ލިޔުނީ: ޢަލީ އަޙްސަން އިޙްސާން
ރާއްޖޭގައި މަރަށް މަރު ހިފާތަން ފެނުމަކީ ގިނަ ބައެއްގެ ހުވަފެނެއްކަން
ޔަގީނެވެ. ޑރ އަފްރާޝިމް އަށް އަނިޔާވެރި ގޮތަކަށް ހަމަލާދީ
މަރާލުމަށްފަހު އަޅުގަނޑުމެންގެ ތެރޭގައި އަނެއްކާވެސް ވަނީ ‘މަރަށް މަރު’
ހިފުމުގެ ވާހަކަ ދައްކަން ފެށިފައެވެ. ލޯޔަރު ނަޖީބް އަނިޔާވެރި ގޮތަކަށް
މަރާލުމާއި ގުޅިގެން އެދުވަހުވެސް ހަމަ މިގޮތަށް ‘މަރަށް މަރު’ގެ ވާހަކަ
ދެކެވުނެވެ. ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލި
ހާދިސާއަށްފަހުގައިވެސް ‘މަރަށް މަރު’ގެ ވާހަކަ ގުގުމައިގެން ދިޔައެވެ.
އެހެނަސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ‘މަރަށް މަރު’ގެ އަޑު
މަޑުވަމުން ގޮސް ‘ނުދައްކާ ވާހަކަ’ އަކަށް ވެގެންދެއެވެ.
ދިވެހި މުޖުތަމައުގައި ކުށްކުރުން ހައްދު ފަހަނަ އަޅާފައިވާއިރު
އެކަމުގެ ޒިންމާއިން ކޮންމެ މުއައްސަސާއަކުންވެސް ދަނީ ބަރީއަވުމަށް ތަފާތު
ވާހަކަތައް ދައްކަމުންނެވެ. އިސްލާމީ ޝަރީއަތުގައި ‘މަރަށް މަރު’ ހިފުމުން
ކަނޑައެޅި ނިމިފައިވާއިރު އެމައްސަލައަކާއި ގުޅޭ ފަރާތްތަކުން އެކަމަށް
އެއްބަސްވާ ހިނދު، ވާރިސުން މަރަށް މަރު ހިފަން ބޭނުންވާއިރުވެސް އެހުކުމް
ތަންފީޒު ވެގެން އަންނަ ތަނެއް ނުފެނެއެވެ. ހޯމް މިނިސްޓަރ ޑރ ޖަމީލް
މިއަހަރު ޖޫން މަހު 13 ވަނަ ދުވަހު ވިދާޅުވެފައިވަނީ ރައްޔިތުންގެ
މަޖިލީހުން އެކަމާ ދޭތެރޭގައި ވިސްނާފައި އެންމެ އެކަށީގެންވާ އަދަބުތަކަކީ
ކޮބައިތޯ ކަނޑައަޅަން އެބަޖެހޭ ކަމަށާއި މީހުން މެރުމާއި ތޫނު ހަތިޔާރު
ބޭނުން ކޮށްގެންނާއި ގޭންގް ކުށްތަކުގައި ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި
އެކުށަކަށް ދެވޭ އަދަބުތަކާ މެދު ގޮތްތަކެއް ކަނޑައަޅަން
އެބަޖެހޭކަމަށެވެ. އަދި އެހުކުމް ތަންފީޒު ކުރަން ތައްޔާރަށް ހުރި
ކަމަށެވެ. “މަޖިލީހުން އެކަންތަކާ މެދު ގޮތެއް ނިންމޭނީ، އެ ކުށްތަކަށް
ކޮންމެ އަދަބެއް މަޖިލީހުން ކަނޑައެޅިޔަސް، އެއީ މަރަށް މަރު ހިފުން
ކަމުގައި ވިޔަސް އެޙުކުމެއް ތަންފީޒު ކުރަން ތައްޔާރަށް ހުންނެވި”ކަމަށް
މިނިސްޓަރ ޑރ. ޖަމީލު ވިދާޅުވިއެވެ.
އޭގެ މާގިނަ ދުވަހެއް ނުވަނީ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް މީހަކު ވަނީ
‘މަރަށް މަރު’ ހިފުމާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. އަދި ‘މަރަށް މަރު’
ހިފުމުން މަރާ މީހުންގެ ނިސްބަތް މަދު ނުވާކަމަށްބުނެ ދެކޮޅު ނުޖެހޭ
އެތައް ވާހަކައެއް ވަނީ ދައްކާފައެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމަށް
އެކި ހުރަސްތައް ހުރިކަމަށް ބުނެ އަނެއް ބަޔަކު ވަނީ ބަހަނާ ދައްކާފައެވެ.
އިސްލާމީ ޝަރީއަތުގެ ހުކުމްތަކާއި މެދު އާންމުންގެ މެދުގައި ޝައްކު
އުފައްދާ އެތައް ވާހަކައެއްވަނީ ދައްކާފައެވެ. މިވާހަކަތަކަށް ރައްދު
ދިނުމުގެ ގޮތުންވެސް އަޅުގަނޑުމެންގެ ތެރެއިން ޢިލްމުވެރިން ވަނީ ވާހަކަ
ދައްކަވާފައެވެ.
ދުވަހު ނޫސް ‘މިއަދު’ އަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ޢަދާލަތު
ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުފައިވަނީ “ކަންކަން އޮތީ
މިހެންކަމަށްވާއިރު ކީރިތި ޤްރުއާނުގައި ﷲ ބަޔާންކުރައްވާފައިވާ
ޙުކުމްފުޅެއް، ޒަމާނީ ކުރަން ބުނުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު
ކުރާނެ ކަމެއް ނޫން. ކީރިތި ޤްރްއާން ބާވައިލެއްވުނީ އެންމެހައި
ޒަމާންތަކަށް. ވީމާ ކީރިތި ޤްރުއާނަކު ޒަމާނީކުރަންޖެހޭ އެއްވެސް ކަމެއް
ނެތް.” ކަމަށެވެ. އަދި މީގެ އިތުރުންވެސް އެތައް ޝެއިޚުންނެއް ވަނީ ވާހަކަ
ދައްކަވާފައެވެ.
މިފަދައިން ޝެއިޚުންގެ ބަސްތައް ބަޔާންކޮށްދީފައިވާއިރު ސިޔާސީ
ބޭފުޅުންވެސް ވަނީ ހަމަ މިރޭމުން ވާހަކަ ދައްކަވާފައެވެ. އެގޮތުން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޑަވެލި ދާއިރާގެ
މެންބަރު ނާޒިމް މިއަހަރު ޖުލައި މަހު ފަހުކޮޅު ވިދާޅުވީ ޤިޞާޞް ހިފުމުގެ
ޙުކުމާއި ދެކޮޅަށް އެއްވެސް މީހަކަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ. ނާޒިމް
އިތުރަށް ވިދާޅުވީ ޤިޞާސް ހިފުމުގެ ހުކުމަކީ ޤުރުޢާނުގެ އާޔަތެއްގައި
ކަނޑައެޅިގެން ބަޔާންވެފައިވާ ހުކުމެއް ކަމަށާއި، ޤުރުއާނުގައި
ކަނޑައެޅިގެން ބަޔާންވެ ޢިލްމުވެރިން އެއްބަސްވެފައިވާ މިފަދަ
މައްސަލައަކާއި ދެކޮޅަށް ވަކާލާތު ކުރާ ކޮންމެ މީހަކުވެސް ތަޢުބާވާންޖެހޭނެ
ކަމަށެވެ.
މިމައްސަލައާއި މެދު ދީނީ ޢިލްމުވެރިންނާއި ސިޔާސީ ބޭފުޅުންގެ ވާހަކަތައް ވަރަށް ސާފެވެ. ‘މަރަށް މަރު’ ހިފުމަށް މިޤައުމު ބޭނުންވެފައިވާކަމެވެ.
މިމައްސަލައާއި މެދު ދީނީ ޢިލްމުވެރިންނާއި ސިޔާސީ ބޭފުޅުންގެ ވާހަކަތައް ވަރަށް ސާފެވެ. ‘މަރަށް މަރު’ ހިފުމަށް މިޤައުމު ބޭނުންވެފައިވާކަމެވެ.
މަރުގެ ހުކުމް ކޯޓުތަކުން އިއްވުމާއި އެކު ކޯޓުތަކުގެ ޒިންމާއިން
ބަރީއަވެ އެހުކުމް ތަންފީޒު ކުރުމުގެ ބުރަ ބޮޑު ޒިންމާ ވަލިއްޔުލް އަމްރުގެ
ބޮލުގައި އެޅިގެންދެއެވެ. މީގެ ކުރިން ރާއްޖޭގައި މިފަދަ ހުކުމްތަކަށް
އަމަލު ކުރާ ގޮތްކަމުގައި ފެނިގެންދަނީ ދެ ގޮތަކަށެވެ. އެއީ މަރުގެ ހުކުމް
އިއްވުމުން އެމީހަކު އުމުރު ދުވަހަށް ޖަލަށް ލުމެވެ. ނުވަތަ މަރުގެ ހުކުމް
އިއްވުމުން އެހުކުމް ތަންފީޒު ނުކޮށް އެތައް އަހަރެއް ވަންދެން ލަސް
ކުރުމެވެ. މި މަރުހަލާތަކުގައި ކުށްވެރިން ކަޑަތުކުރަމުން ދަނިކޮން ގިނަ
ފަހަރު ރައީސްގެ މަޢާފުގައި ލައްވާލައިގެން ކުށްވެރިން އަނެއްކާވެސް
މުޖުތަމައަށް ނުކުމެއެވެ. އެހެންކަމުން ‘މަރަށް މަރު’ ހިފުމުގެ ހުކުން
ތަންފީޒު ނުކުރެވޭގޮތް ވެގެންދެއެވެ.
މިއަދުގެ ހާލަތަށް ބަލާއިރު ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފައެވެ.
ސަރުކާރުން ވަނީ ކޯޓުގެ ހުކުމްތަކަށް އަމަލު ކުރުމުގައި ފަސް
ނުޖެހޭނެކަމަށް ބުނެފައެވެ. ހޯމް މިނިސްޓްރީއިން ވަނީ މަރުގެ ހުކުމް
ތަންފީޒު ކުރާނެކަމަށް ބުނެފައެވެ. އެކަމަކު އެއީ މަރުގެ ޙުކުމް ތަންފީޒު
ކުރާނީ މަތީ ކޯޓްތަކުން ނިންމަންޖެހޭ ނިންމުންތަކާއި އިސްތިއުނާފުގެ
މަރުހަލާގެ މުއްދަތު ނިމުމުން ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެބޭފުޅާ ވިދާޅުވެފައިވަނީ “ރާއްޖޭގެ ޤާނޫނުގެ ތެރެއަކު
ތަންފީޒު ނުކުރެވޭނެ ޙުކުމެއް ނޫހުންނާނެ ކަމަށާއި އަދި އެކަމުގެ
އިޙްތިޔާވެސް ވެސް ނޯންނާނެ” ކަމަށެވެ.
ޑރ ޖަމީލްގެ ވާހަކަ މިފަދައިން ހުރިއިރުވެސް އެބޭފުޅާ މީޑިއާގައި
ވިދާޅުވެފައިވަނީ މަރަށް މަރު ހިފޭނީ ކަމާ ގުޅޭ ދާއިރާތަކުން
ބައިވެރިވެގެންކަމަށެވެ. ‘އަމިއްލައަކަށް ނިންމަން ޖެހޭ ވަރުކަމެއް
ކަމަކަށްވުރެ ބޮޑު ކަމެއް އެއީ އެކަން އެބަޖެހޭ ކަމާ ގުޅޭ ދާއިރާތަކުން
ބައިވެރިވެގެން މިކަން ކުރެވޭނެ ގޮތްތަކެއް ކަނޑައަޅަން އެބަޖެހޭ’
މިނިސްޓަރ ޖަމީލު 24 ޖުލައި 2012 ގައި އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް
ކޮންފަރެންސްގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ‘މަރަށް މަރު’
ހިފުމުގައި ‘ކޮންމެވެސް’ ހުރަސްތަކެއް އުޅޭކަން އެބައެނގެއެވެ.
‘މަރުގެ ހުކުމް’ ތަންފީޒު ނުކުރާ މައްސަލާގައި އެކި މީހުންގެ ހިޔާލު
ތަފާތެވެ. ބައެއް މީހުންގެ ނަޒަރުގައި ހުކުމް ތަންފީޒު ނުކުރެވިގެން އުޅެނީ
ބޭރުގެ ޕްރެޝަރާއި ހެދިއެވެ. އެހެނީ މިއަހަރުގެ ޖުލައި 26 ވަނަ ދުވަހު އދ
ގެ އިންސާނީ ޙައްޤުތަކާއިބެހޭ ކޮމިޓީގެ 105 ވަނަ ބައްދަލުވުމުގައި އދ ގެ
އިންސާނީ ޙައްޤުތަކާއި ބެހޭކޮމީޓީން ނެރުނު ރިޕޯޓްގައި ރާއްޖޭގައި މަރު
އަދަބު ނުދޭތީ އެކަން ފާހަނގަކޮށްފައިވެއެވެ. އަދި ކުރިއަށް
އޮތްތަނުގައިވެސް މަރުގެ ޙުކުމް ތަންފީޒު ނުކުރުމަށް އެރިޕޯޓުގައި
ރާއްޖެއަށް ގޮވާލާފައިވެއެވެ. މިފަދަ ޕްރެޝަރުތަކުން ސަރުކާރު ބިރުގަނެ
އެފަދަ ޖަމާއަތްތަކުގެ އެންގުމަށް ތަބާވުމުގެ ގޮތުން ކޮންމެވެސް ބަހަނާއެއް
ދައްކަނީކަމަށް އެފަދަ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަނެއް ބަޔަކުގެ
ނަޒަރުގައި ‘މަރަށް މަރު’ ހިފުމަށް ސަރުކާރުގެ ވެރިންގެ ‘ގަޓު’ ނެތީއެވެ.
އަދި ސިޔާސީ ކުރިއެރުންތަކަށް ހުރަސްއެޅިދާނެކަމުގެ ބިރު
އޮންނާތީކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީ މަރުގެ އެތައް އަނިޔާވެރި ހާދިސާއެއް
ހިނގައިފިއެވެ. އެކި ފަންތީގެ އެކި އުމުރުގެ މީހުންގެ ފުރާނަ ހައްޤަކާއި
ނުލައި މަރާލެވުނުއިރު ރާއްޖޭގެ އެންމެންގެ ހިތުގައި ‘މަރަށް މަރު’
ހިފުމުގެ ޖޯޝު ވަނީ އަށަގަންފައެވެ. އެހެނަސް މަރަށް މަރު ހިފުން މިއަދު
މިވަނީ އަރަތަކަށްވެފައެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ