މިއީ ފުސްވިލާގަނޑެކެވެ. ބިރު ބޮޑެވެ. ވިސްނާލާށެވެ. މިއާ
ކައިރިނުވާށެވެ. ދުނިޔެއާއި އާޙިރަތުގެ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައެވެ. މިއީ
ބިރުބޮޑު ވަބާއެކެވެ. މިއާ ކައިރިވުން އެއީ މީހެއްގެ ހަލާކެވެ. މިއީ މިހާރު ކުރިމަތިވެގެން
އުޅޭ ވަރަށް ބިރުބޮޑު ބައްޔެކެވެ. މިއީ މަސްތުވާ ތަކެއްޗެވެ. މަސްތުވާ ތަކެއްޗަކީ
މުޖުތަމަޢަށް ހުރި ބިރެކެވެ. މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް
މައްސަލައަކީ މަސްތުވާތަކެތި
ބޭނުންކުރާ ޒުވާނުންގެ ޢަދަދު އިތުރުވަމުން ދިޔުމެވެ.
ފެންނަމުން ދަނީ ބައެއްގެ ދަރިންތަކެކެވެ. މުޖުތަމަޢުގެ
މާދަމާގެ މައިންބަފައިންތަކެކެވެ. ނަމަވެސް އޮހޮރަން ޖެހެނީ ކަރުނައެވެ. އެމީހުންގެ
ސިނކުޑިތައްވަނީ ގެއްލުމާ ހަލާކުގެ ތެރޭގައެވެ. އެމީހުން އެވަނީ އެނުބައި ވަބާގައި
ޖެހި އާވާރާވެފައެވެ. މަގު އޮޅިފައެވެ.
ދެން ބަލައިލަބަލާށެވެ. އެމީހުންގެ މައިންބަފައިން
އުޅެންޖެހިފައިވަނީ ކޮން ހާލެއްގައިތޯއެވެ؟ އެމީހުންގެ އަނބިން ކިހާވަރަކަށް
ލޮލުން ކަރުނަ އޮހޮރާތޯއެވެ؟ އެމީހުންގެ ދަރިން ނިކަމެތިވެފައި ވަނީ ކިހާވަރަކަށް
ތޯއެވެ؟ މިއީ ހައްތާވެސް ވިސްނަންވީ ކަންތައްތަކެވެ. ފާހަގަކުރަންވީ ނުކުތާތަކެވެ.
މިއަދު އެމީހުންނަށް މަންމައާއި ބައްޕަ އަދި އާއިލާއަށްވުރެވެސް މުހިއްމީ މަސްތުވާ
ތަކެއްޗެވެ. އެ ނުލިބެއްޖެނަމަ އެމީހުންދެކެނީ އެމީހުންގެ ފުރާނަ ހިނގައިދާނެ
ކަމުގައެވެ.
ތަންތަނުން ވައްކަން ކުރަނީއެވެ. ފޭރެނީއެވެ. މީހުންގެ
ހައްޤުތަކަށް އަރައިގަންނަނީއެވެ. މިހެންގޮސް އިސްލާމްދިން ނަހީކުރާ ހުރިހާކަމަކަށްވެސް އަރައިގަނެވެނީއެވެ.
އެ ހޯދުމަށްޓަކައި ގެދޮރު ވިއްކަނީއެވެ. އަތުގައި ހުރި ހުރިހާ މުދައުތަކެއް ހުސްކުރަނީއެވެ. ވިސްނާލުމެއް ނުހުރެއެވެ.
އެއިންލިބޭ ގެއްލުމަކަށް ބަލައެއް ނުލައެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅާކަށް
ބޭނުމެއް ނުވެއެވެ. އެމީހުން ދެކެނީ އެއީ އެންމެ ރަނގަޅުގޮތް ކަމުގައެވެ. ކުޑަކުޑަ
މިސާލަކަށް ބަލައިލަ ބަލާށެވެ. ފެންނަމުންދަނީ މަގުމަތިން ހިނގާފައިދާ
އަންހެނެކެވެ. ކުއްލިއަކަށް އައީ ޒުވާންފުރާގެ ފިރިހެން ކުއްޖެކެވެ. އެދާ މީހާއާ
މުޚާތަބުކޮށް އެބަބުނެއެވެ. ދައްތާއެވެ. ދައްތަގެ މޮބައިލް ފޯނު ދީބަލާށެވެ.
ތިމަންނަ މަންމަ ބަލިވެގެން ގުޅާތީ މިވަގުތު ދެވެންނެތިގެން މަންމައާ ގުޅާލާށެވެ.
މަންމަގެ ހާލު ވަރަށްވެސް ދެރައެވެ. ދެން މިވަނީ ކިހިނެއްތޯއެވެ؟ އެއްކަލަ މީހާ ހަމްދަރުދީވެ
ފޯނު ދިނީއެވެ. ދިނުމާއެކު އެކުއްޖާ ފޯނު ހިފައިގެން ފިލީއެވެ.
ޒުވާނުން މަސްތުވާތަކެތި ބޭނުންކުރަނީ ޒުވާނުންގެ ތެރޭގައި
މަޤްބޫލު މީހަކަށް ވުމަށެވެ.
ނުވަތަ އެކުވެރިންނާ ބައިވެރިވެލުމުގެ ގޮތުންނެވެ. އަދި އަޖުމަ ބަލައިލުމުގެ ގޮތުންނެވެ. މިގޮތަށް
މިހާ ފަސޭހައިން މަސްތުވާތަކެތި
ބޭނުންކުރާ ޒުވާނުންނާ ބައިވެރިވެލެވެނީ މަސްތުވާ ތަކެއްޗާބެހޭގޮތުން އެކަށީގެންވާ މިންވަރަށް މަޢުލޫމާތު
ލިބިފައި ނުވުމުގެ ސަބަބުންނެވެ. ހޭލުތެރިކަން ކުޑަވުމުގެ ސަބަބުންނެވެ. މަސްތުވާ
ތަކެތި ބޭނުން ކޮށްފައިވާ ގިނަ
ޒުވާނުން ޙަޤީޤަތުގައިވެސް އެ ބޭނުން ކުރަންފެށުމުގެ
ކުރިން އޭގެ ނުރައްކާތެރިކަން އެހާ ބޮޑުވާނޭ ކަމަކަށް ހީވެސް ނުކޮށެވެ. އެ މީހުންގެ ރައްޓިހިން
މަސްތުވާ ތަކެތި ދީފައި އޭގެ
ބާރު އެހާ ގަދަ ނުވާނޭކަމަށާއި ހަމަ ބޭނުންވީމާ ހުއްޓާލެވޭނޭ ކަމަށާއި ސިކުނޑި ހަމަ ޖައްސާލެވޭނޭ ކަމަށް
ބުނުމުން އެހައި ފަސޭހައިން ޤަބޫލު
ކުރެވުނީ އެހައިވަރަށް މަޢުލޫމާތު ލިބިފައި ނުވުމުގެ ސަބަބުން ކަމަށެވެ. އަދި މީގެ އިތުރުން މައިން ބަފައިންގެ ސަބަބުން ދަރިންނަށް
ދޭންޖެހޭ އަޅާލުމާއި ލޯބި ނުދީ ދީނީ ތަޢުލީމާއި ތަރުބިއްޔަތުން މަހުރޫމުކޮށް
ދަރިން ނުކިޔަވާ ޖާހިލަކަށް ހެދުމުންނެވެ. ވީމާ މަސްތުވާ ތަކެތި ބޭނުންކުރާ
ޒުވާނުން މަދުކުރުމަށްޓަކައި
ޒުވާނުންނަށާއި މުޅި މުޖުތަމަޢަށްވެސް މަސްތުވާ ތަކެއްޗާބެހޭ މަޢުލޫމާތު ދީ ހޭލުންތެރި ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.
މިއީ މިއަދު މުޖުތަމަޢުގެ ހާލަތެވެ. ފެންނަމުންދާ
މަންޒަރުތަކެވެ. މުޖުތަމައުގެ މީހުންގެ ތެރޭގައި މަސްތުވާ ތަކެތި މިވަނީ ބަނޑު
ކެއުމަކަށް ވެފައެވެ. ދުވަހެއް ދުވަހަކަށް މިދަނީ މިވަބާގައި މީހުންތަށް ޖެހެމުންނެވެ.
އިތުރުވަމުންނެވެ. ގިނަވަމުންނެވެ. އެއްވެސް މީހަކު މީހަކާ ދޭތެރޭ ވިސްނާލުމެއް
ނުހުރެއެވެ. އެންމެ ކުޑަމިނުން ހިޔާލުވެސް ކޮށްނުލައެވެ. މުޖުތަމައުގެ
މުސްތަޤުބަލުކަމުގައިވާ ޒުވާނުންތައް މިދަނީ ގިނަ އަދަދަކަށް އެވަބާގައި ޖެހި
ހަލާކުވަމުންނެވެ.
އެމީހުން މިވަބާއިން ސަލާމަތްވުމަށްޓަކައި ހިތްވަރާއެކު
މަސައްކަތް ކުރަންޖެހެއެވެ. މި މުޖުތަމަޢަކީ ސާފު ސީދާ އިސްލާމްދީނުގެ މަތިވެރި
ނިޢުމަތް ދެއްވާފައިވާ ބަޔަކުކަމުގައި ދެކިގެންނެވެ. އެމީހުން އެކަމުން ސަލާމަތް
ކުރުމަށްޓަކައި އަހަރެމެން ކަންތައްތަކެއް ކުރަންޖެހެއެވެ. ވިސްނުންތަކެއް
ވިސްނަންޖެހެއެވެ. އަހަރެމެންނަށް އެމީހުން އަލުން އަނބުރާ މުޖުތަމައުއަށް ނެރެން ޖެހެއެވެ. އެއީ
އަހަރެމެންގެ މައްޗަށް ވާޖިބެކެވެ.
އެމީހުން މުޖުތަމަޢަށް
ގެނައުމަށްޓަކައި އަޅާލުމާއި ލޯބި ދޭންޖެހެއެވެ. އެމީހުންގެ ހިތުގައި އެމީހުންނަކީވެސް
ބޭނުންތެރި ބަޔެއްކަން ޤަބޫލުކުރުވަން ޖެހެއެވެ. އެމީހުންނަށް ހިތްވަރުދީ އެމީހުންގެ
ހިތުގައި އެކަމުގެ ޖޯޝް އާލާކުރަން ޖެހެއެވެ. އެމީހުން އަލުން އަނބުރާ މުޖުތަމަޢަށް
ގެނައުމަށްޓަކައި މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ އެހީލިބެން ޖެހެއެވެ.
އެހެންނޫނީ މިކަން ކާމިޔާބުވުމަކީ މާކަ ކައިރިކަމެއްނޫނެވެ.
އަދި މީގެ އިތުރުން މަސްތުވާ ތަކެތި ބޭނުން ކުރާ
ޒުވާނުންގެ ޢަދަދު މަދުކުރެވޭނީ
ދީނީ
ގޮތުން ހޭލުންތެރިކަން އިތުރު
ކުރެވިގެންނެވެ.މަސްތުވާތަކެއްޗާމެދު މުޖުތަމަޢު ހޭލުންތެރި ކުރެވިގެންނެވެ.ހަމަ އެހެންމެ ތަފާތު
އިޖްތިމާޢީ މައްސަލަތައް ކުރިމަތިވެފައިވާ
ކުދިންނަށް އިޖްތިމާޢީ ރައްކާތެރިކަން ލިބޭނޭމަގު ފަހިކުރެވިގެންނެވެ. ޒުވާނުންނަށް މަސައްކަތާއި
ހުނަރުވެރިކަން ދަސްކޮށްދީ ވަޒީފާގެ ފުރުޞަތު
ލިބިދިނުމަކީވެސް ޒުވާނުން މަސްތުވާ ތަކެއްޗާ ދުރުކުރުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. މީގެ
އިތުރުން މަސްތުވާތަކެތި
ބޭނުންކުރާ ޒުވާނުންގެ ނިސްބަތް މަދު ކުރުމަށްޓަކައި މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓުވޭނޭ
ގޮތްތަކެއްވެސް ހޯދަން ޖެހެއެވެ.
މުޖުތަމަޢުގެ އެންމެހާ ފަރުދުންނޭވެ! ތިޔަބައިމީހުންގެ
މުސްތަޤުބަލް ކަމުގައިވާ ޒުވާނުން އެވަބާގައި ޖެހި ފިތުނަ ނުދޭށެވެ. އެމީހުން
އެކަމުން ސަލާމަތްކުރާށެވެ. މުސްތަޤުބަލުގެ ޒުވާނުންނޭވެ! އެކަމަށް
ރައްކާތެރިވާށެވެ. އަޚްލާޤަކީ ކަނޑިއެއްކަން ހަނދާންކޮށް އޭގެން ކުރިއަށްދާނެ މަގު
ކޮށާށެވެ. އޭރުން ކާމިޔާބުވާނެއެވެ. ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްޤެކެވެ.
މަސްތުވާ ތަކެތީގެ ސަބަބުން މިޤައުމު މި ހަލާކުވަމީ. އެ ބޭނުންކުރާމީހަކަށް ނުކުރެވޭނެ ނުބައިކަމެއް ނޯންނާނެ
ReplyDelete