް ކަމަށާއި ފްލޮރެންސް ނައިޓޭންގަލް އަކީ ނަރުހުންގެ ދުވަސް ނިސްބަތްވާ ފަރާތްކަމަށެވެ. އަދި އެއީ ނަރުހެއްގެ މަސްއޫލިއްޔަތާއި ވާޖިބު އޭގެ އެންމެ ފުރިހަމައަށް އަދާކުރުމުގައި ވަރަށް ލާމަސީލު ނަމޫނާ ފަރާތެއްކަމުގައި ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހުގެ ޝީޔާރެއްގެ ގޮތުގައި ޑަބުލިޔު އެޗް އޯއިން ކަނޑައަޅާފައިވަނީ Closing the Gap: Millennium Development Goals. 8, 7, 6, 5, 4, 3, 2, 1 އެވެ. މިގޮތުން އެޝީޔާރުގައިވާ ގޯލްތައް ފުރިހަމަކުރުމުގައި ހުރިހާ ނަރުހުންވެސް ވަރަށް ގަދައަޅާ މަސައްކަތްކުރުކަމީ ކޮންމެ ނަރުހެއްގެވެސް ވަރަށް ބޮޑު މަސައްއޫލިއްޔަތެއްކަމުގައި ފަޔާޟްގެ ވާހަކާގައި އަލިއަޅުވާލެއްވިއެވެ.
ކޮންމެ ނަރުހަކީވެސް ވަރަށް ޒިންމާދާރު ފަރާތެއްކަމަށާއި އެޒިންމާތައް އަދާކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ހައްލުކުރަންޖެހޭ ކަންތައްތައް ބަލައި ހައްލުކުރުމަށް ބާރުއަޅައި ވާހަކަދައްކަވަމުން ފަޔާޟް ވިދާޅުވީ ނަރުހުންގެ ޚިދުމަތް އެންމެން ބަލައިގަންނަ ޚިދުމަތްތަކަށް ހެދޭނީ ވަރަށް ހިންމަތާއެކު މަސައްކަތްކޮށްގެން ކަމަށެވެ.
މި ހަފްލާގައި ނަރުހުންގެ ދުވަހަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޭކެއް ފެޅުން ވެސް އޮތެވެ. މި ކޭކް ފަޅައިދެއްވީ ޝަރަފްވެރި މެހްމާން އަލްފާޟިލް މުޙައްމަދު އިބްރާހީމެވެ.
ޙަފްލާގެ އެންމެ ފާހަގަކޮށްލެވޭ ހަރަކާތެއްގެ ގޮތުގައި އޮތީ ދުވަހާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މަލާފަތްތައް ނުވަތަ ކޭންތަކަށް އިންސާފުކުރެއްވުމެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ