މަދިރި މަދުކުރުމަށްޓަކައި ސެންޓަރފޯރ ކޮމިއުނިޓީ ހެލްތް
އެންޑް ޑިސީސް ކޮންޓްރޯލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'މަދިރި ރުޅިރުޅި
2013' ކެމްޕެއިންގެދަށުން އިހަވަންދޫގައި ހުރި މީހުންދިރިއުޅޭ ގެތަށް ޗެކުކުރުމުގެ
މަސައްކަތް 18މެއި 2013 ވަނަދުވަހުން ފެށިހެން ސިލްސިލާ ގޮތެއްގައި ކުރިއަށް
ގެންދާކަމުގައި އިހަވަންދޫ ސިއްޙީ މަރުކަޒުން ހާމަކުރައްވާފިއެވެ.
މިގޮތުން މިހާރުވަނީ މިކެމްޕެއިން ކުރިއަށްގެންދިއުމަށްޓަކައި
ޓާސްފޯސްއެއް އެކުލަވާލައި އެ ޓާސްފޯސްގެ ނިންމުމާއެއްގޮތުގެ މަތިން ރަށުގެ
ސަރުކާރު މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަކަށް ދައުވަތު ދީ ގޭގެއަށް
ޒިޔާރަތްކޮށް މަދިރި މަދުކުރުމަށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް
ފަށާފައެވެ.
ގޭގެއަށް ޒިޔާރަތްކުރާ ގްރޫޕްތަކުން މައިގަނޑު ގޮތެއްގައި މަޢުލޫމާތު
ދެމުންދާނީ، ގެއާއި ގޯތިތެރޭގެ އާންމު ސާފުތާހިރުކަން ދެމެހެއްޓުމުގެ މުޙިންމު
ކަމާ ބެހޭ ގޮތުންނެވެ. އަދި މީގެ އިތުރުން
ގެއާއި ގޯތި ތެރޭގައި
މަދިރި އުފެދޭ ގޮތަށް އެއްވެސް ތަނެއް، އޭގެ ތެރޭގައި ބޭނުން ނުކުރާ ވަޅު،
ފެންތާންގީ، އެކިއެކި ބޭނުންތަކަށް ބެހެއްޓިފައި ހުންނަ ފެން، ގޯތި ތެރެއަށް
އުކާލެވިފައިވާ ފުޅި ދަޅު ނާށި ޓަޔަރު އުނބު ފަދަ ތަކެތި، އަދި މީގެ އިތުރުން ޖަންކްޝަންގެ
ވަސް ހޮޅީގައި ދާޖަހައި ބަންދުކޮށްފައި ހުރިތޯބެލާނެ
ކަމަށެވެ. އަދި މިފަދަ ތަކެތީގެ ތެރެއިން ވަގުތުން ނައްތާލެވެން ހުރި ތަކެތި ނައްތާލައި
އެހެންތަކެތި ނައްތާލުމަށް އެ ގޭގޭގައި ދިރިއުޅުއްވާ ފަރާތްތަކަށް އިރުޝާދު ދެމުން
ދާކަނެކަމަށެވެ.
މަދިރި ނައްތާލުމާ ގުޅޭ
ގޮތުން ޒިޔާރަތްކުރާ ގޭތަކުގެ އަހުލުވެރިންނަށް އިރުޝާދުދީ ހޭލުންތެރިކުރުވުމަށް
ނަސޭޙަތްތެރިވުމާއި، މަދިރީގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް
ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން އިރުޝާދު ދިނުމާއި ކުޑަކުދިން މަދިރިން
ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީ، އެގެއްގެ
ވެރިފަރާތުގެ ބެލުމުގެ ދަށުގައިވާ އެހެނިހެން ގޭތަކާއި ތަންތަން މަތީގައި ބުނެވުނު
ފަދައިން ބަލައި ޗެކްކޮށް އެފަދަ ތަންތަން ނައްތާލުމަށް އިރުޝާދު ދިނުމަކީ މި
ކެމްޕެއިންގެ އަމާޒްކަމުގައި އިހަވަންދޫ ސިއްޙީ މަރުކަޒުން ހާމަކުރެއްވިއެވެ.
'' މިހާރުވަނީ މި
ކެމްޕެއިންގެ ބައެއް ނިމިފައި. އަޅުގަނޑުމެންނަށް ދަތިވަނީ މުއައްސަސާތަކުންނާއި
ކުލަބް ޖަމިއްޔާތަކުން އެކަށީގެންވާ ވަރަށް މީހުން ނުލިބޭތީ. ނަމަވެސް މިހާރު
މިބަލަނީ މި މަރުކަޒުގެ މުވައްޒަފުން ނާއި އެކު ނަމަވެސް މި ކެމްޕެއިން ކުރިއަށް
ގެންދަން.'' މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ދިމާވާ ދަތިތަކާއި ހުރަސްތަކުގެ
ވާހަކަ އިހަވަންދޫ ސިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތް ޔުނިޓްގެ ފަރާތުން ސީނިއަރ
ކޮމިޔުނިޓީ ހެލްތް އޮފިސަރ އަޙްމަދު ރަޝީދު އިހަވަންދޫ ޑޮޓްކޮމް އާއި ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން ރަޝީދު
ވިދާޅުވީ '' އަޅުގަނޑުމެން މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ދަތިވާ ވަރަށް
ބޮޑެތި މައްސަލަތައް އެބަހުރި. ރަށުގެ އެކިއެކި ސަރަޙައްދު ތަކުގައި ހުރި
އޮޑިހަރުގެ ތަކުގައި ހުރި ދޯނިތަކާއި ލޯންޗް ތަކާއި، ރަށުގެ ބަނދަރު ސަރަޙައްދުގައިވާ
ބޮޑު ފެންގަނޑާއި މިފަދަ ތަންތަން ނާއްތާނުލެވި ހުރި ހުރުމުގެ މައްސަލަ ވަރަށް ބޮޑަށް
ފާހަގަކުރެވޭ. މިކަން މިހެން ހުރުމުން މިފަދަ ކެމްޕެއިންތަކުގެ އެއްވެސް
ނަތީޖާއެއް ނުފެނޭ. އުންމީދުކަރަނީ އެފަދަ ތަންތަން ވީހާވެސް އަވަހަކަށް
ނައްތާލެވޭނެ ގޮތެއްވުން. އަދި ރައްޔިތުންވެސް ވެއްޖެ މިހާރަށްވުރެ ބޮޑަށް
މިކަމަށް ސަމާލުކަންދީ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭން.''
މި ކެމްޕެއިނަކީ ޑެންގޫ
ފަދަ ނުރައްކާތެރިބަލިތަކާއި އެނޫނަސް މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި
ބަލިތަކާއި މަދިރީގެ އުނދަގުލުން އާންމުން ރައްކާތެރިކުރުމުގެ މަޤްޞަދުގައި އިހަވަންދޫ
ސިއްޙީ މަރުކަޒުން ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތެކެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ