Thursday, October 25, 2012

ޢީދު މުބާރިކު

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ޙައްޖުވެރިން ޢަރަފާތު ބިމަށް އެއްވެ ޙައްޖުގެ އަޅުކަމަށްފަހު އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނާއި ބައްދަލުކުރާ އެންމެ އުފާވެރި ދުވަހަކީ މިއަދެވެ. އާދެ! އަޟްޙާ ޢީދަކީ އުފާވެރިކަމާއި ހިނިތުންވެރިވުމުގެ ދުވަހެވެ. އެއްބަޔަކު އަނެއްބަޔަކާ ސަލާމްކޮށް ޢީދުގެ ތަޙްނިޔާ ކިޔުމުގެ ދުވަހެވެ. މިދުވަސްމިވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފައެވެ. އެހެންކަމުން ހުރިހާ ކިޔުންތެރިންނަށްވެސް މިޢީދުގެ ތަހުނިޔާ އާއި މަރުޙަބާ އާއި ހެޔޮއެދުން ހިތުގެ އެންމެ ފުންމިނުން އަރިސްކުރަމެވެ. އެކި މީހުން ތަފާތު އެތައްގޮތަކަށް  މަރުހަބާއާއި ތަޙްނިޔާ ރައްދުކުރެއެވެ. ބައެއް ފަހަރު މާމެލާ މެލީގެ ގުލްދަސްތާތަކުންނެވެ. ޓީވީ އާއި ރޭޑިޔޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އަދި މިހެންގޮސް އާދައިގެ އެސްއެމްއެސް އަކުންވެސް ތަޙްނިޔާ ކިޔާމީހުން މަދެއް ނޫނެވެ.

ބޮޑު ޢީދުގެ އުފާ އެކި ޤައުމުތަކުގައި ފާޅުކުރަނީ އެބައެއްގެ ޘަޤާފަތާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން ތަފާތު ކުޅިވަރުތައް ކުޅުމާއި ޢާއިލާ އާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކެއުމުގެ ޙަފްލާތައް ބޭއްވިގެންދެއެވެ. ހެނދުނުގެ ކެއުން ހަދާ މީހުން ހެނދުނު ޢީދު ނަމާދުން އައުމާއެކުގައެވެ. އަދި މެންދުރު ގަޑިއަށް ކާންތައްޔާރުކުރާ މީހުން މެންދުރު ނަމާދުން ފޭބީމައެވެ. ކާއެއްޗެހި ނަން ހުސްކޮށް ހުރެއެވެ. ޚާއްސަކޮށް ކުކުޅު ނަހަދާގެއެއް މަދުވާނެއެވެ. ތަންކޮޅެއް ކުރީގެ އަހަރުތަކުގައި، ގޭގެއިން ކާއެއްޗެތި ލިބޭތޯ ބަލަން އެގޭގޭދޮށަށް ޅައުމުރުގެ ކުދިން ގޮސް ތިބެއެވެ. އެހެން ނަމަވެސް މިހާރު އެކަމެއް ނެތެވެ. ލިބުނަސް ނުލިބުނަސް ވަރިހަމައެވެ.
މިފަދަ ދުވަސްތަކަކީ އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް ހުޅުވޭ ވަރަށްވެސް ތަނަވަސް ދޮރެކެވެ. މިގޮތުން މެދުކެނޑިފައިވާ ގުޅުންތައް އަލުން ފެށުމާއި ޢާއިލީ ގުޅުންތަކާއި ރައްޓެހި ރަޙްމަތްތެރިކަމުގެ ގުޅުންތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ލިބޭ ވަރަށް ވެސް ރަނގަޅު ރަނުގެ ފުރުޞަތެކެވެ. އެހެންކަމުން އިސްލާމްދީނުގެ ތަރަޙައިން ބޭރުނުވާ ގޮތަށް، ރިވެތި އަދަބުތަކުގެ މަތިން ޢީދުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމީ ކޮންމެ މުސްލިމެއްގެ ކިބައިންވެސް އެދެވިގެންވާ ކަމެކެވެ.
މިއީ އިސްލާމީ އުންމަތަށް އަންނަ ވަރަށް ބޮޑު ޢީދަކަށް ވުމުން މި ޢީދަށް ވަރަށް ބޮޑެތި ތައްޔާރީތަކެއް ވެއެވެ. މި ޢީދުގައި އޮންނަ އެންމެ މުހިންމު ހަރަކާތަކީ ޢީދު ކުޅިވަރެވެ. އެ ކުޅިވަރަށް ތައްޔާރުވުމަށްޓަކައި ވަރަށް ދުވަސްކުރިން ތައްޔާރުވާން ފަށައެވެ. މިފަހަރު ފާހަގަކުރެވުނު ވަރަށް ޚާއްސަކަމެއް އެބައޮތެވެ. އެއީ މާލޭކޮޅަށް މަހަށް ފުރައިގެން އުޅުނު ހުރިހާ ދޯނިތަކެއްވެސް މިހާރުވަނީ އައިސް ނިމިފައެވެ. ޢީދު ދުވަސްތައް އަނބިދަރިންކައިރީ ހޭދަކޮށްލުމަށެވެ. ކޮންމެ އަހަރަކީވެސް ޢިދު ކުޅިވަރު ވަރަށް ފޯރިއާއެކު ގެންދާ އަހަރެކެވެ. ނަމަވެސް އަދި އަޑުއިވެނީ [ނިކަ ޢީދު އުފާ] ގެ ވާހަކައެވެ. ހީވާ ގޮތުން އެހެން ކަހަލަ ޙަރަކާތްތައްވެސް އޮންނާނެއެވެ.
ދެން މައްސަލައެއް ނެތެވެ. މިޢީ ކުދިބޮޑު އެންމެންނަށް އަންނަ ޢީދެކެވެ. އެންމެންވެސް ޢީދު ފާހަގަކުރަންވީއެވެ. ޢީދުގައި މަޖާކޮށް ކުޅިވަރު ކުޅެންވީއެވެ. ޢީދު އައީ ހިނިތުން ވަމުންނެވެ. ހަމައެއާއެކު ދާނީވެސް ހިނިތުން ވަމުންނެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ