Wednesday, October 10, 2012

އިހަވަންދޫގައި ވައިރަލް ފީވަރއާއި އަރިދަފުސްރޯގާ ވަރަށް ހަލުއިކަމާއެކު ފެތުރެމުން އެބަދޭ.

މިދުވަސްވަރު ހުންއައިސްގެންނާއި އަރިދަފުސް ރޯގާ ޖެހިގެން ގިނައަދަދެއްގެ ކުޑަކުދިން އިހަވަންދޫ ސިއްޙީ މަރުކަޒަށް  ޑޮކްޓަރަށްދައްކާ ފަރުވާހޯދަމުން ދާކަމަށް އެމަރުކަޒުން ހާމަކޮށްފިއެވެ.
އެހެންކަމުން މިދުވަސްވަރު ހުންއައުމާއި، އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކުރައްވާ، ޑޮކްޓަރެއް ނުވަތަ ޞިއްޙީއެހީތެރިއަކަށް ދައްކާ ފަރުވާ ހޯދުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި އަދި ޑޮކްޓަރު ނުވަތަ ޞިއްޙީއެހީތެރިއެއްގެ ލަފާގެ މަތީން ޤަވާއިދުން ބޭސް ބޭނުންކުރައްވަމުން ގެންދިއުމާއި އެކު، ބަލިންރައްކާތެރިވުމަށްޓަކައި ތިރީގައި މިދަންނަވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެ މަރުކަޒުން ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.

މިގޮތުން ސަމާލުކަންދޭންވީ ބައެއް މުހިންމު ޕޮއިންޓަތައް:
1.     ބަލިޖެހިފައިވާކުދިން ބަލި މުޅީން ފަސޭހަނުވަނީސް ގެއިންބޭރަށް ނެރެގެން ނުގެންގުޅުމާއި، ސުކޫލުކުއްޖެއްނަމަ ސްކޫލަށް ނުފޮނުވުން.
2.     ހުންއައިސް އަރިދަފުސް ރޯގާ ޖެހިފައިވާ ކުއްޖެއްނަމަ، އެހެންކުދިންގެ ތެރެއަށް ނެރެގެން ނުގެންގުޅުން.
3.     ކުޑަކުދިން ހިރަފުހުން ރައްކާތެރިކޮށްގެން ގެންގުޅުން.
4.     ކުޑަކުދިންނަށްކާންތައްޔާރުކުރުމުގައިރައްކާތެރި ގޮތުގައި ކާނާތައްޔާރުކުރެއްވުމާއި، ވީހާވެސް ތާޒާކަމާއި އެކު ކާތަކެތި ދިނުން.
5.     ކެއުމުގެކުރިން ރަގަޅަށް ސައިބޯނިލައިގެން އަތްދޮވުމާއި، ފާހާނާކުރެއްވުމަށްފަހު ރަގަޅަށް ސައިބޯނިލައިގެން އަތްދޮވުން.
6.     ގޭތެރެއާއި ގޯތިތެރޭގެ ސާފުތާހިރުކަމަށް ހާއްޞަ ސަމާލުކަމެއް ދެއްވުމާއި އެކު، ފިނިބުއިމާއި ޖޫސްޕެޓީފަދަ ތަކެތި ކުދިންނަށް ނުދިނުން.
އަދި މީގެ އިތުރުން، އެމަރުކަޒުގެ ފަރާތުން ވައިރަލް ފީވާރ އާއި އަރިދަފުސް ރޯގާއާގުޅޭ މަޢުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދީ އެމީހުން ހޭލުންތެރިކުރުމުގެ ޕޮރޮގްރާމެއް ވެސް ހިންގާފައިވާކަމުގައި އެފަރާތުން މަޢުލޫމާތު ދިނެވެ. މިގޮތުން މަޢުލޫމާތު ދީފައިވަނީ އެކިގުރޫޕްތަކަށް ބަހާލައިގެން ގޭގެ އަށް ގޮސް އެ ގޭތަކުގެ ބޭފުޅުންނާ ބައްދަލުކޮށްގެންނެވެ.
އެ ހޯމްވިޒިޓްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މިދުވަސްވަރު ހުންއައުމާއި އަރިދަފުސް ރޯގާ ފެތުރެމުންދާކަމާއި މިރޯގާއަށް ވަކި ހާއްސަ އުމުރެއް ނެތްކަމާއި އަދި އާއްމުގޮތެއްގައި ވައިރަލް ހުންޖެހެނީ ކުޑަކުދިންނަށްކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެނި ނުވަތަ ބަލިޖެހިއްޖެނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ނުވަތަ ޞިއްޙީ އެހީތެރިއަކަށް ދެއްކުމަށާއި، ދެއްކުމުގެ ކުރިންވެސް ގޭގައި ފަރުވާ ކުރުމަށް ކުރެވިދާނޭކަންތައްތަކާއި ބެހޭގޮތުންވެސް މަޢުލޫމާތު ދީފައިވާކަމުގައި އެމަރުކަޒުން ހާމަކުރެއްވިއެވެ. މިގޮތުން ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލަސާފްތާހިރު ކަމާއި ގެދޮރުގެ ސާފްތާހިރުކަމާއި، ކާބޯތަކެތީގެ ސާފްތާހިރުކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށާއި ބަލިޖެހިފައިވާ މީހުންނާއި ކުދިން ބޭރަށް ނުކުމެ ނޫޅުމަށާއި، ސްކޫލަށް ކުދިން ނުފޮނުވުމަށްވެސް ބާރުއަޅައި ވާހަކަ ދެއްކިއެވެ. އަދި ހަމައެއާއެކު ހުން އިތުރަށް ގޯސްވަމުންދާކަމުގައި ވަނީނަމަ، ފެނިދާނެ ބައެއް ނުރައްކާތެރި އަލާމާތްތަކާއި ވަގުތުން ފިޔަވަޅުއަޅަންޖެހޭނޭ ހާލަތްތައް އެ ގޭގޭގެ ބޭފުޅުންނަށް އަންގައިދީފައި ވެއެވެ.
މިގޮތުން ވޭތުވެދިޔަ 7 ދުވަހު އެ މަރުކަޒަށް ބަލިމީހުން ޑޮކްޓަރަށް ދައްކާފައިވާ ގޮތަށް ބަލާއިރު ދުވަހެއް ދުވަހަކަށް ބަލިމީހުންގެ އަދަދު އިތުރުވަމުން ދާކަން ފާހަގަކުރެވެއެވެ.
03.10.2012 (ޑޮކްޓަރަށް ދައްކާފައިވާ އަދަދު: 36 މީހުން)
04.10.2012 (ޑޮކްޓަރަށް ދައްކާފައިވާ އަދަދު: 31 މީހުން)
05.10.2012 (ޑޮކްޓަރަށް ދައްކާފައިވާ އަދަދު: 23 މީހުން)
06.10.2012 (ޑޮކްޓަރަށް ދައްކާފައިވާ އަދަދު: 50 މީހުން)
07.10.2012 (ޑޮކްޓަރަށް ދައްކާފައިވާ އަދަދު: 69 މީހުން)
08.10.2012 (ޑޮކްޓަރަށް ދައްކާފައިވާ އަދަދު: 64 މީހުން)
09.10.2012 (ޑޮކްޓަރަށް ދައްކާފައިވާ އަދަދު: 65 މީހުން)
10.10.2012 (ޑޮކްޓަރަށް ދައްކާފައިވާ އަދަދު: ހަވީރު 6:00 އާ ހަމައަށް 63 މީހުން)

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ