Thursday, May 30, 2013

ސިއްޙީ ޚިދުމަތުގެ ޓްރަސްޓް ފަންޑު ފޮށި ހުޅުވުމުގެ ރަސްމިއްޔާތު އިހަވަންދޫ ސިއްޙީ މަރުކަޒުގައި ބާއްވައިފި

އަޙްމަދު ރަޝީދު ފަންޑު ފޮއްޓަށް ފައިސާގެ އެހީތެރިކަމެއް ވެދެއްވަނީ
ހެލްތް ޓްރަސްޓް ފަންޑް ފޮށި ހުޅުވުމުގެ ރަސްމިއްޔާތު އިހަވަންދޫ ސިއްޙީ މަރުކަޒުގައި މިއަދު ބާއްވައިފިއެވެ. މި ފަންޑު ފޮށި ހުޅުވައިދެއްވީ އިހަވަންދޫ މަދަރުސާގެ ކޮލިފައިޑް ލީޑީންޓީޗަރ އަލްފާޟިލް އަޙްމަދު ރަޝީދު އެވެ.


ޓްރަސްޓް ފަންޑު ފޮށި ހުޅުވުމުގެ ރައްމިއްޔާތުގައި އަޙްމަދު ރަޝީދު ދެއްކެވި ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ދީނީގޮތުން އެފަދަ އެހީ ދިނުމުގައި ކަންތައްތައް އޮތް ގޮތާއި ބެހޭ ގޮތުންނެވެ. މިގޮތުން މިކަމާ ގުޅިގެން ކީރިތި ޤުރްއާނާއި ރަސޫލާގެ ޙަދީޘުގައިވާ ގޮތް ވަނީ ވަރަށް ރަނގަޅަށް ހާމަކޮށްދެއްވާފައެވެ. އަދި އެފަދަ އެހީތައް ދިނުމަށް ބާރުއަޅައި އެހީދިނުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވިއެވެ.
އަދި މިހަފްލާގައި އިހަވަންދޫ ސިއްޙީ މަރުކަޒުގެ އެސިސްޓެންޓް މެނޭޖަރ އަލްފާޟިލް ޙުސައިން ފަޔާޟް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ފަޔާޟްގެ ވާހަކާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ އިހަވަންދޫ ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި ޚިދުމަތް ދިނުމަށް ދިމާވެފައިވާ މައްސަލަ ތަކާބެހޭ ގޮތުންނެވެ. އަދި މިހާރު މަރުކަޒު އޮތް ހާލަތުން އެހެން ރަނގަޅު ހާލަތަކަށް ދިޔުމަށްޓަކައި ހުރިހާ ބޭފުޅުންގެ އެއްބާރު ލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

''މި ފޮށްޓަށް ލާ ފައިސާއަކީ މުޅި ސިއްޙީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ދެވޭ އެހީއެއް. އެހެން ނަމަވެސް އަޅުގަނޑުމެން މި މަރުކަޒު ތަރައްޤީކުރުމަށް ފައިސާއެއް ނޫނީ ތަކެތީގެ އެހީވެސް ދެއްވޭނެ. އެގޮތަށް އެހީ ދޭންބޭނުންނަމަ، މި މަރުކަޒާ އެފައިސާ ހަވާލުކުރުމުން އެކަން އެގޮތަށް ހަމަޖެހޭނެ. އަދި މިގޮތަށް މަރުކަޒަށް ލިބޭ ފައިސާވެސް ޚަރަދުކުރެވޭނީ މާލިއްޔަތު ޤާނޫނާ އެއްގޮތަށް.'' ފަންޑަށް ފައިސާ ލުމާ ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަމުން ފަޔާޟް ވިދާޅުވިއެވެ.
ރަސްމިއްޔާތުގެ ފަހުން އިހަވަންދޫ ޑޮޓްކޮމްއާ ވާހަކަދައްކަވަމުން ފަޔާޟް ވިދާޅުވީ މި ޙަރަކާތަށް ފައިސާ ހޯދުމުގެ ގޮތުން ސަރުކާރު މުޢައްސަސާ ތަކާއި ކުލަބު ޖަމިއްޔާ ޖަމާއަޓްތަކާއި އަދި އެހެނިހެން ކޮމެޓީތަކުގެ ބޭފުޅުންނާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް މިހާރު ކުރިއަށް ދާކަމަށެވެ.
''މި ބައްދަލުވުންތަކުން ވަނީ ވަރަށްބޮޑެތި ކުރިއެރުން ތަކެއް ލިބިފައި. އަދި އެބޭފުޅުން ވަނީ ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޚިޔާލުވެސް ދީފައި. އަޅުގަނޑުމެން މިދަނީ އެބޭފުޅުންގެ އެހީތެރިކަމާއި އެކީ އެކަންތައްތައް ކުރުމަށް ތައްޔާރު ވަމުން. ބައެއް ތަންތަނުން އެބަހުރި މަސައްކަތު ދުވަހަކާއި ކާނިވަލެއް ބޭއްވުމަށްވެސް ޚިޔާލު ދީފައި.'' ސިއްޙީ މަރުކަޒަށް ފަންޑު ހޯދުމަށް ކުރިއަށް ރާވާފައިވާ ކަންތައްތައް ޙުސައިން ފަޔާޟް ވަނީ މި ސައިޓާ ހިއްސާކޮށްފައެވެ.

ހެލްތް ޓްރަސްޓް ފަންޑަކީ ދިވެހި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2006/3) އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ލިބިދޭ އިޚްތިޔާރު ދަށުން އެ ޤާނޫނުގެ 26 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތަށް ސިއްޙީ ޚިދުމަތުގެ ޓްރަސްޓް ފަންޑްގެ ނަމުގައި 20 ނޮވެމްބަރު 2012 އިން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުޅުވައިދެއްވާ ފަންޑެކެވެ.
މި ފަންޑުގެ މަޤްޞަދަކީ އަމިއްލަ ކުންފުނިތަކާއި ޖަމާއަތްތަކުން ވެދެއްވާ އެހީއާއި ފަންޑަށް ފައިސާ ހޯދުމަށް ހިންގޭ ތަފާތު ޙަރަކާތްތަކުން ވެދެއްވާ އެހީއާއި ފަންޑަށް ފައިސާ ހޯދުމަށް ހިންގޭ ތަފަތު ހަރަކާތްތަކުން އެއްކުރެވޭ ފައިސާއާއި އެކި ތަންތަނުގައި ފަންޑުފޮށި ބަހައްޓައިގެން ލިބޭ ފައިސާއާއި ވަކި ފަރުދުން ފަންޑަށް އެހީވެދެއްވުމުގެ ގޮތުން ޖަމާކޮށްދެއްވާ ފައިސާއާއި ސަރުކާރުން އެހީވެދެއްވުމަށް ނިންމަވައިފި ހާލަތެއްގައި ނުވަތަ ފަންޑަށް އާމްދަނީއެއް ލިބޭނެ އިންތިޒާމެއް ހަމަޖެހިއްޖެ ހާލަތެއްގައި އެގޮތުން ލިބޭ ފައިސާއާއި ބޭރުގެ ޖަމިއްޔާ/ޖަމާޢަތްތަކުން ނުވަތަ ވަކިވަކި ފަރުދުން ވެދެއްވާ އެހީ ނުވަތަ ފަންޑަށް ޖަމާކޮށްދޭ ފައިސާއިން ސިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެއްޗާއި ވަޞީލަތްތައް ހޯދުމަށް ޚަރަދުކުރުމާއި، ސިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ އިކްއިޕްމެންޓާއި، މެޝިނަރީ އަދި ވަޞީލަތްތަކާއި، ސިއްޙީ ޚިދުމަތް ދޭތަންތަން މަރާމާތުކުރުމާއި، ސިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ މީހުން ބިނާކުރުމަށް އެހީވުމާއި، ސިއްޙީ ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ދިރާސާތަކަށް އެހީވުމާއި، ސިއްޙީ ދާއިރާއިން ކުރިއަށްގެންދާ ބޭރުގެ އެހީގެ ޕްރޮގްރާމްތަކާއި، ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން ހޯދަން ބޭނުންވާ މުވައްޒަފުން ކުރުމުއްދަތަކަށް ލެއްވުމުގެ ޚަރަދުތައް ކުރުމެވެ.
މި ފަންޑުން ކުރުން ހުއްދަ މައުގަނޑު ކަންތައްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ސިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެއްޗާއި ވަސީލްތައް ހޯދުމާއި، ސިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ އިކްއިޕްމެންޓާއި މެޝިނަރީ އަދި ވަޞީލަތްތަކާއި ތަންތަން މަރާމާތުކުރުން ހިމެނެއެވެ.
އަދި މީގެ އިތުރުން ސިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ މީހުން ބިނާކުރުމަށް އެހީވުމާއި ސިއްޙީ ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ދިރާސާތަކަށް އެހީތެރިވުން ހިމެނެއެވެ. މި ދެބައި މި ފަންޑުގައި ހިމެނުނު ނަމަވެސް މިޚަރަދުތަކައް ފަންޑު ކުރެވޭނީ އެކަމަށް ކަނޑައެޅޭ ވަކި އުޞޫލުތަކެއްގެ ތެރެއިން އަދި ފަންޑުގެ ރައުސުލްމާލު ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ އިތުރު ވުމުންނެވެ.
އަދި ހަމައެހެންމެ، ސިއްޙީ ދާއިރާއިން ކުރިއަށް ގެންދާ ބޭރުގެ އެހީގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ހަލުވި ކުރުމުގެ ގޮތުން ބޭނުންވާ މުވައްޒަފުން ކުރުމުއްދަތަށް ލެއްވުމުގެ ޚަރަދުތައް ހިމެނެއެވެ.

1 comment:

  1. ކިހާވަރެއް ލިބޭނެބާ! މެގަފަންޑަށް

    ReplyDelete

މި ލިޔުމަށް ޚިޔާލު ފޮނުއްވާ